އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރާ ތަންތަނަށް މުސްލިމުން ޒިޔާރަތްކުރުމަކީ ހުއްދަކަމެއް ނޫންކަމަށް ފިޤްހް އެކަޑަމީއިން ނެރެފައިވާ ފަތުވާއެއްގައި ބުނެފިއެވެ.
މުސްލިމުން ފައްޅިއަށް ޒިޔާރަތްކުރުމާއި ގުޅޭ ގޮތުން ފިޤްހް އެކަޑަމީއިން ނެރެފައިވާ ފަތުވާއެއްގައިވަނީ، އިސްލާމީ ޝަރީއާ ވަނީ ޝިރުކުގެ އެންމެހާ ދޮރުތައް ބަންދުކޮށް އަދި ޝިރުކަށް މަގުފަހިކޮށްދޭ އެންމެހާ ކަންތައްތައް މަނާކޮށްފައި ކަމަށާއި ﷲ ސުބްހާނަހޫ ވަތަޢާލާ ފިޔަވާ އެހެން ފަރާތްތަކަށް އަޅުކަންކުރެވޭ ތަންތަނާއި އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރާ ތަންތަނަށް މުސްލިމުން ޒިޔާރަތްކުރުމަކީ ހުއްދަކަމެއް ނޫންކަމަށެވެ. އަދި އެފަދަ ތަންތަނަށް ދިއުން ހުއްދަނުވަނީ ކާފަރުން އަޅުކަންކުރާ ތަންތަނަށް ޒިޔާރަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ ބާތިލް އަގީދާއާ މެދުގައި މުސްލިމެއްގެ ހިތުގައި ރުހި ގަބޫލުވުން އުފެދިދާނެތީ ކަމަށް ވެސް ފަތުވާގައިވެ އެވެ.
މިޙުކުމުން އިސްތިސްނާވާ ޙާލަތު ބަޔާންކޮށް މިފަތުވާގައިވަނީ އެފަދަ ތަންތަނުގައި ކުރެވޭ ކުރުފުރުގެ ޢަމަލުތަކަށް ނުރުހުންތެރިވާހާލު، އަޤީދާ ހަރުދަނާ މީހަކު ޢިލްމީ ބޭނުމަކަށްޓަކައި ނުވަތަ ޝަރުޢީ ޟަރޫރަތަކަށްޓަކައި އެފަދަ ތަންތަނަށް ޒިޔާރަތް ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް މިފަދަ ކަމެއްގައި ވެސް ކާފަރުންގެ އީދު ދުވަހެއް ނުވަތަ އެބައިމީހުންގެ ދީނީ މުނާސަބަތެއްގައި ފައްޅިއަށް ޒިޔާރަތްކުރުން ހުއްދަ ނުވާނެކަމަށް މިފަތުވާގައިވެއެވެ.
ކުރީގެ ރައީސް ޑރ ވަހީދު ފަލަސްތީނަށް ކުރެއްވި ޒިޔާރަތުގައި ޗާޗް އޮފް ނޭޓިވިޓީއަށް ވަނުމުގެ ސަބަބުން އެމަނިކުފާނަށްވަނީ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި އެކަން ކުށްވެރިކުރައްވާ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ ޝަހީމްވެސްވަނީ ވާހަކަފުޅުދައްކަވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...