ހިމަންދޫ މައްސަލައާއި ބެހޭ ގޮތުން ޑރ. މަޖީދު ދައްކާފައިވާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ކަމަށް އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
ދިއިސްލާމްގައި ޝާއިއުކުރި ލިޔުމެއްގައި އައްޝައިޚް އާދަމް ނިޝާން ވަނީ އއ.ހިމެންދޫގެ އަޚުންނަށް ނަޞޭޙަތްދީ ދީނުގައި އެކަން އޮތްގޮތް ބަޔާންކޮށްދީ އެމީހުން ހެޔޮމަގަށް ގެނައުމަށް ކުރި މަސައްކަތްތަކަކީ އިސްލާމިކް މިނިސްޓްރީގައި ޑރ.މަޖީދު ހުންނަވައިގެން ދީނީ ޢިލްމުވެރިން އެރަށަށް ފޮނުވައިގެން ކުރި މަސައްކަތެއްކަމުގައި ބުނެ، ޑރ.މަޖީދު އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ދައްކާފައިވާ ވާހަކައަކީ ސީދާ ކަނޑައެޅިގެން ދޮގުވާހަކައެއްކަމަށެވެ.
ގުޅުންހުރި ލިޔުން: ހިމެންދޫ މައްސަލާގައި ޑރ.ޢަބްދުލްމަޖީދު ދައްކަވާފައިވާ ވާހަކަތަކާއި ބެހޭގޮތުން!
"އެރަށުގެ ކައުންސިލްގެ ރައީސްއާއި އަދި އެރަށުގެ ކަމުވޮށިގެންވާ ބޭފުޅުންގެ ފަރާތުން އަޅުގަނޑަށް ޚަބަރު ދެއްވި ގޮތުގައި އެރަށަށް އިސްލާމިކް މިނިސްޓްރީއިން ދީނީ ނަޞޭޙަތް ދިނުމަށްޓަކައި އެއްފަހަރަކު، އެމިނިސްޓްރީން ބޭފުޅަކު އެރަށަށް ފޮނުއްވެވި. އެހެންނަމަވެސް އެބޭފުޅާ އެރަށުގެ އެރައްޔިތުންނާއި ބައްދަލުކޮށް އެމީހުން ކުރި ސުވާލުތަކަށް ރަނގަޅަށް ޖަވާބު ނުދެވުމުން ރަށަށް އެރިތާ ބައިގަޑިއެއްހާއިރު ތެރޭ ވަނީ ފުރައިގެން ގޮސްފައި."ކަމަށް ޝެއިޚް ނިޝާންގެ ލިޔުމުގައިވެއެވެ. އަދި "ޑރ.މަޖީދާއި، އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވަނީ އިސްލާމިކް މިނިސްޓްރީއިން، ހިމެންދޫގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި ޑރ.މަޖީދު ފޮނުއްވެވީ ކޮން ޢިލްމުވެރިންނެއްތޯ؟" ބުނެ ޝެއިޚް ނިޝާން ވަނީ ސުވާލުކޮށްފައެވެ.
މިއޮއްހުރިހާދުވަހު ޑރ.މަޖީދު މިކަމަކީ އިސްލާމިކް މިނިސްޓްރީއިން ކުރި މަސައްކަތުގެ ނަތީޖާކަމުގައި ބުނެ ވާހަކަ ދައްކަމުންދިޔައިރު، މިކަމުގައި އެއްވެސް އެއްޗެއް ނުބުނެ މިހުރީ، މިކަމުގައި އަޅުގަނޑު ކްރެޑިޓްނަގައި އަދި މެޑެލް ޖަހަން ބޭނުން ނުވާތީކަމަށް ޝެއިޚް ނިޝާން ވިދާޅުވއެވެ. އަދި އެމްޑީޕީއަށް ކެމްޕޭން ކުރުމަށް، ސިޔާސީކަމެއްގެ ގޮތުގައި މިކަން ހަދައިގެން ޑރ.މަޖީދު ވާހަކަ ދެއްކުމުން، މިއަދު މިކަމާއިމެދު ހަނުހުރުމަކީ ޚިޔާނާތެއް ކަމުގައި ދެކި މިކަން ބަޔާންކުރަން މަޖުބޫރުވީކަމަށްވެސް ޝެއިޚް ނިޝާންގެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.
އައްޝައިޚް އާދަމް ނިޝާން އަކީ އއ. ހިމެންދޫގެ މައްސަލާގައި އެކަން ހައްލު ކުރަން ވަރަށ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުކެވެ. އެގޮތުން 2008ގެ ފަހުން ތިން ހަތަރު ފަހަރެއްގެ މަތިން އެރަށަށް ޝެއިޚް ނިޝާން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މާލޭގައިވެސް އެރަށުގެ އަޚުންނާއިއެކު ބައްދަލުވުންތައް ބާއްވާ ހަދާފައިވެއެވެ. އެދުވަސްވަރު ކޮށްފައިވާ ބައްދަލުވުންތަކުގެ ރެކޯޑިން އިންޓަނެޓްގައި އާންމުވެފައިވެސް ވެއެވެ.
މިލިޔުމުގައި ހިމަންދޫ މައްސަލައާއި ގުޅޭ މުހިންމު ހަގީގަތްތަކެއްވަނީ ބަޔާންކޮށްފައެވެ. އޭގެތެރޭގައި "އޭރު ވަކިން ޖަމާޢަތް ހަދައިގެން ހުކުރު ކުރި ކުދިންގެ ތެރޭގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ފަރާތަކުންނެވެ. އޭރު އަޅުގަނޑާއި އެބޭފުޅާ އާއި ދެކެވުނު ވާހަކައެއްގައި ބަޔާންކޮށްދިން ގޮތުގައި، އެމީހުން އެކަމާއި ބެހޭގޮތުން އޭރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނަށް ތިއްބެވި އަޙްމަދު މުޖްތަބާ އާއި އަޙްމަދު ޝަފީޤް (ސައްޕެ) އާއި ބައްދަލުކޮށް ވާހަކަ ދެއްކުމުން ބުނެފައިވަނީ، ޑރ.މަޖީދަށް އެކަން ނުހުއްޓުވޭނެކަމަށާއި އަދި އެތަނުގައި ވަކިން ޖަމާޢަތް ހަދައިގެން ހުކުރު ކުރުން މައްސަލައެއް ނެތްކަމުގައެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ޝެއިޚް ނިޝާން އިތުރަށް ވިދާޅުވީ، "އެމައްސަލަ ހައްލުކުރުމަށް އެރަށު ކައުންސިލާއި ގުޅިގެން ރަސްމީކޮށް ކުރި ހުރިހާ މަސައްކަތެއް ކަހަލަގޮތަކަށް ކުރީ ޑރ ޝަހީމް"ކަމަށެވެ.
ރޭ އެމްޑީޕީ ކެމްޕޭން ޖަލްސާގައި ޑރ މަޖީދު ވިދާޅުވެފައިވަނީ ހިމަންދޫ ބަޔަކާ ކުރިމަތިލާން 30 އަހަރުގެ ސަރުކާރުން ފޮނުވީ ސިފައިން ކަމަށާއި އެމްޑީޕީ ސަރުކާރާއި ހަވާލުވެގެން އެމީހުން ގާތަށް ފޮނުވީ ދީނީ އިލްމްވެރިންކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...