ދެހާސް ބާރަ ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަސް އަދި އަށް ވަނަ ދުވަހަކީ ދިވެހި ތާރީޚު މިހާތަނަށް ނުދެކޭފަދަ ބިރުވެރި ހިތްދަތި ނާމާން ތިން ދުވަހަށް ވެގެން ދިޔައީ ޤައުމުގެ އެންމެ އިސް މަޤާމުގައި އެވަގުތު ހުންނެވި ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ޤާނޫނު އަސާސީ އާއި ޤާނޫނު ތައް މުގުރާލައްވައިގެން ވެރިކަން ކުރައްވާން އުޅުއްވުމުން ކަމަށް އެއްބަޔަކު ބުނާއިރު، އަނެއްބަޔަކު ބުނަނީ ހަތެއް ފެބުރުއަރީ ގައި ނަޝީދުގެ ވެރިކަން ވައްޓާލާފައި ވަނީ ރޭވިގެން ހިންގުނު ވަރުގަދަ ބަޣާވާތަކުން ކަމުގައެވެ. އެހެން ކަމުން ހަތެއް ފެބުރުއަރީގެ ޙާދިސާ އާއި އޭގެ ކުރީ ދުވަހާއި ފަހު ދުވަހު ހިނގާދިޔަ ކަންކަމުގެ މައްޗަށް މިއަދު ވެސް އަލި އަޅުވާލުމަކީ ކުރިމަގުގައި ރާއްޖޭގެ ވެރިކަން ކުރައްވަން ތިއްބެވި ބޭފުޅުން ނާއި މިއަދު ވެރިކަމުގައި ހުންނެވި ބޭފުޅާ ވެސް އެއިން ޢިބުރަތް ޙާޞިލު ކުރައްވަން ޖެހޭ ހާދިސާއެއްކަން އެއީ ދިވެހިން މިއަދު ޤަބޫލު ކުރާ ޙަޤީޤަތެކެވެ.
6 ފެބްރުއަރީ 2012 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ފުލުހުންނާއި ސިފައިންނާއި ދެމެދު ކުރިމަތިލުމަކަށް ދާންޖެހޭ ހިސާބަށް ކަންކަން ދިޔައީ ކޮންޑަރ އިން ޗީފްގެ ގޮތުގައި ހުންނެވި އޭރުގެ ރައީސް ނަޝީދު ކުރައްވަމުން ގެންދެވި އޯޑަރުތަކުގެ ސަބަބުން ކަމުގައި ދިވެހި ގައުމީ ދިފާޢީ ބާރުން ވަނީ ބުނެފައެވެ.
6 ފެބްރުއަރީ ދުވަހުގެރޭ ޖުމްހޫރީ މައިދާން ސަރަހައްދު ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގެންނެވި ސިފައިންގެ ފަސްޓް ލެފްޓިނެންޓް އަލީ އިހުސާން ވިދާޅުވީ، ސިފައިންނަކީ އެމީހުންގެ ތެރޭގައި ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ މަތީން އިސްކޮށްފައިވާ ކޮމާންޑަރުންގެ އޯޑަރުތަކަށް އަމަލުކުރާ ބައެއްކަމަށެވެ. އެހެން ނަމަވެސް 6 ފެބްރުއަރީ ދުވަހުގެރޭ ކޮމާންޑަރ އިން ޗީފް ބަންޑާރަ ކޮށި ތެރޭގައި ހުންނަވައިގެން ކުރައްވަމުން ގެންދެވި ތަފާތު އެކި އޯޑަރުތަކުގެ ސަބަބުން އެދުވަހުގެ އެ ހާލަތުގައި ސިފައިންގެ ތެރޭގައި ތިއްބެވި ކޮމާންޑަރުންނަށް ވެސް ވާނުވާ ނޭގި މަސްރަހު ގޯސްވަމުން ދިޔަކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. ސިފައިންނަކީ ކުރިމަތިވާ ކަންތައްތަކުގައި ޕްރޮފެޝަނަލް ކަމާއި އެކު ކުރިމަތިލައި ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭ ބަޔަކަށް ވާއިރު، ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒާއި، ސިޔާސީ އޯޑަރު ތައް އައުމަކީ އެދުވަހުގެ ކަންކަން ގޯސްވުމަށް ދިމާވި އެންމެބޮޑު އެއް ސަބަބު ކަމަށް އިހުސާން ވިދާޅުވެފައި ވެއެވެ.
6 ފެބްރުއަރީ ދުވަހުގެ ރޭގެ ކަންތައްތައް ހިގާދިޔަ ގޮތަށް އިޝާރާތް ކުރައްވަމުން އެދުވަހު ސިފައިންގެ ތެރޭގައި އިސްކޮށް އުޅުއްވި ކޮމާންޑަރެއް ކަމަށްވާ އަބްދުލް މަންނާން ޔޫސުފް ވެސް ވިދާޅުވީ އެރެޔަކީ ފުލުހުންނަށް ތަކުރާރުކޮށް ކުރަމުންދިޔަ ގާނޫނާއި ހިލާފް އޯޑަރުތަކާއި، އަމުރުތަކާއި ދެކޮޅަށް ފުލުހުން ނޫނެކޭ ބުނެ އެފަދަ އަމުރުތައް ނުކުރާނޭ ކަމަށް އޭރު ކޮމިޝަނަރ އަކަށް ހުންނެވި ފަރާތުގައި އެދެމުންދިޔަ ރޭ ކަމަށެވެ. އެހެން ނަމަވެސް ހަތެއް ފެބުރުއަރީގެ ޙާދިސާ އަށް މަގު ފަހިވެފައި ވަނީ އޭރުގެ ކޮމިޝަނަރ އަކަށް ހުންނެވި ބޭފުޅާގެ ފަރާތްޕުޅުން މިކަމުގެ އެއްވެސް އިޝާރާތެއް ނުލިބި ފުލުހުންގެ އިހުސާސްތައް ކޮޅުން ލައިގެން ދިޔުމުން ކަމުގައި މަންނާނުވެސް ވިދާޅުވެފައި ވެއެވެ.
