ސޫރިޔާގައި ދިގުދެމިގެންދާ ހަމަނުޖެހުންތަކުގައި ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީގެ ތަކެތި ހަވާލުކުރުމުގެ ގޮތުން އެހީ ޖަމިއްޔާގެ ވަފުދެއް ތުރުކީއަށް ހިނގައްޖެއެވެ.
މިވަފްދު ރާއްޖެއިން ފުރާފައިވަނީ ޖެނުއަރީ 29 ވަނަ ދުވަހުގެރޭ ކަމަށާއި މިހާރު މިވަފްދު ތިބީ ތުރުކީގައި ކަމަށް އެހީ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. މިވަފްދުގައި ޢަމީރެއްގެ ގޮތުން ހުންނަވާނީ އައްޝައިޚް އާދަމް ޝަމީމްއެވެ.
މިދަތުރުގައި ހަވާލުކުރުމަށް ހަމަޖެހިފައިވާ އެހީގެ ތަކެއްޗަކީ 2013 ޑިސެމްބަރ 20 އިން 2014 ޖެނުއަރީ 11 އަށް އެހީ ޖަމިއްޔާއިން އިސްނަގައިގެން ހިންގި "ހެލްޕް ސީރިޔާ ތްރޫ ވިންޓަރ" ކެމްޕެއިންގައި އެއްކުރެވުނު އެހީއެވެ. މިކެމްޕެއިންގައި ޖުމްލަ -/ 585106.50 ރުފިޔާ އަދި 1349 ޔޫއެސް ޑޮލަރު ލިބިފައިވާ ކަމަށް އެހީ ޖަމިއްޔާއިން ހާމަ ކުރެއެވެ.
އެހި ޖަމިއްޔާގެ ހަރަކާތުން އެއްކުރެވުނު މިފައިސާއާއި އޮސްޓްރޭލިއާއިން އެއްކުރެވުނު ފައިސާ ހޭދަކޮށްގެންވަނީ އެމަރޖެންސީގައި ބޭނުންކުރާނެ 4 އެމްބިއުލަންސް ގަނެފައެވެ. އަދި މިތަކެތި މިހާރުވަނީ ނެދަރލެންޑުން ތުރުކީއަށް ދިއުމަށް ދަތުރުފަށާފަ ކަމަށާއި ފެބްރުއަރީ 1 ނުވަތަ 2 ވަނަ ދުވަހު ދިވެހިރާއްޖެއިން ދިޔަ ވަފްދާއި ބައްދަލުކުރާނެ ކަމަށެވެ. އަދި އެއަށްފަހުގައި ތުރުކީއާއި ސޫރިޔާ ގުޅޭ ބޯޑަރުން ސޫރިޔާގެ ކަމާބެހޭ ފަރާތްތަކާއި މިތަކެތި ހަވާލުކުރާނެކަމަށް އެހީ ޖަމިއްޔާއިން ހާމަކުރެއެވެ.
ރާއްޖެއިން ދިޔަ ވަފްދު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...