މަޝްވަރާކުރުމެއް ނެތި އާސާރީ ތަނަކަށް ބަދަލެއް ގެނައި ފަރާތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފިއެވެ.
އާސާރީ ތަންތަނާއިބެހޭ ޤާނޫނާ ހިލާފަށް ނުވަތަ އެފަދަކަމަކާއިމެދު މަޝްވަރާކުރުމެއްނެތި އާސާރީ ތަންތަނަށް ބަދަލުގެނެސް، އެތަންތަން ތަޅާލުން ފަދަ ކަންތައްތަކެއް ކޮށްފިނަމަ، އެފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޑިޕާޓްމަންޓްއޮފް ހެރިޓޭޖުން ދީފި އެވެ.
ހެރިޓޭޖު ޑިޕާޓްމަންޓުން މިފަދަ އިންޒާރެއް ދީފައި މިވަނީ، މާފަންނު ފަނޑިޔާރު މިސްކިތް، އެޑިޕާޓްމަންޓާއި މަޝްވަރާއެއް ކުރުމެއްނެތި މާލޭ ސިޓީ ކައުންސިލުން ތަޅާލުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ހެރިޓޭޖް ޑިޕާޓްމަންޓުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މާލޭ ސިޓީ ކައުންސިލުން ފަނޑިޔާރު މިސްކިތާބެހޭ މައުލޫމާތު ހޯދުމަށް އެދުމުން އެ މައުލޫމާތު އެފަރާތައް ފޯރުކޮށްދީފައި ވާނެ ކަމަށާއި، ނަމަވެސް އެ މިސްކިތް ތަޅާލަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެޑިޕާޓްމަންޓާއި މާލޭ ސިޓީ ކައުންސިލުން ހިއްސާކޮށްފައި ނުވާކަމަށެވެ.
ފަނޑިޔާރު މިސްކިތަކީ މީގެ 200 އަށް ވުރެ އަހަރު ކުރިން އިމާރާތް ކުރެވިފައިވާ ތަނެއް ކަމަށާއި އެފަދަ ތަނެއް ތަޅާލުމުގެ ކުރިން އެތަން ރައްކާތެރި ކުރުމުގެ މަސްއޫލިއްޔަތު އުފުލާ ދައުލަތުގެ އިދާރާއަކީ ހެރިޓޭޖް ޑިޕާޓްމަންޓް ކަމަށް އެޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. އެހެންކަމުން އެހައިގިނަ ދުވަސްވެފައިވާ ތަނެއް ތަޅާލުމުގެ ކުރިން ފޮޓޯ ޑޮކިއުމެންޓޭޝަނެއް ހެދުމަށާއި ތަނާބެހޭގޮތުން ލިޔެކިޔުން ތައްޔާރު ކުރުމަށް އެޑީޕާޓްމަންޓަށް ފުރުސަތު ދޭންޖެހޭނެ ކަމަށް އެނޫސްބަޔާނުގައި ބުނެފައިވެއެވެ.
ފަނޑިޔާރު މިސްކިތް ތަޅާލާފައިވަނީ އަމިއްލަ ފަރާތަކުން އެމިސްކިތް ހުރިތާ އާ މިސްކިތެއް އެޅުމަށް ސިޓީކައުންސިލަށް ހުށަހަޅާފައި ވާތީކަމަށް މާލޭ ސިޓީކައުންސިލުން ވަނީ ބުނެފަައެވެ.
ހުއްދަނެތި އާސާރީ ތަނަކަށް ބަދަލު ގެނެސްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
ކޮމެންޓް (0)
ލޯޑް ކުރަމުން...