ތުރުކީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިލިޓަރީ އެޓާޗޭ ކާނަލް ނަޞްރުﷲ ބޮޒްކަޔާ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކްއޯޓާރޒް، ބަންޑާރަކޮށީގައި ވަކިވަކިން ބޭއްވުނު މިބައްދަލުކުރެއްވުންތަކުގައި މަައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ދެޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި ތުރުކީގެ އަސްކަރިއްޔާއިން ދިވެހި ސިފައިންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދުމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން މިހާރަށްވުރެ އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ކާނަލް ނަޞްރުﷲ ބޮޒްކަޔާ، ވަނީ ޑައިރެކްޓަރ ޖެނަރަލް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ ބްރިގޭޑިއަރ ޖެނަރަލް އަޙުމަދު ޝާހިދާއި އެމްއެންޑީއެފް މެރިން ކޯ ގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހެއިރާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.
ތުރުކީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިލިޓަރީ އެޓާޗޭގެ މިޒިޔާރަތުގައި ގިރިފުށީ ޓްރޭނިންގ ސެންޓަރަށް ޒިޔާރަތްކުރާގޮތައް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...