މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ފަހަތު ފަޔަށް ބުރަވާ ކަމަށް މަޚްލޫފު ސިފަކޮށްފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާން އަހުމަދު މަޚްލޫފު ވިދާޅުވީ މަރުގެ ޙުކުމް ތަންފީޒު ނުކުރުމަށް އެކި ފަރާތްތަކުން ތަފާތު ބަހަނާ ތަކާޢި ޢުޒުރު ތައް ދައްކަމުން ދާކަމަށާއި، އެހެން ކަމުން މިކަމުން ސަލާމަތް ވުމަށް ރައްޔިތުންގެ ބަސް އިއްވަން ޖެހޭ ކަމަށެވެ.
އެހެން ކަމުން ކުރިޔަށް އޮތް ޢާއްމު އިންތިޚާބުގެ ވޯޓާއި އެކު މަރުގެ ޙުކުމް ރާއްޖޭގައި ތަންފީޒު ކުރަން ފެނޭތޯ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާނެ ކަމަށާއި، މި ވޯޓުގައި ރައްޔިތުންގެ ތެރެއިން 99 އިންސައްތަ އަށް ވުރެ މަތިން މިކަމަށް އާނއެކޭ ބުނާނެ ކަމަށް މަޚްލޫފު ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމްތަންފީޒް ކުރުމަށް ކުރެވޭ މަސައްކަތްތައް ކޮންމެ ފަހަރަކުވެސް ވަކި ހިސާބަކުން އެކަން މަޑުޖެހޭ ކަމަށާއި، އެކަން ކުރަން ހުރިހާ ފަރާތްތަކަށްވެސް މަޖުބޫރުވާނީ ރައްޔިތުންގެ ވޯޓަކުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒްކުރުމަށް ފެންނަކަމަށް ނިންމައިގެން ކަމަށެވެ.
އެހެން ކަމުން ބޭރުގެ ނުފޫޒާހުރެ މަރުގެ ހުކުމް ތަންފީޒު ކުރަން ބަޔަކު ޖެހިލުން ވިޔަސް ހިޔާލު ހޯދުމުގެ ވޯޓުގައި މަރުގެ ހުކުމް ތަންފީޒުކުރަން ރައްޔިތުންގެ 99 ޕަސެންޓް ތާއީދު ލިބޭނެ ކަމަށާއި އޭރުން އެ ޙުކުމް ތަންފީޒު ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށް މަޚްލޫފު ވިދާޅުވިއެވެ.
މިކަން ކާމިޔާބު ވެއްޖެ ނަމަ ބޭރުގެ ނުފޫޒު ތަކަށް ވެސް ދެން މިކަން ހުއްޓުވަން ދައްކާނެ މާބޮޑު ޙުއްޖަތެއް ނޯންނާނެ ކަމަށާއި، ރައްޔިތުން އަމިއްލަ އަށް އެކަމަށް މަޖުބޫރު ކުރުމުން ތަންފީޒީ އިދާރާ ތަކަށް ވެސް ޙުކުމް ތަންފީޒު ކުރަން މަޖުބޫރު ވާނެ ކަމަށް މަޚްލޫފު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...