ކުޑަކަމުދާ ތަކެތި ނުދިނުމުގެ މައްސަލަ ތަކެއްގައި އެމްޑީޕީގެ އިސް ބައެއް މެންބަރުންގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް ކުޑަކަމުދާ ތަކެތި ނުދިނުމުގެ ކުށުގެ އަދަބު ކުޑަކުރަން އެމްޑީޕީގެ މެންބަރަކު ހުށަހެޅުއްވި މައްސަލަ އޭނާ އަނބުރާ ގެންދަވައިފިއެވެ.
ކުޑަކަމުދާ ތަކެތި ތަހުލީލު ކުރުމަށް ފުލުހުންގެ އޮފިސަރަކު އެދުމުން، އެ ކަމަށް އިންކާރު ކޮށްފި ނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް މަސްތުވާ ތަކެއްޗާއި ބެހޭ ގާނޫނުގައި ބުނެފައި ވާތީ، އެ އަދަބު ލުއި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާޙެއް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އީސާއެވެ.
އޭނާ ހުށަހެޅުއްވި ބިލުގައި ވަނީ ޔޫރިން ދިނުމަށް އިންކާރު ކޮށްފި ނަމަ ލިބޭ އަދަބު، ތިން ގޮތަކުން ލުއި ކުރުމަށެވެ.
އެގޮތުން ކުޑަކަމުދާ ތަކެތީގެ ސާމްޕަލެއް ދިނުމަށް އިންކާރު ކޮށްފި ނަމަ އޭނާގެ އަދަބަކީ ފަނަރަ ދުވަހަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހަށް ގޭ ބަންދު ކުރުން ނުވަތަ ބާރަހާސް ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ބަދަލު ކުރުމަށް އީސަގެ އިސްލާޙުގައިވެއެވެ.
މަސްތުވާ ތަކެއްޗާއި ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ މެންބަރުން ތަކެއްގެ މައްޗަށް ދަޢުވާ ކުރެވިފައި ވަނިކޮށް ކުޑަކަމުދާ ތަކެތި ނުދިނުމުން ދެވޭ އަބަދު ކުޑަކުރުމަށް ޤާނޫނަށް އިސްލާޙު ގެންނަން ހުށަހެޅުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފައެވެ.
ހދ ހޮޑައިދޫގައި މަސްތުވާ ތަކެއްޗާއި ބަނގުރާ ބުއިމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި އެމްޑީޕީ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރާއި، އެމްޑީޕީގެ އިސް ބައެއް މީހުންގެ މައްޗަށް ވަނީ ކުޑަކަމުދާ ތަކެތި ނުދިން މައްސަލާގައި ވެސް ދައުވާ އުފުލާފައެވެ.
އެހެން ނަމަވެސް މި ދަޢުވާ ތަކަށް އެ ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...