ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށްޓަކައި ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު ޙަސަންގެ އޮފީހެއް، ވަރަށް އަވަހަށް ހުޅުއްވައި އެމަނިކުފާނުގެ ޚިދުމަތް ރައްޔިތުންނަށް ދެއްވަން ފައްޓަވާނެކަމަށް ރައީސް ވަޙީދުގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.
ޑރ ވަޙީދުގެ ތަރުޖަމާން އަހުމަދު ތައުފީޤު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަކީ، އަބަދުވެސް ޑރ ވަޙީދުގެ އުއްމީދެއް ކަމަށާއި، ރައްޔިތުން ފުރުޞަތު ދެއްވި ވަރަކުން އެމަނިކުފާނުގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް އަބަދުވެސް ލިބެމުން ދާނެކަމަށެވެ.
އެހެންކަމުން ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް، ވީހާވެސް ގާތުން ޚިދުމަތް ދެއްވުމަށްޓަކައި ވަރަށް އަވަހަށް ރައީސް ޑރ ވަޙީދުގެ އޮފީހެއް ހުޅުއްވަވައި، އެ އޮފީސް މެދުވެރިކޮށް ދިވެހި ޤައުމާއި ރައްޔިތުންނަށް، ރައީސް ޑރ ވަޙީދުގެ ޚިދުމަތްތައް ފޯރުކޮށްދެއްވަން ފައްޓަވާނެކަމަށް ތައުފީޤު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސް ޑރ ވަޙީދުގެ ޚިދުމަތް ދިވެހި ޤައުމާއި ރައްޔިތުންނަށް ފޯރުކޮށްދެއްވާނީ ކޮންދާއިރާތަކަކުން ކަމެއް ތައުފީޤު ހާމަކުރައްވާފައެއްނުވެއެވެ.
ރައީސް ޑރ ވަޙީދު ކުރިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ޚިދުމަތްތައް ބޮޑަށް ފެނިގެން ދާނީ ތަޢުލީމީ ދާއިރާ ފަދަ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއަކުން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...