އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަންނަ އަހަރު މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ދިވެހިންނަން ހުޅުވާލީ އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޮޒެއިޑް)ގެ ފަރާތުންނެވެ.
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕްސް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ 5:00 ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި އޮންލައިންކޮށް އަދި ރާއްޖޭގައި ހުންނަ އޮސްޓްރޭލިޔާ އެވޯޑްސް އޮފީހަށް ގޮސްގެންވެސް އެޕްލިކޭޝަން ފޯމް ހުށަހެޅޭނެ ކަމަށާއި، ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ރާއްޖޭގައި ހުންނައޮސްޓްރޭލިއާ އެވޯޑް އޮފީހުންނާއި އަދި ވެބްސައިޓް www.australiaawardsmaldives.or އިން ލިބެން ހުންނާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.
އޮޒެއިޑްގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީސްކޮލާޝިޕް ކޯޑިނޭޓާ ޑރ. އިބްރާހީމް ހަސަން (ޗަބީ) ވިދާޅުވީ، އޮސްޓްރޭލިއާ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށް އެހީތެރިވެ ދިނުމުގެ ގޮތުން މިފަހަރު ވެސް ވަނީ ޕީއެޗްޑީއާއި ފުރަތަމަޑިގްރީ، އަދި މާސްޓާޒް ލެވެލަށް ކިޔެވުމަށް ތަފާތު ތިން ދާއިރާ އަކުން ފުރުސަތު ހުޅުވާލާފއި ވާކަމަށެވެ.
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހުޅުވާލަފައިވާ ސްކޮލާޝިޕް ދާއިރާ ތަކަކީ އެޑިއުކޭޝަން، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އަދި ގަވާނެންސް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެވެ. މި ދާއިރާ ތަކުން ފަސްޓް ޑިގްރީއާއި މާސްޓާސް ޑިގްރީއާއި އަދި ޕީއެޗްޑީ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެފަރާތުން ވަނީ ހުޅުވާލާފައެވެ.
މިފަހަރު އޮޒެއިޑް ކޯސްތައްދޭ އިރު، މާސްޓާޒް ޑިގްރީ އަށް ކިޔަވަން އެދޭފަރާތްތަކުން ނަމަ ޑިގްރީ ނިމޭތާ އަހަރު ވާންޖެހޭއިރު، ޕީއެޗްޑީ އަށް ކިޔަވަން އެދޭ ފަރާތްތަކުން ނަމަ، މާސްޓާޒް ނިންމުމަށް ފަހުރާއްޖޭގައި ދެ އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.
އޮޒެއިޑް ސްކޯލާޝިޕަށް ކުރިމަތިލެވޭނީ 18 އަހަރުން މަތީގެ ދިވެހިންނަށްކަމަށާއި، ފާއިތުވި 24 މަސްދުވަހުގެ ތެރޭގައި އިތުރު ގައުމެއްގެ ސްކޯލާޝިޕެއް ލިބިފައިވާ މީހަކަށް މި ސްކޯލާޝިޕް ޕްރޮގުރާމަށް ކުރިމަތި ނުލެވޭނެ ކަމަށްވެސް ރާއްޖޭގައި ހުންނަ އޮސްޓްރޭލިޔާ އެވޯޑްސް އޮފީހުން ވަނީ ބުނެފައެވެ. އޭގެ އިތުރުން އޮސްޓްރޭލިޔާ ނުވަތަ ނިއުޒިލޭންޑް މީހަކަށް ނުވަތަ އެދެ ގައުމު ކުރެ ގައުމެއްގެ މީހަކާ ކައިވެނި ކޮށްގެން އުޅޭ މީހަކަށް ނުވުމާއި އަސްކަރިއްޔާގައި އުޅޭ މީހަކަށް ނުވުމަކީވެސް ސްކޯލާޝިޕަށް ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތު ތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އޮޒެއިޑް ސްކޯލާޝިޕަށް 2014 ވަނަ އަހަރު ފީއެޗްޑީއަށް ކިޔެވުމުގެ ދެ ފުރުސަތަކާއި އެކު ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީއަށް މަތީތައުލީމު ހާސިލްކުރުމަށް 33 ފުރުސަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.
އޮޒެއިޑްގެ ދަށުން މަތީތައުލީމަށް ކިޔެވުމަށް ލިބޭ ފުރުސަތު ތަކަކީ މުޅިންހިލޭ ލިބިދޭ ފުރުސަތުތަކެކެވެ. އެގޮތުން، އޮސްޓްރޭލިޔާއަށް ކިޔަވަންދާ ދަރިވަރުންގެ ޓިކެޓް ހަރަދާއި، ވިސާ ޚަރަދާއި، ކެއިންބުއިމާއި، ލިވިން އެލަވަންސާއި އަދި ހެލްތް އިންޝުއަރެންސް ހަމަޖައްސައި ދެނީ އޮސްޓްރޭލިޔާ ސަރުކާރުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...