މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހުގައި އަޟްހާ އީދު ފާހަގަ ކުރާނީ އިސްލާމީ ހުދޫދުގެ ތެރެއިން އިސްލާމްދީން ހުއްދަ ކުރާ މިންގަނޑުގެ ތެރެއިން ކަމަށް ކިނޮޅަހުގެ ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ވިދާޅުވެއްޖެއެވެ.
ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން އަހުމަދު ހުސައިން ވިދާޅުވީ މިއަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ކިނޮޅަހުގައި ހިންގާ ހަރަކާތްތައް ހިންގާނީ އިސްލާމް ދީނުގައި ހުއްދަކުރާ މިންގަނޑުގެ ތެރެއިން ރަށު ކައުންސިލްގެ ބެލުމުގެ ދަށުންކަމަށެވެ. އަދި އެގޮތަށް ކުރިއަށް ގެންދިއުމަށް ކައުންސިލްއިން ނިންމާފައިވާ ކަމަށް އެފަރާތުން ހާމަކުރެއެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން އަހުމަދު ހުސައިން ވިދާޅުވީ އީދު ފާހަގަ ކުރުމުގެ ހަރަކާތްތައް ހިންގުމުގައި ކައުންސިލްގެ އިތުރުން ކިނޮޅަހު ޖަމިއްޔަތުލް އިއްތިހާދާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުން ހިމެނޭނެ ކަމަށެވެ.
އަހުމަދު ހުސައިން ވިދާޅުވީ އީދު ފާހަގަ ކުރުމުގައި ކައުންސިލްއިން ބައިވެރިވާން ނިންމީ، ކައުންސިލްގެ ބައިވެރިވުމެއް ނެތި ކުރިއަށް ދިއުމުން އިސްލާމްދީން ހުއްދަ ނުކުރާ މިއުޒިކް ފަދަ ކަންކަން އީދުގެ އުފަލުގެ ތެރެއަށް ބައެއް ފަހަރު ވަދެގެން ދާތީ ކަމަށާއި، ކައުންސިލް މެދުވެރި ވެގެން އެކަންކަން ހަމަ މަގަށް އެޅުވުމުގެ މަޤްޞަދުގައި ކަމަށެވެ.
އަޟްހާ އީދު ފާހަގަކުރުމަށް ތަފާތު ކުޅިވަރުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އީދުގެ ކުޅިވަރުތަކުގެ އިތުރުން އީދުގެ އުފަލުގައި ބޭއްވޭ ވަރަށް ހާއްސަ ޖާފަތެއް ހުކުރު ދުވަހުގެ ހުކުރުން ފައިބައިގެން އޮންނާނެ ކަމަށާއި މި ޖާފަތުގައި ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލުންނަށްވެސް ބައިވެރި ވެވޭނެކަމަށް އަހުމަދު ހުސައިން ވިދާޅުވިއެވެ. އަދި މިޖާފަތް ރޭވިފައި އޮންނާނީ ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލުން އެއްނުވާނެހެން ވަކިންކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...