7 ފެބުރުއަރީއަށްފަހު ސިފައިންނާއި ފުލުންނަށް ނިސްބަތްކޮށް އެކި ފަރާތްތަކުން ކުރައްވަމުން ގެންދަވާ ތުހުމަތުތަކާއި ގުޅޭގޮތުން އިހުސާން ވިދާޅުވީ، ސިފައިންނަކީ ފައިސާއާއި، ލިބޭ ތަކެއްޗަށް ބަލައިގެން މަސައްކަތް ކުރާ ބައެއްނޫން ކަމަށެވެ. ސިފައިންނަކީ ކޮންމެ ދުވަހަކުވެސް ގައުމަށް ދިމާވެދާނެ ކަންތައް ތަކަށާއި، ގައުމީ ބޮޑެތި ކަންކަމުގައި އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގައި މާތްﷲ ގަންދީ ހުވާ ކޮށްގެން ތިބި ބަޔަކަށްވާއިރު، ފުލުހުންނާއި ސިފައިންގެ ކުރިމަތީގައި ގައުމީ ހިދުމަތަށްވުރެ އިސްކަން ދެވޭނޭ އެހެން ކަމެއް ނޯންނާނޭ ކަމަށް އިހުސާން ވިދާޅުވެފައި ވެއެވެ.
ހަތެއް ފެބުރުއަރީގައި ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވަންޖެހޭ ޙާލަތެއް މެދުވެރި ނުވާ ކަމަށް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްޙަތު އިބުރާހީމް ވެސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެދުވަހު ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު އުޅޭ ކަމަށް ބުނެ އަޑު އަރުވައި ރައްޔިތުންގެ ތެރޭގައި ބޮޑު ނުތަނަވަސް ކަމެއް އުފެއްދީ އެމްޑީޕީގެ އެކްޓިވިސްޓުން ކަމުގައި ވެސް އެމްޑީޕީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މީޑިޔާތަކަށާއި އެހެން ފަރާތްތަކަށްވެސް ސިއްރުކޮށްގެން ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި އެމްޑީޕީގެ ޕާލިމެންޓް މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވައި ވާހަކަ ދައްކަވަމުން އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްޙަތު އިބުރާހީމް ކަލޭފާނު ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ސިފައިންގެ ތެރެއިން އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، އެފަދަ ކަމެއް ބަޔަކު ހިންގަން އުޅޭ ކަމުގެ މަޢުލޫމާތެއް ވެސް އެއްވެސް އިރެއްގައި ލިބިވަޑައި ގެންފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓުން އެފަދަ ޕްލޭން ތަކަކާއި ކުރެހުން ތަކެއް ކުރަހައިގެން އެއްފަހަރަކު އެފަދަ އަޑު ތަކެއް އެރުވި ކަމަށާއި، އެކަން ހިނގާފައި ވަނީ ވަރަށް ދެރަ ގޮތަކަށް ކަމުގައި އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އެމްޑީޕީގެ މަޖިލިސް މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވިދާޅުވެފައި ވެއެވެ.
އެމްޑީޕީގެ ޑިފެންސް މިނިސްޓަރ ވަނީ ސިފައިންގެ ހަފްލާއެއްގެ ތެރޭގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަ ކޮށްލަން ރާވަމުން ދިޔަ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިވަޑައި ގެންފައިވާ ކަމަށް ވިދާޅުވެ ސިފައިންގެ ކުރީގެ އިންޓެލިޖެންސް ޗީފް ރައީސް ނަޝީދާ ގާތް ގުޅުން ތަކެއް އޮންނަ ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ނިލާމް ދެއްކެވި ވާހަކަތައްވެސް ދޮގު ކުރައްވާފައެވެ.
މީގެ އިތުރުން ހަތެއް ފެބްރިއަރީގައި ނަޝީދު އިސްތިއުފާ ދެއްވުމާއިއެކު ނައިބު ރައީސް ކަމުގައި އޭރު ހުންނެވި ޑރ މުހަންމަދު ވަޙީދުވެސް އިސްތިއުފާ ދެއްވުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނާއިބު ރައީސް އިސްތިއުފަ ދެއްވިނަމަ ގައުމު ވަރަށް ގޯސް ހާލަތަކަށް ވެއްޓުނީސް ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ޙާޒިރުވެ ވަޑައިގެން މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްޙަތު އިބުރާހީމް ކަލޭފާނު ވިދާޅުވީ، ހަތެއް ފެބުރުއަރީގައި އޭރުގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާއިއެކު އޭރުގެ ނައިބު ރައީސް ޑރ މުޙައްމަދު ވަޙީދު ޙަޞަން މަނިކުވެސް ނައިބު ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް މަސައްކަތް ކުރެއްވި ކަމުގެ މަޢުލޫމާތު ލިބިވަޑައި ގެންފައި ވާކަމަށާއި، އެ ދުވަހު އެމަނިކުފާނު އިސްތިއުފާ ނުދެއްވީ ސިޔާސީ އިސް ފަރާތްތަކުން ތަކުރާރުކޮށް އެކަން އެގޮތަށް ނުކުރެއްވުމަށް އެދިވަޑައިގަތުމުން ކަމަށެވެ.
ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ އެދުވަހު ޑރ ވަޙީދު އިސްތިއުފާ ދެއްވި ނަމަ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ޤައުމު ވެއްޓި ޤައުމުގެ ޙާލަތު މުޅިން އެހެން ކަހަލަ ގޮތަކަށް ބަދަލު ވުމުގެ ފުރުޞަތު އޮތް ކަމަށެވެ. އެހެން ކަމުން ނައިބު ރައީސް ޑރ މުޙައްމަދު ވަހީދު ޙަޞަން މަނިކު އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތު އުފުއްލަވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމު ހަމަ މަގަށް އެޅުވުމަށް މަސައްކަތްޕުޅު ނުކުރެއްވި ނަމަ ޑިމޮކްރަސީއެއްގައި ފެނިގެން ނުވާނެ އެތައް ކަމެއް ފެނިގެން ދިޔުމުގެ ފުރުޞަތު އޮތް ކަމަށްވެސް ކުރީގެ ޑިފެންސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
ވެރިކަން ބަދަލުވީ ދުވަހުވެސް ދިވެހި ސިފައިން މަސައްކަތް ކުރީ ދިވެހި ދައުލަތާއި ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންގެ ޙިމާޔަތުގައި ކަމަށް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްޙަތު އިބުރާހިމް ކަލޭފާނު ވިދާޅުވީ ވެރިކަން ބަދަލުވީ ދުވަހު ކަންކަން ކޮންޓްރޯލުން ނެއްޓެމުން ދިޔަ އިރުވެސް އޭރު ސިފައިންގޭގައި ތިއްބެވި އިސް ޖެނެރަލުން ޔުނީފޯމް ތުރު ކުރައްވާފައި ނުވާ ކަމަށާއި، އެހެން ކަމުން އެ ދުވަހު މަސްއޫލިއްޔަތު އަދާ ކޮށްފައި ނުވަނީ ކޮން ބައެއްކަން އެކަމުންވެސް ސާފުވާ ކަމަށެވެ.
