ރާއްޖޭގެ ޚަބަރު ޤައުމު ބަނގުރޫޓު ވެދާނެ ކަމުގެ އިންޒާރު ޓުއަރިޒަމް މިނިސްޓަރު ދެއްވައިފި

ޤައުމު ބަނގުރޫޓު ވެދާނެ ކަމުގެ އިންޒާރު ޓުއަރިޒަމް މިނިސްޓަރު ދެއްވައިފި

ޤައުމު ބަނގުރޫޓު ވެދާނެ ކަމުގެ އިންޒާރު ޓުއަރިޒަމް މިނިސްޓަރު ދެއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހި ރާއްޖެ އަށް ގެނެވުނު ޒަމާނީ ޑިމޮކްރަސީ އާއި އެއްވަރަށް ޤައުމުގެ އިޤްތިޞޯދު ފުޅާ ނުކުރެވިއްޖެ ނަމަ ޤައުމު އިނދަ ޖެހިދާނެ ކަމުގެ އިންޒާރު ޓުއަރިޒަމް މިނިސްޓަރު ދެއްވައިފިއެވެ.
ދިޓީވީގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ، ޒަމާނީ ޑިމޮކްރަސީ އާއި އެކު އެތައް ބައިވަރު އިދާރާ ތަކެއް އުފެދި ޑިމޮކްރަސީ އަށް ޓަކާ އިންތިހާ ދަރަޖައިގެ ބޮޑު ޚަރަދެއް ކުރަން ޖެހިފައި ވާކަމަށާއި، މި ޑިމޮކްރަސީ ދެމެހެއްޓޭނީ ވެސް އިޤްތިޞޯދު ދެގުނަ އަށް ވުރެ ބޮޑަށް ފުޅާ ކުރެވިގެން ކަމަށެވެ.
އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހާއި ކަމާބެހޭ މުއައްސަސާ ތަކުގެ ތެރެއިން އިޤްތިސޯދު ފުޅާކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ތަކާއި އިންވެސްޓަރުންނަށް ފުރުޞަތު ދިނުމަށް ވަރަށް ބޮޑަށް ފަސްޖެހެމުން އަންނާތީ ދައުލަތުގެ ބަޖެޓު ދަރަނީގެ ލޯނު ތަކަށް ބަރޯސާކުރާން ޖެހިފައި ވާކަމަށް އިޤްތިސޯދީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލު ކުރައްވައިގެން ހުންނެވި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ފާހަގަ ކުރެއްވިއެވެ.
އަދީބު ވިދާޅުވީ އިޤްތިސޯދު ފުޅާކުރުމަށް އިންވެސްޓަރުންނަށް ފުރުޞަތު ދިނުމަށް ފަސްޖެހި ދައުލަތުން ލޯނު ތަކަށް އަބަދު ބަރޯސާވާން ޖެހޭނަމަ ކޮންމެވެސް ހިސާބަކުން ދައުލަތް އިނދަޖެހޭނެ ކަމަށާއި، އޭގެ ކުރިން ދިވެހިންގެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ދަރަނިތައް އޮތީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ހިސާބެއްގައި ކަމަށާއި، ޕީޕީއެމްގެ ވެރިކަމުގައި މި ހިނގާ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ދެގުނަ އަށް އިތުރު ކޮށް، ދައުލަތުގެ ދަރަނި އެއްކޮށް ދައްކާ ޚަލާސް ކުރުމަށް ވަރަށް ބުރަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ.
ދައުލަތުގެ ދަރަނީގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައި ވާކަން ޓުއަރިޒަމް މިނިސްޓަރު ވެސް ފާހަގަ ކުރައްވާފައި ވާއިރު، ދައުލަތުގެ ދަރަނީގެ މިންގަނޑު ޖީޑީޕީގެ ނިސްބަތަށް ބަލާއިރު މިހާރު ހުރީ އަށްޑިހަ އިންސައްތަ އާއި ގާތަށް ޖެހިލާފައި ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.