ރާއްޖޭގެ ޚަބަރު ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމް ކުރުމަށް އެހީތެރިވުމަށް ޤަތަރު ސަރުކާރުން އެއްބަސްވެއްޖެ

ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމް ކުރުމަށް އެހީތެރިވުމަށް ޤަތަރު ސަރުކާރުން އެއްބަސްވެއްޖެ

ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމް ކުރުމަށް އެހީތެރިވުމަށް ޤަތަރު ސަރުކާރުން އެއްބަސްވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމް ކުރުމަށް އެހީތެރިވުމަށް ޤަތަރު ސަރުކާރުން އެއްބަސްވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުހައްމަދު ޖަމީލު އަހުމަދު ޤަތަރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ގަތަރުގެ ބޮޑުވަޒީރާއި ބައްދަލުކޮށް ދެއްކެވި ވާހަކަ ފުޅުގައި، ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ޤާއިމްކުރުމާއި ބަޖެޓް ސަޕޯޓަށް އެހީތެރިވެދިނުމަށް ބޮޑުވަޒީރު ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ހުރިހާ ދާއިރާއަކަށް އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށާއި، އެކިއެކި ދާއިރާތަކުން ސްކޮލަރޝިޕް ދެއްވުމާއި، ޤަތަރުގެ ޔުނިވަރސިޓީ ތަކުން ދިވެހިންނަން ފުރުސަތު ހޯއްދަވައި ދެއްވުމުގެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ޤަތަރުގެ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރ ޝައިޙް އަބްދުﷲ ބިން ނާސިރު ބިން ޚަލީފާ އާލްސާނީ ދެއްވާފައެވެ.
ޤަޠަރުގެ ބޮޑުވަޒީރާއި ޙަވާލާދީ ރައީސް އޮފީހުން ބުނީ އެކި އެކި ދާއިރާ ތަކުން ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓް ހޯދަވައި ދެއްވުމުގައިވެސް އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ.
ނައިބުރައީސް މިހާރު ޤަޠަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޤަތަރުގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތް އަބްދުﷲ ބިން ޚާލިދު އަލް ގަހްތާނީއާއި، މިނިސްޓަރ އޮފް އަޥްޤާފް އެންޑް އިސްލާމިކު އެފެއާޒް ޑޮކްޓަރ ގާއިތު ބިން މުބާރަކް އަލީ އުމްރާން އަލް ޚުވާރީއާއިވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖޭގައި އިތުރު ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ޓަކައި ޤަތަރުގެ އެހީތެރިކަން ހޯއްދެވުމާއި ބެހޭގޮތުންނާއި، އަތޮޅުތަކުގެ އަތޮޅު ހޮސްޕިޓަލް ތަކަށާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ގާއިމުކުރުމުގެ އެހީތެރިކަން ހޯއްދެއްވުމާއި ބެހޭ ގޮތުން ޤަތަރުގެ ޕަބްލިކް ހެލްތް މިނިސްޓަރާއިއެކު މަޝްވަރާ ކުރެވިފައި ވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ދިވެހި ސަރުކާރުން މިހާރު ތައްޔާރު ކުރައްވާފައިވާ ސިއްހީ އެކިއެކި މަޝްރޫއުތަކުގެ މައުލޫމާތުވެސް ޤަތަރުގެ ޕަބްލިކު ހެލްތް މިނިސްޓަރަށް އަރުވާފައި ވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވެއެވެ.
ޤަތަރުގެ އިސްލަމިކް އެފެއާޒް މިނިސްޓަރާއެއެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގައި ކީރިތި ޤްރުއާން ކިޔެވުމާއި، ދީނީ ތައުލީމް އުގެނުމުގެ ދާއިރާއިން އެކިއެކި ކުރު ކޯސްތައް ޤަތަރު ސަރުކާރުން ރާއްޖެއަށް ހަމަޖައްސަވައި ދެއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.