ޅ ފެލިވަރުގައި އެއާޕޯޓު އެޅުމަށް ސަރުކާރުން ހުޅުވާލި ފުރުޞަތުގައި ބޭރުގެ ތިން ކުންފުންޏަކާއި ދިވެހި ތިން ކުންފުންޏަކުން އެކަމަށް އެދި ހުށަހަޅައިފިއެވެ.
މިކަމާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ރީޖަނަލް އެއާޕޯޓްސް ޑިރެކްޓަރ ޖެނަރަލް ސާމީ އަގީލް ވިދާޅުވީ، ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި މުއްދަތު މިމަހުގެ ހަވަނަ ދުވަހު ހަމަވިއިރު، ޅ ފެލިވަރުގައި އެއާޕޯޓު އެޅުމަށް ޝައުގުވެރިކަން ފާޅުކޮށް ފައިވާ ހަ ފަރާތަށް، އެ ކުންފުނިތަކުގެ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އިވެލުއޭޓް ކުރުމަށް ފަހު، ޕްރޮޕޯސަލްތައް ހުށަހެޅުމަށް ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
ޅ ފެލިވަރުގައި އަށާރަ ސަތޭކަ މީޓަރުގެ ދިގު ރަންވޭއަކާއެކު އެއާޕޯޓެއް ތަރައްޤީ ކުރުމަށް ސަރުކާރުން ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޅ ފެލިވަރުގައި އެއާޕޯޓް ތަރައްގީކުރާ ފަރާތަކަށް ރިސޯޓެއް ހެދުމަށް ކައިރީގައި އޮންނަ ޅ. މަޑިވަރު ދޭނެކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ.
މި ޕްރޮޖެކްޓަށް ޝައުޤުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި ދިވެހި ތިން ކުންފުންޏަކާއި، ޔޫރަޕާއި މެދުއިރުމަތީގެ އިތުރުން އޭޝިޔާގެ ކުންފުނިތައް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...