ރާއްޖޭގެ ޚަބަރު ސިޓީ ކައުންސިލުން ދީނީ ދަރުސް ތަކަށް ހުރަސް އެޅުމުން ޢަދާލަތުން އެކަން ކުށްވެރިކޮށްފި

ސިޓީ ކައުންސިލުން ދީނީ ދަރުސް ތަކަށް ހުރަސް އެޅުމުން ޢަދާލަތުން އެކަން ކުށްވެރިކޮށްފި

ސިޓީ ކައުންސިލުން ދީނީ ދަރުސް ތަކަށް ހުރަސް އެޅުމުން ޢަދާލަތުން އެކަން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބަންޑާރަ މިސްކިތުގައި “މުސްލިމުންގެ ގުޅުން” ގެ ފަރާތުން ހަފުތާއަކު އެއްފަހަރު ދެމުންއަންނަ ދީނީ ދަރުސް ސިލްސިލާއަށް މާލޭ ސިޓީ ކައުންސިލުން ހުރަސް އަޅައި އެ ޕްރޮގްރާމް މެދުކަނޑުވާލާފައިވާތީ ޢަދާލަތުޕާޓީއިން އެކަން ކުށްވެރި ކޮށްފިއެވެ.

ޢަދާލަތުޕާޓީއިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ދުވަސް ކޮޅެއް ކުރިން ސިޓީ ކައުންސިލްއިން ބަންޑާރަ މިސްކިތުގެ އިމާމަށް އަންގާފައިވަނީ އަލުން ހުއްދަ ނުނަގައި އެއްވެސް ދީނީ ޢިލްމު ވެރިއަކު ދަރުސް ދެއްވުމަށް މައިކު ނުދިނުމަށް ކަމަށާއި މިފަދައިން އެންގުމާއިގުޅިގެން މިސްކިތަށް ދާ ބައެއް ބޭފުޅުން އަމިއްލަޔަށް ސިޓީ ކައުންސިލަށް ދުރުވެ ކަމާބެހޭ ފަރާތާއި ބައްދަލުކުރައްވައި މިކަމާއިބެހޭގޮތުން މަޝްވަރާ ކޮށްފައި ވާކަމަށެވެ.

އަދި މުސްލިމުންގެ ގުޅުމުގެ ފަރާތުންވެސް މިމަސްއަލައިގައި ސިޓީ ކައުންސިލްއާއި ބައްދަލު ކުރައްވާފައި ވާކަމަށާއި ދަރުސްދިނުމަށް ހުއްދަ ދެވޭނީ އަލުން ފޯރމެއް ފުރައިގެން ކަމަށް ބުނެ ގެނައި ފޯރމުގައި ދަރުސް ދިނުން ހުއްދަ އޮންނަ ގަޑިތަކެއް ކަމުގައި ކަނޑައަޅާފައިވަނީ ރޭގަނޑު 9 އަކުން 10 އަކަށް ނުވަތަ ރޭގަޑު 10 އަކުން 11 އަށް ކަމުގައްޔާއި ކޮންމެ މަހަކު އެއްފަހަރު ހުއްދަ އާކުރަން ޖެހޭނެކަމަށް އޮތުމުން ކައުންސިލަރާއި ބައްދަލުކުރަން ދިޔަ ފަރާތްތަކުން ނުރުހުން ފާޅު ކުރުމުން ކައުންސިލަރ އެތެރެއަށް ވަންނަވައި ދަރުސް ދެވޭ ގަޑިއަކީ ރޭގަޑު 8.30 އިން 9.30 އަށް ނުވަތަ 9.30 އިން 10.30 އަށް ބަދަލު ކުރައްވައިގެން ނިކުންނެވިކަމަށް ޢަދާލަތުޕާޓީއަށް މުޢުތަބަރު ގޮތުގައި އެނގިފައިވާކަމަށެވެ.

މީގެ އިތުރުން އެޕާޓީއިން ބުނެފައިވަނީ  އިސްލާމީ ޝިއާރުތައް ފާޅުކުރުމަށް އެމްޑީޕީގެ ކޮންޓްރޯލުގެ ދަށުގައިވާ ކައުންސިލްތަކުން ހުރަސްއަޅަމުން ގެންދާ ކަމަށާއި އެ މިންވަރަށް ޣައިރު މުސްލިމް ގައުމުތަކުގައި ވެސް އިސްލާމީ ޝިއާރު ފާޅުކުރުމަށް ހުރަސް ނާޅާ ކަމަށެވެ.

ޑިމޮކްރެސީ އާއި ތަރައްގީ އަދި އިންސާފު ފަދަ ފަށުވި ޝިޔާރުތަކެއްގެ ދަޅަދައްކައިގެން ރައްޔިތުން ހެއްލުންތެރިކުރުވުމަށް އެމްޑީޕީން މަސައްކަތް ކުރަމުން ގެންދާކަން މިފަދަ ކަންކަމުން ސާބިތުވާ ކަމަށާއި  ދިވެހި ރާއްޖޭގެ މާތްވެގެންވާ މިސްކިތްތައް މިފަދަ ބައެއްގެ ބާރުގެ ދަށަށް ދިއުމަކީ ހިތާމަ ހުރި ކަމެއް ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި 28 އަހަރު ވަންދެން ބަންޑާރަ މިސްކިތުގައި ދެމުން އަންނަ ދީނީ ދަރުސް ދިނުމަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލަށް ގޮވާލާކަމަށް ވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.