ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ފަލަސްތީނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިޒްރޭލުގައި މަޑު ކުރައްވަން ނިންމަވާފައި ނުވާތީ އެކަމާއި އިޒްރޭލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިޒްރޭލުގެ އޮންލައިން ނޫހެއްކަމުގައިވާ ޓައިމްސް އޮފް އިޒްރޭލުގައި ރައީސް ވަހީދު ގެ މިދަތުރުފުޅާ މެދު ބުނެފައިވަނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކުޑަ ވަގުތުކޮޅެއް ވެސް އިޒްރޭލުގައި މަޑުކޮށް ލެއްވުމަށް ނިންމަވާފައި ނުވުމުން އެކަމުން ދޭހެވެގެން ދަނީ ދުނިޔޭގައިވާ އިޒްރޭލުގެ އެކުވެރި މަދު ގައުމުތަކުގެ ތެރެއިން ޤައުމެއް ގެއްލިގެންދަނީ ކަމުގައެވެ.
އަދި އެނޫހުގައި އިތުރަށް ބުނެފައިވަނީ، ރައީސް ވަހީދު ފަލަސްތީނަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ފަލަސްތީނުގެ މުހިންމު ސަރަހައްދުތައް ކަމުގައިވާ ހިބްރޫނަށާއި، ބައެތުލަހަމްއަށާއި، ރާމަﷲ އަށް ވަޑައިގެން ފަލަސްތީނުގެ އިސްވެރިންނާއި ރައީސް މަހުމޫދު އައްބާސްއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާ އަދި އަވަހަރާވެފައިވާ ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތުގެ މަގުބަރާއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައި ވާކަމަށެވެ ނަމަވެސް މި ދަތުރުފުޅުގައި އިޒްރޭލު ސަރުކާރުގެ އެއްވެސް ފަންތިއެއްގެ އޮފިޝަލަކާއި ބައްދަލުކުރެއްވުމަށް ރައީސް ވަހީދު އެދިވަޑައިގެންފައި ނުވާކަމަށް ވެސް އެ ނޫހުގައި ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ރާއްޖެއާއި އިޒްރޭލާއި ދެމެދު ސިޔާސީ ގުޅުންތަކެއް ނޯންނައިރު، ފާއިތުވި ދެ ތިން އަހަރުގެ ތެރޭގައި (ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި) ހީނަރުވެފައިވާ ރާއްޖެ އާއި އިޒްރޭލުގެ ގުޅުން ވަރަށް ބޮޑުތަން ރަނގަޅުވެގެން ގޮސްފައިވާކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އެއިރުގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމު އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ކަމަށާއި، ނަސީމުގެ އެ ދަތުރުފުޅަކީ، ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު އިޒްރޭލަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަމުގައި ވެސް އެނޫހުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ނަސީމުގެ އެ ދަތުރުފުޅާއި ގުޅިގެން އިޒްރޭލުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައި އިޒްރޭލާއި އެކު ގާތްގުޅުންތަކެއް ބާއްވަން މަސައްކަތްކުރެއްވި ކަމަށާއި، ރާއްޖެއަކީ އިޒްރޭލުގެ މިތުރެއްގެ ގޮތުގައި ހެއްދެވި ކަމުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...