ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށް އަމުރު ނެރެފިއެވެ.
މަރުގެ ހުކުމްތައް ތަންފީޒުކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެން ކަމަށް ކަނޑަޅައި މަރުގެ ހުކުމްތައް ތަންފީޒުކުރުމަށް ހޯމް މިނިސްޓަރުގެ ފަރާތުން ކަރެކްޝަނަލް ޑިޕާޓްމަންޓުގެ މައްޗަށް އަމުރުކުރައްވާފައިވަނީ މިއަދު މެންދުރު ވަގުތެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ.
"ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މީހަކު މެރުމަށް ނިޔާ ކަނޑައަޅައި ހުކުމެއް ކޮށްފި ނަމަ އެހުކުމް ތަންފީޒު ކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެން" ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވައި މިއަދު ނެރުއްވި އަމުރުގައި ވެއެވެ. އަމުރު ނެރުމަށްފަހު ހޯމް މިނިސްޓަރ އުމަރު ވިދާޅުވީ "ހުކުމްތައް ތަންފީޒުކުރުމަކީ ހޯމް މިނިސްޓްރީގެ ވާޖިބަކަށްވާ އިރު އެކަމާ ބެހޭ ގާނޫނެއް ފާސްވާނެ ދުވަހަކަށް މަރުގެ ހުކުމްތައް ތަންފީޒުނުކޮށް މަޑެއް ނުކުރާނަން."ކަމަށެވެ. އަދި "ކުރިން އިއްވާފައި ހުރި މަރުގެ ޙުކުމްތައް ވެސް ތަންފީޒުކުރާނަން. މަރުގެ ޙުކުމްތައް ތަންފީޒުކުރާނީ ޝަރުޢީ ހުރިހައި މަރުހަލާތައް ފުރިހަމަކުރުމަށް ފަހު. މަރުގެ ހުކުމް ތަންފީޒުކުރެވޭނީ މާފުށީ ޖަލުގައި."ކަމަށްވެސް އުމަރު ނަސީރު ވިދާޅުވިއެވެ.
މަރުގެ ހުކުމް އިއްވުމާއި އެކު މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ ސަބަބުން އެތައް މައްސަލަތެއް ކުރިމަތިވަމުން އަންނައިރު މިހާރުގެ ރައީސް ޔާމީންވެސް ކުރިން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާއި އެއްކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި މިހާރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރުވެސް ވަނީ މަރަށް މަރު ހިފަން ޖެހޭކަމަށް ވަކާލާތު ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...