ހަތެއް ފެބުރުއަރީގައި ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ތުހުމަތުކޮށް ވެރިކަން ބަދަލުވީ ޙާދިސާގެ ފުރިހަމަ ޒިންމާ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްޙަތު އިބުރާހިމް ކަލޭފާނު އުފުއްލަވަން ޖެހިވަޑައި ގަންނަވާނެ ކަމަށް ތުހުމަތު ކުރައްވާ ބޭފުޅުން އެދުވަހު މަސްއޫލިއްޔަތު އަދާ ނުކުރައްވާ ޔުނީފޯމު ތުރު ނުކުރައްވާ ތިއްބެވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި، ގަދަ ހުން ޖެހިގެން އޮންނެވި އިރު ވެސް ސިފައިން ހިންގަވާ އޮޕަރޭޝަން ތަކުގައި ޔުނީފޯމް އަޅުއްވައިގެން އުޅުއްވާ ޖެނެރަލުން އެދުވަހު ޔުނީފޯމު ނާޅުއްވާ ތިއްބެވުމުން ހަތެއް ފެބުރުއަރީގައި އަސްލު ލައިނުގައި ތިބި ބަޔަކު ވަރަށް ރަނގަޅަށް ސާފުވާ ކަމަށް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ ސިފައިންގެ ކުރީގެ ޖެނެރަލުން ކަމަށްވާ ޖެނެރަލް ނިލާމާއި، އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް މޫސާ ޢަލީ ޖަލީލު ޔުނީފޯމް ނާޅުއްވައި ތިއްބެވުމުގެ އިތުރުން ވެސް އެދުވަހު އެތައް ކަމެއް ފާހަގަ ކުރެއްވުނު ކަމަށާއި، ސަލާމަތީ ބާރު ތަކުގައި ހިމެނޭ ފުލުހުން ހަތެއް ފެބުރުއަރީގައި އެވަރުގެ އިހުތިޖާޖެއް ކުރަން ޖެހުނީ ފުލުހުންގެ ލީޑަރޝިޕްގެ ވަރަށް ބޮޑު ފެއިލިއަރ އަކުންކަމަށެވެ.
އެގޮތުން އޭރުގެ ހޯމް މިނިސްޓަރާއި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ ދައުރު ވެސް މި ކަމުގައި ބަލަން ޖެހޭ ކަމަށާއި މިކަމުގައި އެބޭފުޅުންގެ ޒިންމާ ވަރަށް ބޮޑު ކަމުގައި ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްޙަތު އިބުރާހިމް ކަލޭފާނު ވިދާޅުވިއެވެ.
ތޮލްޙަތު ވިދާޅުވީ ކަންކަން އެހިސާބަށް ދިޔުމުގެ ކުރިން ފުލުހުންގެ ޑިމާންޑާ އެއްގޮތަށް ފުލުހުންނާ ބައްދަލު ކުރައްވައި ކަންކަން ޙައްލު ކުރެއްވުމަށް ބަންޑާރަ ކޮށީގައި ހުންނެވި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީޙުގެ އަރިހުގައި ތަކުރާރުކޮށް އާދޭސް ދެންނެވި ކަމަށާއި، ފަސީޙު އެތަނަށް ވަޑައިގެން ފުލުހުންނާއި ބައްދަލު ކުރައްވާ ކަންކަން ޙައްލު ކުރައްވަން މަސައްކަތް ކުރެއްވި ނަމަ ހަތެއް ފެބުރުއަރީގައި ދިވެހިން ތަޖުރިބާކުރި ހިތި ތަޖުރިބާ ތަކާއި ހަމައަށް ނުގޮސް ކަންކަން ޙައްލުވުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމަށެވެ.
ތޮލްޙަތު ވިދާޅުވީ އެދުވަހުގެ ޙާލަތު އޮތް ގޮތަށް ބައްލަވާއިރު ނަޝީދު އިސްތިއުފާ ދެއްވަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައި ނުވާ ކަމަށާއި، އެހެން ނަމަވެސް ކުއްލި ގޮތަކަށް އިސްތިއުފާ އިޢުލާނު ކުރެއްވުމުން ކުއްލި ހައިރާން ކަމެއް ލިބިވަޑައި ގެންނެވި ކަމަށެވެ.
އެހެން ނަމަވެސް އޭގެ ކުރިން ސިފައިންގެ އާދައިގެ ކުދިން ކޮޅަކާއި ބައްދަލު ކުރައްވައި އިސްތިއުފާ ދެއްވަން ވީތޯ ސުވާލު ކުރެއްވުމާއި ހަމައިން މަންޒަރު ބަދަލުވެ އާދައިގެ ސިފައިންގެ ކޮންތްރޯލް ވެސް ސިފައިންގެ އިސް ވެރިންގެ އަތުން ދޫވެފައިވާ ކަމުގައި ކުރީގެ ޑިފެންސް މިިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި، ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ފުލުހުން ދައްކުވާދީފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގައުމަށް ވުރެ ކުރިޔަށް އެހެން އެއްވެސް ކަމެއް އިސް ނުކުރެވޭނެ ކަން ކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ވެސް ވަނީ ބުނެފައެެވެ.
ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީން ކޯނީން ވެރިކަން ބަދަލުވިގޮތާއި ގުޅިގެން ނެރުނު ރިޕޯޓަށް އަލިއަޅުވާލައި ފުުލުހުންގެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވެރިކަން ބަދަލުވުމާއި ގުޅޭގޮތުން ކުރީގެ ރައީސް ނަޝީދާއި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ފުލުހުންނާއި މެދު ކުރަމުންދިޔަ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތު ތަކެއްކަން ކޯނީން ތަހްގީގްކޮށް އާންމު ކޮށްފައިވާ ރިޕޯޓުން ވަރަށް ސާފްކޮށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި ފެބްރުއަރީ ހަތްވަނަ ދުވަހު ފުލުހުން ދައްކުވައިދީފައިވަނީ ގާނޫނުު އަސާސީއާއި ގައުމަށްވުރެ ކުރިއަށް އެހެން އެއްވެސް ކަމެއް ނުގެނެވޭނެކަމާއި، ގާނޫނަށް ބޯލެނބުމާއި ގާނޫނު ނެގެހެއްޓުމުގައި އެއްވެސް ފަސްޖެހުމެއް ނެތްކަން ކަމުގައި ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ފެބްރުއަރީ ހަޔެއް ހަތެއް އަދި އަށެއްގައި ހިނގާދިޔަ ހާދިސާތަކުގެ ތެރޭގައި ފުލުހުންގެ ފަރާތުން ހިނގާފައިވާ ކަންތައްތަކާއި ގުޅޭގޮތުން ކޯނީން ފާހަގަ ކުރައްވާފައިވާ ކަންކަން މުރާޖަޢާކޮށް އެފަދަ އަމަލުތައް ތަކުރާރު ނުވާނެ ގޮތެއްގެ މަތީން ކަންކަން ހަމަޖެއްސުމަށް ޓަކައި ބޭނުންވާ އެންމެހާ ކަންކަން އިންތިޒާމްކޮށް ހަމަޖައްސައި އެކަންކަމާއި ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންގެ ފަރާތުން އަޅާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
އަދި މިމައްސަލަތަކާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކުން ހުށަހަޅާފައިވާ ކަންކަން ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުންދީ އެމުއައްސަސާތަކުގެ ނިންމުންތަކަށް އިހްތިރާމްކޮށް ބަލައިގަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ނެރެފައިވާ ތިން ސޮފުހާގެ މި ބަޔާނުގައި ފެބުރުއަރީ ހަވަނަ ދުވަަހުން ފެށިގެން އަށްވަނަދުވަހާއި ހަމައަށް ހިނގާފައިވާ ކަންކަމުގެ މައްޗަށް ކުރެވިފައިވާ ތަހްގީގްތަކުގެ ނަތީޖާއަށް ބަލާއިރު ފުލުހުންނަށް ލިބޭ އެންމެ ބޮޑު އިބުރަތަކީ ސިޔާސީ ފަރާތްތަކުން ސިޔާސީ މަންފާއެއް ހާސިލް ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ބޭނުން ގާނޫނީ ތަރަހައިގެ ބޭރުން ނަހަމަގޮތުގައި ކުރުމަކީ ގައުމީ މަސްލަހަތު ގެއްލި ހިގައިދާނެކަމެއް ކަމުގައި ވަނީ ބުނެފައެވެ.
އަދި ސިޔާސީ ފައިދާއެއް ހޯދުމަށްޓަކައި ފުލުހުންގެ މަސައްކަތުގެ ތެރެއަށް ނުފޫޒް ނުފޯރުވުމަށާއި ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް މިނިވަންކަމާއި ހަމަހަމަ ކަމާއެކު އަދާކުރެވޭނެ ފަދަ މާހައުލެއް ތަނަވަސް ކޮށްދެއްވުމަށް ހުރިހާ ސިޔާސީ ފަރާތްތަކަށް މިބަޔާނުގައި ފުލުހުން ގޮވާލާފައިވެއެވެ. މީގެއިތުރުން ފުލުހުންނަކީ އެއްވެސް ހާލަތެއްގައި ހަމައެކަނި ވަކި މަގާމެއްގައި ހުންނަ ބޭފުޅަކަށް ވަފާތެރިވެ، ތަބާވާންޖެހޭ ބައެއް ނޫންކަމަށާއި ފުލުހުން ވަފާތެރިވެ ތަބާވާންޖެހޭނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
ހަތެއް ފެބުރުއަރީގައި ވެރިކަން ބަދަލު ނުވީނަމަ، ދިވެހި ރާއްޖޭގެ ޝަރުޢީ ދާއިރާ އުވާލާ، ބަޑިޖަހާ، މީހުން މަރާ، އެތައް ބަޔަކު ހައްޔަރު ކުރުމަށް ޕްލޭން ކޮށްފައި ވާކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. މި މައްސަލާގައި ޕިޕީއެމްގެ ކައުންސިލް މެންބަރު އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ޙުޞައިން މަނިކު ވިދާޅުވީ، ހަތެއް ފެބުރުއަރީގައި ވެރިކަން ބަދަލުވީ އޭރުގެ ރައީސް ނަޝީދު ޤާނޫނު އަސާސީއާއި ޤާނޫނު ތަކާ ޚިލާފަށް ހިންގަވަން އުޅުއްވި ބަޣާވާތަކަށް ރައްޔިތުންނާއި ފުލުހުންނާއި ސިފައިން ފުރުޞަތު ނުދިނުމުން ކަމަށެވެ.
ނިހާން ވިދާޅުވީ، ހަތެއް ފެބުރުއަރީގެ ބަޣާވާތުގެ ތެރެއިން ރައްޔިތުން ރައްޔިތުންނާ ތަޅުވައި، ލޭ އޮހޮރުވުމަށް ފަހު ޤައުމުގައި އިމަރޖެންސީ ހިންގައި ޝަރުޢީ ދާއިރާ އުވާލުމަށާއި، އިދިކޮޅު ސިޔާސީ އިސް ހުރިހާ ފަރާތްތަކެއް ޖަލަށްލުމަށް ނަޝީދު ރާވާފައި ވާކަމަށާއި، ނަޝީދު ރާވާފައިވާ ބަޣާވާތުގެ ލިޔެކިޔުން ތައް ނާކާމިޔާބުވީ ބަޣާވާތަށްފަހު ނަޝީދުގެ ސިއްރު ސަރަޙައްދު ތަކަށް ވަދެވުނު ބައެއް ފަރާތްތަކަށް ވެސް ފެނިފައި ވާކަމަށެވެ.
