ދަރިން ތަރުބިއްޔަތު ކުރުމުގައި ރީތި ނަމޫނާ ދައްކައިގެން ތަރުބިއްޔަތު ކުރުމަކީ ތަރުބިއްޔަތުގެ އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު ވަސީލަތް ކަމުގައި ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ދެއްވި މިއަދު ހުކުރު ޚުތުބާގައިވަނީ އިސްލާމީ ތަރުބިއްޔަތުގެ ފުރިހަމަ ޝާމިލް ސިފަތަކެއްވާ ބޭފުޅަކީ ކިރިތި ރަސޫލާ صلى الله عليه وسلم ކަމަށާއި އެކަލޭގެފާނުގެ ޝަހުސިއްޔަތުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުކަން މަތީގައި ކަމަށާއި ރަނގަޅު ކަންތައްތައް އާދަކުރުވައިގެން ތަރުބިއްޔަތު ކުރުމަކީ އިސްލާމީ ތަރުބިއްޔަތުގެ އުސޫލުތަކުގެ ތެރެއިންވާ އަސްލެއް ކަމަށެވެ.
ދަރިން ތަރުބިއްޔަތު ކުރުމަށް އިޝާރާތްކުރައްވާ ޚުތުބާގައިވަނީ ދަރިންނަކީ މައިންބަފައިންނަށް ހަވާލުކުރެވޭ އަމާނާތެއްކަމަށާއި އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު ކަމެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގެ ވަރަށް މުހިއްމު ދެ މަރުހަލާއެއް ވާކަމަށާއި މިދެމަރުހަލާގައިވެސް ޚިކުމަތްތެރިމަކާއެކު ދަރިންނަށް އިސްލާމީ ތަރުބިއްޔަތުގެ އުސޫލުން ތަރުބިއްޔަތު ކުރަން ޖެހޭ ކަމަށެވެ. އޭރުން އަޅުގަނޑުމެން އުއްމީދު ކުރާފަދަ ޤަދަރުވެރި ޖީލެއް މުޖުތަމަޢުން ފެނިގެން ދާނެ ކަމަށެވެ.
އިސްލާމް ދީނުގައި ތަރުބިއްޔަތުގެ މާނައަކީ ސިއްޙީ ގޮތުންނާއި، ބުއްދީގެ ގޮތުންނާއި، ރޫހާނީ ގޮތުންނާއި، އަޚްލާޤީ ގޮތުން އިސްލާމްދީނުގައި އަންގަވާފައިވާ ހަމަތަކުގެ މަތިން ދީނުގެ އިރުޝާދު ތަކުގެ އަލީގައި ކުއްޖާ ތަރުބިއްޔަތު ކުރުން ކަމުގައި ޚުތުބާގައި ފާހަގަ ކުރެއްވިއެވެ.
އިތުރަށް ޚުތުބާގައި ފާހަގަކުރެއްވީ މިއަދު މުޖްތަޢުގެ އަފްރާދުންނަށް ހަރުދަނާ ތަރުބިއްޔަތެއް ބޭނުންވާ ކަމަށާއި އެތަރުބިއްޔަތު ގެނެސްދޭނެ ސާބިތު ޢަޒުމް ވަރުގަދަ ބަޔަކު ބޭނުންވާ ކަމަށެވެ. އަދި ތަރުބިއްޔަތު ކުރުމުގެ ޒިންމާއަކީ މައިންބަފައިންގެ އިތުރުން ތަރުބަވީ މުއްސަސާތަކުގެވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށްބަލާ ދެފަރާތުންވެސް ފުރިހަމައަށް މިޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...