އިލާހީ ގާނޫނު ތަންފީޒުކުރަން ކޮންމެހެން ވަކި ބިލެއް ބޭނުންނުވާނެ ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ބުނެފިއެވެ.
"ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށް" މަޖިލީހުގެ ތަޅުމަށް ހުށައެޅުނު ބިލަށް ބަހުސްކުރަމުން އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންގެ ވާހަކަތައް ހުރީ އެބިލް ބޭނުން ނުވާފަދަ ގޮތަކަށެވެ. ބިލަށް ދެކޮޅު ހެދި މެމްބަރުން ބުނެފައިވަނީ "އިލާހީ ގާނޫނު ތަންފީޒުކުރަން ކޮންމެހެން ވަކި ބިލެއް ބޭނުންނުވާނެ ކަމަށާއި މިހާރު ޝަރުއީ ދާއިރާ އާއި ބައެއް ފަނޑިޔާރުންގެ ކަންކަން ހުރި ގޮތުން އެ ބިލް ފާސްކޮށްފި ނަމަ މައުސޫމް އެތައް ބަޔަކު މަރުވެގެން ހިނގައިދާނެ"ކަމަށެވެ.
"މިހާރު ތިއްބެވި ބައެއް ފަނޑިޔާރުން ވަނީ ކުރިން ހިންގި ލާއިންސާނީ ހުރިހާ އަމަލެއްގައި ބައިވެރިވެފައި" ކަމަށާއި "އެފަދަ ބައެއްގެ އަތްމައްޗަށް މިފަދަ ހުކުމެއް ކުރުމަށް ދޫކޮށްލަން ހެޔޮ ވެސް ނުވާނެ" ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ މަޖިލީހުގައި ބުނެފައިވެއެވެ. އަދި މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް ބުނެފައިވަނީ "މިއީ ދެއްކުންތެރިކަމާއި މިކަން ނުކުރަން ބަހަނާއެއްގެ ގޮތުގައި ހުށަހަޅާފައިވާ ބިލަކަށް ވާތީ މި ބިލަށް ތާއީދުނުކުރެވެނީ،"ކަމަށެވެ.
ބިލާއި ބެހޭ ގޮތުން ވާހަކަ ދެއްކި ބައެއް މެމްބަރުން ބުނެފައިވަނީ ކީރިތި ގުރުއާނުގައި ބަޔާންކޮށްފައިވާ ގޮތަށް ހައްގަކާއި ނުލައި މީހަކު މަރައިފި މީހެއްގެ މައްޗަށް މަރުގެ އަދަބުދޭނެ އުސޫލުތަކާއި ހަމަތައް ދީނުގައި ބަޔާންކޮށްފައި ވަނިކޮށް، ގާނޫނުގެ ދަށުން މަރުގެ އަދަބުދޭނެ އުސޫލެއް ކަނޑަނޭޅޭނެ ކަމަށެވެ.
މިބިލް އޮތުން މުހިންމު ނޫންކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެންބަރު އެމްޑީޕީ އަހުމަދު ރަޝީދު މަޖިލީހުގައި ބުނެފައިވަނީ މިއީ އިތުރު ގާނޫނެއް ހަދަން ޖެހޭ މައްސަލައެއް ނޫންކަމަށާއި އަޅުގަނޑުމެންނަށް އިލާހީ ގާނޫނުގައި މިވާހަކަ އެބައޮތް ކަމަށެވެ. ""މަރަންވީ ވަޅިޔަކުންތޯ. މަރަންވީ ވާގަނޑަކުންތޯ. މިސުވާލު އުފައްދައި މި ސުވާލު ދޭތެރޭގައި ބަހަނާ ދައްކައިގެން އަޅުގަނޑުމެނަށް މިއަދަކު ތިބެވޭކަށް ނެތް. އަޅުގަނޑުމެން އިތުރަށް ގާނޫނެއް ހަދަން ޖެހޭ މައްސަލައެއް ނޫން. އަޅުގަނޑުމެންނަށް އިލާހީ ގާނޫނުގައި މިވާހަކަ އެބައޮތް،" އަހުމަދު ރަޝީދު ބުނެފައިވެއެވެ.
ރާއްޖޭގައި މިހާރުވެސް މަރުގެ ހުކުމް އިއްވަމުންދާއިރު މަރުގެ ހުކުމް ތަންފީޒުކުރުމަށް ވަކި ބިލެއް އޮތުން މުހިންމު ނޫން ކަމަށްވެސް ބައެއް މެމްބަރުން ބުނެފައިވެއެވެ.
އެމްޑީޕީ އާއި ދެކޮޅު ހިޔާލުގެ ބޭފުޅުން ވަނީ "ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށް" ހުށައެޅުނު ބިލާއި އެއްކޮޅަށް ވާހަކަ ދައްކަވާފައެވެ. ޖުމްލަކޮށް ހުރިހާ ބޭފުޅުންވެސް ވިދާޅުވެފައިވަނީ "މިފަދަ ބިލެއް އައުމަށް މާ ލަސްވެއްޖެ"ކަމަށެވެ.
ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށް މަޖިލީހަށް ބިލް ހުށައަޅާފައިވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...