ނިހާން ވިދާޅުވީ، އެދުވަހު ނަޝީދު ހިންގަވަން އުޅުއްވި ބަޣާވާތް ނާކާމިޔާބު ނުވެ ސަލާމަތީ ބާރުތަކުން ނަޝީދަށް ތަބާވި ނަމަ ސިފައިން ލައްވާ ފުލުހުންގެ ގަޔަށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖަހަންވެސް ފަހަށް ނުޖެހޭނެ ކަމަށާއި، ނަޝީދަށް އެކަން ޙާޞިލް ނުވީ ނަޝީދުގެ ޣައިރު ޤާނޫނީ އަމުރުތަކަށް ސިފައިން ވެސް ތަބާ ނުވުމުން ކަމަށެވެ. އެހެން ކަމުން ނަޝީދު ހިންގަވަން އުޅުއްވި ބަޣާވާތް ނާކާމިޔާބުވެ ވެރިކަން ބަދަލުވީ ދުވަހު ދިވެހި ސިފައިންނާއި ފުލުހުން ރައްޔިތުންގެ ޙައްޤުގައި ވީ ޤުރުބާނީ އަކީ މި ޤައުމުގެ ތާރީޚުގައި ދުވަހަކުވެސް ދިވެހި ރައްޔިތުން ހަނދާން ނެތޭނެ ކަމެއް ނޫން ކަމަށް ނިހާން ވިދާޅުވިއެވެ.
ފެބްރުއަރީ ހަތަކީ ކުރީގެ ރައީސް "އަމިއްލަ އަށް ކުރެއްވި ކަމެއް" ކަމަށާއި އެ މަނިކުފާނު އިސްތިއުފާ ދެއްވީ ދެން ވެރިކަން ނުކުރެއްވޭނެ ކަން އެނގިވަޑައިގެންނެވުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހްމީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ޓްރޭޑާސް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ "ސިފައިންނާއި ފުލުހުން ވަކި ހިސާބަކުން އޭނާގެ [ކުރީގެ ރައީސް ނަޝީދު] އަމުރަށް ކިޔަމަން ނުވީ" ކަމަށެވެ. އަދި "އެއީ ބަޣާވާތަކަށް ވަންޏާ އެއީ ބަޣާވާތް" ކަމަށް ގާސިމް ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުން ކުރީގެ ރައީސް ނަޝީދުގެ އަމުރަށް ކިޔަމަން ނުވީ ޣައިރު ގާނޫނީ އަމުރު ކުރައްވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުންނަށް ޣައިރު ގާނޫނީ އަމުރުކުރީ ނަޝީދު ކަމަށާއި ހަތެއް ފެބުރުއަރީ އަކީ ނަޝީދު ގާނޫނު އަސާސީއާ ހިލާފަށް މީހުން ގެންގޮސް ހައްޔަރު ކޮށްގެން އަމިއްލަ އަށް ހިންގި ޖަރީމާއެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
ނަޝީދަކީ މިހާރު ވެސް ހައްޔަރު ކުރަން ޖެހޭ ބޭފުޅެއް ކަމަށާއި "ގާނޫނު އަސާސީން އެކަން ކުރާނެ" ކަމަށް ވެސް ޤާޞިމް ވިދާޅުވި އެވެ. އަދި އެކަން ނުކޮށްފި ނަމަ ދެން އަންނަ ވެރިން ވެސް ސިފައިން ބަދުނާމު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ނަޝީދަށް ވެރިކަން ނުކުރެއްވޭނެކަން އެމަނިކުފާނަށް އެނގިވަޑައިގެން އިސްތިއުފާ ދެއްވުމަށް ފަހު، މިހާރު މަސައްކަތްކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލެއްވުމުގެ ގޮތުން ކަމަށާއި އެއީ "ރައްޔިތުންނަށް ވިހަލުން" ކަމަށް ގާސިމް ވިދާޅުވި އެވެ.
ފެބްރުއަރީ ހަތަކީ ބަޣާވާތެއް ނޫން ކަމަށް މި ރަސްމިއްޔާތުގައި އަލްހާން ވެސް ވިދާޅުވި އެވެ. އަދި ހަތެއް ފެބުއަރީ އަކީ ބަޣާވާތެއް ކަމަށް މިހާތަނަށް އެނގެން ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބުރާހީމް ދީދީ ނުވަތަ ޑރ ޑީޑީ ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް ނަޝީދުގެ ވެރިކަން ބަދަލުވެފައިވަނީ ބަޣާވާތަކުން ކަމަށާއި މިހާރު ވެސް އޮންނަން ޖެހޭނީ ނަޝީދުގެ ވެރިކަން ކަމަށް އެ ދެ ބޭފުޅުން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަސް (ހަތެއް ފެބްރުއަރީ) އަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ވެރިން ފެއިލްވެގެން ދިޔަ ދުވަހެއް ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ކުރިން ވެސް ވަނީ އެމްޑީޕީގެ ޖަލްސާއެއްގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ދައުރުގެ މެދު ތެރެއިން އޭރުގެ ނާއިބު ރައީސް އަދި މިހާރުގެ ރައީސް މުހަންމަދު ވަހީދާ ވެރިކަން ހަވާލުކުރަން ނަޝީދު އެއްބަސްވެވަޑައިގެންފައިވާކަން އެނގިވަޑައިގެންނެވި ކަމަށް ނަޝީދުގެ ސިޔާސީ މުޝީރެއްގެ ގޮތުގައި ކުރިން ހުންނެވި ޑރ. ހަސަން ސައީދު ވެސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި މިހާރުގެ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ފަރާތްތަކާއި ބައިނަލް އަޤްވާމީ ފަރާތްތަކާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ، ދިވެހި ރާއްޖޭގެ އޭރުގެ ޕްރޮސެކިޔުޓަރ ޖެނެރަލާއި ޗަރުޢީ ދާއިރާގެ ބައެއް ފަރާތްތަކާއި ދައުލަތުގެ މުއައްސަސާ ތަކުގެ ވާހަކާގައި އެއްގޮތް ކަމެއް ހުރި ނަމަވެސް އެމްޑީޕީން ދައްކާ ވާހަކަ ވަރަށް ތަފާތެވެ.
އެމްޑީޕީގެ ތަފާތު ވާހަކަ؟
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރުންތަކަކާއި އެމްއެންޑީއެފާއި ރިޓަޔާޑް ފުލުހުންތަކަކާއި ސިފައިންގެ ބޭފުޅުންތަކެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސައްލާކޮށްފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލް ތައްޔާރު ކުރައްވައި ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.
މި ރިޕޯޓުގައި ބުނި ގޮތުގައި ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތުގެ ފެށުމަކީ، އެމްއެންޑީއެފުން ވަކިވެފައިވާ ވޮރަންޓް އޮފިސަރު ގްރޭޑް 1 އަދި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލަކާއި ރިޓަޔާޑް ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކު ވެރިކަން ބަދަލުކުރުމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު މާޒް އަހުމަދު ސަލީމްގެ އެޕާޓްމަންޓްގައި ކުރި މަޝްވަރާ އެވެ. އެ އެޕާޓްމަންޓުގައި، ކުރި ސައްލާގައި ނަޝީދުގެ ވެރިކަން ބދަލުކުރެވޭނެ ހަމައެކަނި ގޮތަކީ ސިފައިންނާއި ފުލުހުންގެ 500 އެއްހާ މީހުން ޖުމްހޫރީ މައިދާނުގައި އިހްތިޖާޖުކުރުން ކަމަށް ވޮރަންޓް އޮފިސަރު 1 ހުށަހެޅި ކަމަށް ރިޕޯޓުގައިވެ އެވެ. އެ ހުށަހެޅުމާ އެއްގޮތަށް، އެމަގުން ކަންކުރުމަށް އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
"މި މަޝްވަރާތަކުގައި ރިޓަޔާޑު ޕޮލިސް ޑެޕިއުޓީ ކޮމިޝަނަރު އެކަން އެގޮތަށް ކުރެވިދާނެ ކަމުގެ ޔަގީންކަން އެރުވުމުން ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު އެކަން އެގޮތަށް ކުރެވިދާނެކަމާ މެދު ސުވާލު އުފެއްދެވި އެވެ. އުމަރު ނަސީރު އެގޮތަށް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެއްދިކަމުގައި ވިއަސް މި ބައްދަލުވުމުގެ ބައިވެރިން އެކަމާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ނިންމީ އެފަދަ ހަރަކާތެއް ގެނައުމުގެ މާހައުލެއް އުފެއްދުމަށް މަސައްކަތް ފެށުމަށެވެ،" ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ބުނާ ގޮތުން، އޭގެ ފަހުން ސިޔާސީ އެކި ފަރާތްތަކާ އެކު އެ ބައްދަލުވުމުގެ މައުލޫމާތު ހިއްސާކުރި އެވެ. އަދި އަދާލަތު ޕާޓީ އޮފީހުގައި ވެސް އެކަމާ ގުޅޭ ދިގު މަޝްވަރާއެއް ކުރުމަށް ފަހު، 23 ޑިސެމްބަރު އިއްތިހާދު އުފެދުނީ ވެސް އެ މަޝްވަރާ އިން ކަމަށް ބުނެފައިވެ އެވެ.
އެގޮތުން 23 ޑިސެމްބަރު އިއްތިހާދުން ބޭއްވި ބޮޑު މުޒާހަރާގައި ވެސް ބައިވެރިންނާ އެކު ސަރުކާރު ވައްޓާލުމަށް އުމަރު ނަސީރު މަގުމައްޗަށް ނުކުތުމަށް މަސައްކަތް ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. ނަމަވެސް އެކަން ކާމިޔާބުނުވުމުން ދެން ރޭވީ "މާހާސިންތާ" ނަމުގައި އެހެން އެއްވުމެއް ބާއްވާ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށް ރިޕޯޓްގައި ތުހުމަތުކޮށްފައިވެ އެވެ. އެހެންނަމަވެސް ސިޔާސީ ފަރާތްތަކުގެ "ހާއްސަ އެކުވެރިޔާ"، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަކީ ފެބުރުއަރީ 24 ގައި ބާއްވަން އޮތް މަހާސިންތާގައި ނެރެން ބޭނުންވި ނަތީޖާ ކުރިއަށް ޖައްސާލުމަށް އިދިކޮޅު ފަރާތްތަކަށް ފަހިވި ފުރުސަތެއް ކަމަށް ރިޕޯޓްގައި ސިފަކުރެ އެވެ.
ސަލާމަތީ ބާރުތަކުން އޮޕަރޭޝަން "ލިބަޓީ ޝީލްޑް" ހިންގަން ފެށީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން މާލެތެރޭގައި ހިންގަފާނެ ހަމަނުޖެހުންތަކަކަށްޓަކައި ކަމަށް ވެސް ރިޕޯޓް ބުނެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދިގުދެމިގެންދާ މުޒާހަރާއެއްކުރަން ނިންމީ ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
"އަދި ކުރިން ބުނެވިދިޔަ ފުލުހުންނާއި ސިފައިންގެ 500 މީހުން ޖުމްހޫރީ މައިދާނަށް ނެރެ، ހިންގުމަށް ނިންމާފައިވާ ހަރަކާތްތައް ރޭވުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަން ފެށުނެވެ. މިގޮތުން ފުލުހުންނާއި ސިފައިންގެ ތެރެއިން އެ މީހުންނަށް ބައިއަތުހިފާނެ މީހުން ވަކިކޮށް، ދެނެގަތުމުގެ މަސައްކަތް ފެށުނެވެ. ސިފައިންގެ ތެރޭގައި އިދިކޮޅު ސިޔާސީ ފަރާތްތަކާ ގުޅޭނެ ފަރާތްތައް ހޯދައި ގުޅުން ބަދަހިކުރުމުގެ މަސައްކަތް ހިންގުމަށް ކަނޑައެޅުނު އިސް ފަރާތްތަކަކީ ކުރީގެ ސިފައިންގެ ކާނަލެއް ކަމަށްވާ މުހައްމަދު ނާޒިމެވެ. އަދި ފުލުހުންގެ ތެރޭގައި އެ މަސައްކަތް ހިންގާނެ އިސް ފަރާތަކީ ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒެވެ،" ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ފެބުރުއަރީ މަސް ފެށުނުއިރު ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް މީހުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ މެދު ގާތް ގުޅުމެއް އުފެދިފައިވެ އެވެ. "ބަޣާވާތު"ގެ ކަންކަން ރޭވެމުން ދިޔަ ގޮތް ކާނަލް ނާޒިމް ގެންދެވީ އުމަރު ނަސީރާ ހިއްސާކުރައްވަމުން ކަމަށް ވެސް ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ.
ސިފައިންނާއި ފުލުހުންގެ ތެރެއިން އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު "ބައިއަތު ހިފި" މީހުންގެ ނަންތައް ވެސް ރިޕޯޓުގައި ލިއެފައިވެ އެވެ. އޭގެ ތެރޭގައި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝިޔާމާއި ކާނަލް މުހައްމަދު ނަޝީދާއި ލެފްޓިނެންޓް ކާނަލް އަބްދުއް ރައުފާއި ލެފްޓިނެންޓް ކާނަލް އަހުމަދު ފަޔާޒު ހިމެނެ އެވެ. ފުލުހުންގެ ތެރޭގައި "ބައިއަތު ހިފީ" އެސިސްޓެންޓް ކޮމިޝަނަރު ހުސެން ވަހީދާއި ޗީފް ސްޕްރިންޓެންޑެންޓް އަބްދުﷲ ފައިރޫޝް އާއި ޗީފް ސްޕްރިންޓެންޑެންޓް ހަސަން ހަބީބާއި ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ސައުދީ އާއި ޗީފް އިންސްޕެކްޓަރު އަބްދުއްމަންނާނު ޔޫސުފާއި އިންސްޕެކްޓަރު މުހައްމަދު ދާއޫދު އާއި ސްޕްރިންޓެންޑެންޓް އަހުމަދު މުހައްމަދާއި ސްޕްރިންޓެންޑެންޓް މުހައްމަދު ޖަމްޝީދް އަދި ސަބް އިންސްޕެކްޓަރު އަޒީމް ވަހިދާއި ސްޕެޝަލް ފޯސަސް (އެސްއޯ) ގެ އިންސްޕެކްޓަރު ޝަމީމް ހިމެނޭ ކަމަށް ރިޕޯޓްގައި ވަނީ ތުހުމަތުކޮށްފަ އެވެ.
"މިދުވަސްވަރުގެ ތެރޭގައި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝިޔާމް ވެސް ކާނަލް ރިޓަޔާޑް ނާޒިމާ ބައްދަލުކުރިކަން ސިފައިންގެ އިންޓެލިޖެންސަށް އެނގިފައިވެ އެވެ. އަދި ސަރުކާރާ އިދިކޮޅު ފަރާތްތަކާ ސިއްރު ގޮތެއްގައި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝިޔާމް ބައްދަލުކުރަމުން ގެންދާކަމުގެ މައުލޫމާތު ވެސް އިންޓެލިޖެންސަށް ލިބިފައިވެ އެވެ،" ރިޕޯޓް ބުނެ އެވެ.
މުޒާހަރާތަކުގައި ފުލުހުން އުމަރު ނަސީރާ މައުލޫމާތު ބަދަލުކުރަމުން ދަނިކޮށް ފުލުސް މީހަކާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ރިޕޯޓް ބުނެ އެވެ. އެ ދުވަސްވަރު ނަޝީދުގެ ހުރިހާ ކަމެއް ސަރުކާރާ ދެކޮޅު ފުލުހުން އިދިކޮޅު ސިޔާސީ ފަރާތްތަކާ ހިއްސާކުރަމުން ދިޔަ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
"ފުލުހުންގެ ވިސްނުން ސަރުކާރާއި އަދި ރައީސުލް ޖުމްހޫރިއްޔާއާ މެދު އޮތް ގޮތް ސާފުވެގެން ދިޔަ އެއް ހާދިސާ އަކީ ފުލުހުންނާ ރައީސް ނަޝީދު އިސްކަންދަރު ކޮށީގައި ]ޖެނުއަރީ ،26 2012[ ގައި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވިއިރު އެސްއޯ ފުލުހުން ވަރަށް ބޭއަދަބީ ގޮތަކަށް، ކެއްސާ ކަރުކެހި ވައްތަރުވައްތަރުގެ އަޑު ލައްވާ ހެދުމެވެ. އެ ވަގުތު އެތަނުގައި ތިބި ސީނިއާ އޮފިސަރުންތަކަށް އެކަން ވީ ސަޅި ކަމަކަށެވެ،" ސަތޭކަ ސޮފްހާގެ ރިޕޯޓުގައިވެ އެވެ.
ޖެނުއަރީ 17 ގައި 10 ފުލުހަކު އެ މީހުންގެ ފިކުރު އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފާސީހާ ހިއްސާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތައް ރޫޅާލާތީ އެކަމާ ސުވާލު އުފައްދާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފެބުރުއަރީ 7 ކުރިމަތިވީ އެސްއޯ ފުލުހުންގެ ތެރެއިން ސަރުކާރާ ދެކޮޅު ފުލުހުން ނުރައްކާތެރި ހާލަތްތައް މެދުވެރިވިއިރު ވެސް މުޒާހަރާ ރޫޅާނުލައި ގައުމުގައި ފަސާދަ އުފެއްދުމުގެ ޖާގަ ސިޔާސީ ފަރާތްތަކުން ފުލުހުންނަށް ހޯދައިދިނުމުން ކަމަށް ރިޕޯޓުގައިވެ އެވެ.
އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް އިދިކޮޅު ފަރާތްތަކާ ބައިވެރިވެ،"ބަޣާވާތް" ހިންގުމަށް ތައްޔާރަށް ހުންނެވިކަން ހާމަކޮށްދެއްވާފައިވާ ކަމަށް ރިޕޯޓް ބުނެ އެވެ. އަދި ފެބުރުއަރީ 7 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ޣައިރު ގާނޫނީ ގޮތެއްގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު، ހިތްވަރުދީ ނައިބު ރައީސް ވީޓީވީން މެސެޖް ފޯރުކޮށްދެއްވި ކަމަށް ވެސް ބުނެ އެވެ.
އޭރު ޖުމްހޫރީ މައިދާނުގައި ފުލުހުންނާ ރައީސް ނަޝީދު ބައްދަލުކުރެއްވުމުން ވެސް ނުކިޔަމަންތެރިކަން ދައްކައި އެމަނިކުފާނާ މެދު ކަންކުރީ ފުލުހުންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ރިޕޯޓުގައިވެ އެވެ. އޭގެ ފަހުން އާއްމުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ފުލުހުން އަދި ސިފައިން ރައީސް ނަޝީދުގެ އިސްތިއުފާ އަށް ގޮވި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައިވާ ގޮތުން މިހާރުގެ ކޮމިޝަނަރު ރިޔާޒާއި ޑިފެންސް މިނިސްޓަރު ނާޒިމް އަދި ސިޔާސީ ފަރާތްތަކުން ޖުމްހޫރީ މައިދާނުގައި ހަރަކާތްތެރިވަމުން ދިޔައިރު "ބަޣާވާތް" ގެނައުމުގައި އިސްކޮށް އުޅުނު ފުލުހުން ވަނީ ކޮނޑާއިކޮނޑު ޖައްސައި އެބޭފުޅުންނާ އެކު އުފާފާޅުކޮށްފަ އެވެ.
