ރައީސް ޔާމީންގެ ކެބިނެޓްގެ ފަނަރަ ވަޒީރުންނަށް މަޖިލީހުން ރުހުން ދީފިއެވެ.
އެގޮތުން އެންމެ ފުރަތަމަ ވޯޓަށް އެހި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުހައްމަދު ނާޒިމަށް ރުހުން ދޭން ފެންނަ ކަމަށް ސާޅީސް ހަތަރު މެންބަރަކު ވޯޓު ދެއްވިއިރު ، ނާޒިމަށް ރުހުން ދޭން ނުފެންނަ ކަމަށް 29 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
ރައީސް ޔާމީންގެ ކެބިނެޓުގައި ހިމެނި ވަޑައިގަންނަވާ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަބްދުﷲ ޖިހާދަށް ރުހުން ދޭން ފެންނަ ކަމަށް ސާޅީސް ތިން މެންބަރަކު ވޯޓު ދެއްވިއިރު، ޖިހާދަށް ރުހުން ދޭން ނުފެންނަ ކަމަށް 30 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނަށް ރުހުން ދޭން ފެންނަ ކަމަށް 55 މެންބަރަކު ވޯޓު ދެއްވި އިރު، ރުހުން ދޭން ފެނިވަޑައި ނުގަންނަވާ ކަމަށް 10 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ 7 މެންބަރުން ތިއްބެވިއެވެ.
މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ރުހުން ދޭން ފެންނަ ކަމަށް 45 މެންބަރަކު ވޯޓު ދެއްވިއިރު، އަދީބަށް ރުހުން ދޭން ނުފެންނަ ކަމަށް 28 މެންބަރަކު ވަނީ ވޯޓު. ދެއްވާފައެވެ.
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަމީން އިބްރާހިމަށް ރުހުން ދޭން ފެންނަ ކަމަށް 44 މެންބަރަަކު ވޯޓުދެއްވި އިރު، އަމީނަށް ރުހުން ދޭން ނުފެންނަ ކަމަށް 29 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ފެންނަ ކަމަށް 43 މެންބަރަކު ވޯޓު ދެއްވިއިރު، ރުހުން ދޭން ނުފެންނަ ކަމަށް 29 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރަށް ރުހުން ދޭން ފެންނަ ކަމަށް 41 މެންބަރަކު ވޯޓު ދެއްވިއިރު، ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރަކު ވަނީ ވޯޓުދެއްވާފަ އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ 1 މެންބަރަކު އިންނެވިއެވެ. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުހައްމަދު ޝައިނީއަށް ރުހުން ދޭން ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވި އިރު، ރުހުން ދޭން ނުފެންނަ ކަމަށް 6 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ 4 މެންބަރުން ތިއްބެވި އެވެ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދަށް ރުހުން ދޭން ފެންނަ ކަމަށް 64 މެންބަރަކު ވޯޓު ދެއްވި އިރު، ރުހުން ދޭން ނުފެންނަ ކަމަށް 5 މެންބަރަކު ވަނީ ވޯޓުދެއްވާފަ އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ 4 މެންބަރަކު ތިއްބެވި އެވެ.
މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ މުހައްމަދު މުއިއްޒަށް ރުހުން ދޭން ފެންނަ ކަމަށް 44 މެންބަރަކު ވޯޓު ދެއްވިއިރު، ރުހުން ދޭން ނުފެންނަ ކަމަށް 29 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިގް އިބްރާހިމަށް ރުހުން ދޭން ފެންނަ ކަމަށް 64 މެންބަރަކު ވޯޓު ދެއްވިއިރު، ރުހުން ދޭން ނުފެންނަ ކަމަށް 5 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ 4 މެންބަރަކު ތިއްބެވި އެވެ.
މިއަދުގެ ޖަލްސާގައި އެނެމް ފަހުން ވޯޓަށް އަހާފައިވާ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު ޝިހާމަށް ރުހުން ދޭން ފެންނަ ކަމަށް ފަސްދޮޅަސް ތިން މެންބަރަކު ވޯޓު ދެއްވި އިރު، ރުހުން ދޭން ނުފެންނަ ކަމަށް 5 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ 5 މެންބަރަކު ތިއްބެވި އެވެ.
އިދިކޮޅު ޑީއާރުޕީން އެމްޑީޕީ އާއި ބައިއަތު ހިފުމާއި އެކު މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައި ވާކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅު ވަމުން ގެންދެވި އިރު، ކެބިނެޓުގެ އަށް ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީން ނެރުނު ތްރީ ލައިން ވިޕަށް ވެސް އެ ޕާޓީގެ ބައެއް މެންބަރުން މިއަދު ޢަމަލު ކޮށްފައެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން އެމްޑީޕީގެ ވިޕްލައިނާ ދެކޮޅަށް މިއަދު ވޯޓު ދެއްވި މެންބަރުން މިއަދު ޕީޕީއެމަށް ނުވަތަ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީ ތަކަށް ސޮއި ކުރައްވާނެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...