ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުން މިއަދު ފުރަންފަށައިފިއެވެ.
މިއަދު ފުރުމަށް ހަޖެހިފައިވާ ހައްޖުވެރިންގެ ތެރޭގައި ހިމެނެނީ މިނާ ހައްޖު އުމްރާ ޕްރައިވެޓްގެ ހަވާލުގައި ދާ ސަތޭކަ އެއް މީހުންނާއި، ޔޫއެސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައިދާ ތިރީސް މީހުންގެ އިތުރުން، ޒައީ ގްރޫޕްގެ ހަވާލުގައިދާ އެގާރަ މީހުން ކަމަށް ދިއިސްލާމްއަށް މައުލޫމާތު ލިބެއެވެ.
މިއަހަރު ހައްޖަށް ދިއުމަށް ފުރާ ދެވަނަ ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވާ ބުރާސްފަތިދުވަހުއެވެ. އެއީ ޔޫއެސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައިދާ ހަތްދިހަ މީހަކާ ސިސިލްފަރު ހައްޖު އުމްރާ ގްރޫޕް ލިމިޓެޑްގެ ހަވާލުގައިދާ މީހުންނެވެ. އަތަމާ ހައްޖު ގްރޫޕްގެ ހަވާލުގައިދާ ސަތޭކަ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން މިދިޔަ އަހަރު މަލީޝާ ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ފަންސާސް ހަތަރު މީހުންގެ ޖާގައަށް އިސްލާމިކް މިނިސްޓްރީން ފައިސާ ހޯދި ނަމަވެސް ސައުދީ ސަރުކާރުން ކޯޓާ މަދުކުރުމަށް އެންގި އެންގުމާ ގުޅިގެން އެޖަމާއަތަށް ފައިސާ ދެއްކި މީހުންގެތެރެއިން މިއަހަރު ހައްޖަށް ދިއުމަށް ޖާގަ ލިބިފައިވަނީ 32 މީހަކަށެވެ. މި 32 މީހުން ހޮވާފައިވަނީ މަލީޝާ ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރޭގައި ގުރުއަތު ލައިގެންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...