ރާއްޖޭގެ ޚަބަރު

ޒަކާތަކީ އޭގެ ޙައްޤުވެރިން ފިޔަވައި އެއްވެސް ބަޔަކަށް ހުއްދަވެގެންވާ އެއްޗެއް ނޫން: ޝައިޚް މުޙައްމަދު އަނީލް

މާލޭގެ މާރުކޭޓް ސަރަހައްދުގައި ދިވެހިންގެ ބަޔަކު އިށީނދެލައިގެން - ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް

ޒަކާތަކީ އޭގެ ޙައްޤުވެރިން ފިޔަވައި އެއްވެސް ބަޔަކަށް ހުއްދަވެގެންވާ އެއްޗެއް ނޫން ކަމުގައި އައްޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެ އެވެ.

ޝައިޚް އަނީލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް، އިއްޔެ ކުރެއްވި އިލްތިމާސެއްގައި ވިދާޅުވީ ޒަކާތަކީ ވަރަށް ބޮޑު ޙައްޤެއް ކަމަށާއި، އެ ޙައްޤުގެ ބޮޑު ކަމުން، އެ ޙައްޤު ބަހާނެ ގޮތް ކަނޑައެޅުއްވުމުގެ މަސްއޫލިއްޔަތު އެއްވެސް ނަބިއްޔަކަށް ނުދެއްވައި، އެ ޙައްޤު ކަނޑައަޅުއްވާފައިވަނީ ﷲ ޞުބްޙާނަހޫވަތައާލާ ކަމަށެވެ. ނަމަވެސް، މިހާރަކަށްއައިސް ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ނަން ނޯޓުކުރާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެކަމަށް ޙައްޤުނުވާ މީހުން ކަމުގައި ޝައިޚް އަނީލް ފާހަގަކުރެއްވި އެވެ.

އެހެންކަމުން، ޒަކާތް ޙައްޤުނުވާ އެއްވެސް މީހަކު އެގޮތަށް ނަން ނޯޓުކޮށްފައިވާނަމަ، ނުވަތަ އެމީހެއްގެ ގާތްތިމާގެ މީހަކުވެސް ނަން ނޯޓުކޮށްފައިވާނަމަ އެމީހަކަށް ވިސްނައިދީގެން، ކަމާބެހޭ އޮފީހުން އެމީހެއްގެ ނަން އުނިކުރެއްވުމަށް ޝައިޚް އަނީލް އިލްތިމާސްކުރެއްވި އެވެ.

ތިމާމެންގެ ފުދުންތެރިކަން ހުރުމާއެކު އޮޅުވާލައިގެން ފަޤީރުންގެ ލިސްޓުގައި ނަންޖެހުމާއި ޒަކާތުގައި މަކަރާއި ޙީލަތް ހެދުމަކީ ބޮޑުވެގެންވާ ފާފައެއް ކަމުގައި ދީނީ ޢިލްމުވެރިން ދަނީ ބަޔާންކުރައްވަމުންނެވެ. ނަމަވެސް، ފަޤީރުންނާއި މިސްކީނުންގެ ގިންތިއަށް ނުފެތޭ ފުދުންތެރިކަން ހުރި މީހުން ވެސް ނަން ނޯޓުކޮށް، ޒަކާތުގެ ފައިސާ ލިބިގަންނަކަމަށާއި، އޭގެ ސަބަބުން ޙަޤީޤީ ފަޤީރުންނާއި މިސްކީނުންނަށް ޒަކާތުން ލިބެންވާ މިންވަރު މަދުވެގެންދާކަން ގިނަ ބަޔަކު ދަނީ ފަހަގަކުރަމުންނެވެ.

އާބާދީގައި 31,000 އަށް ވުރެ ގިނަ މީހުން ތިބި އައްޑޫސިޓީ އަށް އެކަނިބަލާއިރު، މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި 9,101 މީހުން ނަންނޯޓްކޮށްފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން އިއްޔެ ވަނީ ބުނެފަ އެވެ. މިދިޔަ އަހަރު މުދަލުގެ ޒަކާތުން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނުބައިން ބޮލަކަށް 450.00 ރުފިޔާ ޖެހިފައިވާއިރު، އެފައިސާ އިސްލާމިކް މިނިސްޓްރީންނާއި ރަށްރަށުގެ ކައުންސިލްގެ އިދާރާތަކުން މިހާރު ވަނީ ދޫކުރަން ފަށާފަ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *