ދިއިސްލާމް ނޫރުލް އިސްލާމް ޖަމްޢިއްޔާ އޮފީސް ރަސްމީކޮށް ހުޅުވައިފި

ނޫރުލް އިސްލާމް ޖަމްޢިއްޔާ އޮފީސް ރަސްމީކޮށް ހުޅުވައިފި

ނޫރުލް އިސްލާމް ޖަމްޢިއްޔާ އޮފީސް ރަސްމީކޮށް ހުޅުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީ ހިތަދޫގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމް ޖަމްޢިއްޔާގެ އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

20 ޑިސެމްބަރ 2013 ވީ ހުކުރު ދުވަހުގެރޭ ނޫރުލް އިސްލާމް ޖަމްޢިއްޔާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު ޢަނީލްގެ އިތުރުން އެ ޖަމްޢިއްޔާގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް ޙަޞަން ލަޠީފް މޫސާ އާއި ޢިލްމުވެރީންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް ރޫޙުލް އަމީން ތަޤުރީރު ކުރައްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ އައިޓަމަކަށް އޮތީ، ނޫރުލްއިސްލާމް ޖަމްޢިއްޔާ 2010 ވަނަ އަހަރު އުފެއްދީއްސުރެ 2013 ވަނަ އަހަރުގެ މިހާ ހިސާބަށް ޖަމްޢިއްޔާއިން ހިންގާފައިވާ މުހިއްމު ބައެއް ޙަރަކާތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދިނުމެވެ. މިއައިޓަމް ފުރިހަމަ ކޮށްދެއްވީ ޖަމްޢިއްޔާގެ ރައީސް ޝައިޚް އަނީލް އެވެ.
ޖަމްޢިއްޔާގެ އޮފީސް ރަސްމީކޮށް ހުޅުއްވައި ދެއްވީ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ. ޝައިޚް ޙަސަންގެ ވާހަކަފުޅުގައި، ޒުވާންކުދިންތަކެއް ދީނަށްޓަކައި މަސައްކަތްކުރުމަށް ތެދުވެ ތިބިކަމަށްޓަކައި އުފާކުރައްވާކަމަށް ވިދާޅުވެ، އެކަމަށް ހިތްވަރު ދެއްވިއެވެ. އަދި ވީހާވެސް ގިނަ ބޭފުޅުން ޖަމްޢިއްޔާގެ ޙަރަކާތްތަކުގައި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ.
އެއަށްފަހު ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު، އައްޝައިޚް މުޙައްމަދު ރޫޙުލްއަމީން ވަނީ، ޒުވާނުންގެ އަހައްމިއްޔަތާއި، އިސްލާމްދީން ކުރިއެރުވުމުގައި ޒުވާނުން ކުރައްވާފައިވާ ބުރަ މަސައްކަތް ހަނދާން ކޮށްދެއްވައި، އެއިން ޢިބްރަތް ލިބިގަނެ، މި މަސައްކަތުގައި ނޫރުލްއިސްލާމްގެ ޕްލެޓްފޯމްގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
ނޫރުލްއިސްލާމްގެ ފަރާތުން ކުރިއަށް ރާވާފައި ހުރި ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވީ، ޖަމްޢިއްޔާގެ ނާއިބު ރައީސް މުޙައްމަދު ނިހާދު ޖަމާލެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ޖަމްޢިއްޔާއަށް އެކިއެކި ފަރާތްތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އެކަމަށްޓަކައި އެފަރާތްތަކަށް ވަކިވަކިން ޝުކުރު ދެންނެވިއެވެ.
މި ރަސްމިއްޔާތު ނިންމަވާލައްވަމުން ޖަމްޢިއްޔާގެ ރައީސް ވަނީ ހުރިހާ ހާޒިރީންނަށް، ޖަމްޢިއްޔާގެ މެމްބަރޝިޕާއި، އަދި ޑޮނޭޓަރުންގެ ގޮތުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޖަމްޢިއްޔާއަށް ދެވޭ އެއްވެސް ޑޮނޭޝަނެއް، އިސްލާމްދީން ކުރިއެރުވުމަށް ޖަމްޢިއްޔާއިން ހިންގާ ޙަރަކާތްތަކަށް މެނުވީ ހޭދަ ނުކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ޖަމްޢިއްޔާ އޮފީސް ޤާއިމު ކުރެވިފައިވަނީ ހިތަދޫ ލިންކު ރޯޑުން ވަތަނިއްޔާ އޮފީސް ކުރިމަތީގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.