އެ އުފަލުގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެން އެތަނުގައި ތިބި މީހުންގެ ގައިގައި ބައްދާ އުފަލުން ރޮއި ހެއްދެވި ކަމަށް ރިޕޯޓުގައިވެ އެވެ. އެގޮތުން ފުލުހުން ދެއްކި ނަމޫނާ އަށް ޝުކުރުވެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވަން އުޅުއްވި ކަމުގެ އުފާ ސިޔާސީ ލީޑަރުން އެންމެ ބޮޑަށް ފާޅުކުރެއްވީ ފުލުހުންގެ މައި މަރުކަޒުގައި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ވެރިކަން ބަދަލުވުމަށް ފަހު ސިޔާސީ އިސް ފަރާތްތަކާ އެކު އަބްދުﷲ ފައިރޫޝް ބޭއްވި ބައްދަލުވުމުގައި، ޕާޓީތަކުން ފުލުހުންނަށް ތައުރީފްކޮށްފައިވާއިރު ނަޝީދަށް ރައްކާތެރިކަން ދޭން ދޫނިދު އަށް ގެންދަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އަދި ޔާމީން ތިން ފަހަރަށް އެގޮތަށް ވިދާޅުވުމުން ވެސް ދެން ތިއްބެވި ލީޑަރުން ޖަވާބެއް ދެއްވާފައި ނުވާ ކަމަށާއި ނަމަވެސް އެކަން ބަލާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު ހުސެއިން ވަހީދާއި ސްޕުރިންޓެންޑެންޓް އަހުމަދު ސައުދު ވިދާޅުވި ކަމަށް ރިޕޯޓްގައިވެ އެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2008 ގެ އިންތިހާބުގައި ސިޔާސީ ފަރާތްތައް ބަލިވުމާ ގުޅިގެން އެ ދުވަހުން ފެށިގެން ނަޝީދުގެ ވެރިކަން ވައްޓާލަން ދިޔައީ ރޭވުންތަކެއް ރާވަމުންނެވެ. އަދި ނަޝީދުގެ ވެރިކަން ވައްޓާލާފައި ވަނީ ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު އިދިކޮޅު ސިޔާސީ ފަރާތްތަކާ ބައިއަތު ހިފައި ގެނައި "ބަޣާވާތަކުން ކަން "ސާފު ކަމަށް" ވެސް ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓް ބުނާ ގޮތުން ވަރަށް ބޮޑަށް ރޭވިގެން ހިންގި ބަޣާވާތުގައި ދިޓީވީ އާއި ވީޓީވީގެ ދައުރު ބޮޑެވެ.
"ބަޣާވާތް ހިންގާ ރޭވުމުގައި ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރާއި މުހައްމަދު ފަޔާޒު [އެފްއޭ] އާއި މިހާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމް ފުރުއްވަމުން ގެންދަވާ ކާނަލް މުހައްމަދު ނާޒިމާއި މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒްގެ ދައުރު ވަރަށް ބޮޑެވެ. އަދި މިބަޣާވާތުގައި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އަހުމަދު ފަޔާޒް [ޕާޕާ] އާއި ލެފްޓިނެންޓް ކާނަލް އަބްދުއްރައޫފާއި މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ބައިވެރިވާކަމަށް ފެންނަން ހުރި ހެކިތަކުން ބެލެވެ އެވެ،" ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި ބުނީ ބަޣާވާތް ހިންގުމުގައި ލިބުނު އެންމެ ބޮޑު ބާރަކީ ނައިބު ރައީސް ވަހީދު ފެބުރުއަރީ 6 ގެ ދަންވަރު ދެއްވި މެސެޖް ކަމަށެވެ.
ނަޝީދު އިސްތިއުފާ ދެއްވީ، ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެމަނިކުފާނުގެ ފުރާނަފުޅާއި ގައުމުގެ އެތައް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ނުވާނެ ފަދަ ހާލަތަކާއި މާހައުލެއްގައި އެމަނިކުފާނު ހުންނަވަން މަޖުބޫރުވެ ވަޑައިގެންނެވުމުންނެވެ.
މި މައްސަލާގައި އެކި ފަރާތްތަކުން އެކި ގޮތަށް ވާހަކަ ތައް ބައްޓަން ކޮށް އެކި ފަހަރު އެކި ވާހަކަ ކިޔައި އެކި ގޮތަށް ވާހަކަ ދައްކައި އެކި ފަރާތްތަކުން އެކި ކަހަލަ ފޮތްތައް ނެރެ ސީޑީތައް ހަދައި ބަހައި ޢާއްމު ކުރަމުން ގެންދިޔަ ނަމަވެސް ހަތެއް ފެބުރުއަރީ އަލުން އަނބުރާ އިޢާދަ ވުމަކީ އެއްވެސް ދިވެއްސަކު އެދޭނެ ކަމެއް ނޫން ކަމީ ފެންނާން އޮތް ހަޤީޤަތެކެވެ. އެހެން ކަމުން މިއަދު ވެރިކަމުގައި ހުންނެވި ބޭފުޅާ އާއި ވެރިކަން ކުރައްވާން ތިއްބެވި ބޭފުޅުން ވެސް މި ކަންކަމަށް ނަޒަރު ކުރުމަކީ ކުރިއަށް އޮތް ތަނުގައި މިފަދަ ހިތާމަވެރި ދުވަހެއް ދިވެހިންނާއި ކުރިމަތި ނުވެ ސަލާމަތް ވުމަށް އޮތް ހަމައެކަނި މަގެވެ. މިކަމުގައި ގޮތެއް ކިޔާން ނޭނގުނު ނަމަވެސް ރައްޔިތުންގެ ކުރިމަތިން އެދުވަހު ސިފަވީ ބިރުވެރި މަންޒަރަށް ބަލައި ރައްޔިތުން ވަނީ ބަސް ކިޔައި ގޮތް ނިންމާފައެވެ. އެއީ ވިދިގެން އައި އިންތިޚާބުން ވެސް އެމްޑީޕީ އަށް ވެރިކަން ނުދިނުމަށް ނިންމި ނިންމުމާއި ހަމައިންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...