މިއަހަރުގެ ރޯދަ މަހު އެމްބީސީން ކުރިއަށް ގެންދާ ގުރުއާން މުބާރާތް "އެންމެ އަލި ގަދަ ތަރި" ގައި ވާދަކުރުމަށް 12 ބައިވެރިން ހޮވައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމްބީސީގެ މީޑިޔާ ކޯޑިނޭޓަރު އަބްދުﷲ ރަމީޒް ވިދާޅުވެފައި ވަނީ އެންމެ ރީތިކޮށް ގުރުއާން ކިޔަވައި، ގުރުއާންގެ އިލްމު އެނގޭ މީހަކު ހޮވުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް 270 މީހަކު ހުށަހެޅި ކަމަށާ ނަމަވެސް އެކި އެޕިސޯޑްތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ވާދަކުރެވެނީ ހަމައެކަނި 12 މީހުންނަށް ކަމަށް ވުމުން އެ މީހުން ހޮވާފައިވާ ކަމަށެވެ.
މި ޕްރޮގްރާމް އާ ބެހޭ ގޮތުން ޕްރޮގްރާމްގެ ޕްރޮޑިއުސަރ މުޖުތަބާ ރަޝީދު ވިދާޅުވެފައިވަނީ މި ޕްރޮގްރާމްއަކީ، ދިވެހިންގެ މެދުގައި ގުރުއާނަށް އޮތް ލޯބި އިތުރުކުރުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފަށާ ޕްރޮގްރާމް އެއް ކަމަށެވެ.
މުޖުތަބާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މި މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ ގުރުއާންގެ އިލްމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ބޭފުޅުން ކަމުގައެވެ.
މީގެ އިތުރުން މި މުބާރާތުގައި އެކި ރާގުތަކަށް އެންމެ ރީތިކޮށް ގުރުއާން ކިޔަވާ މީހަކު ބަލައި، އެ މީހުންނާ ތަޖުވީދުގެ ސުވާލުތައް ކުރާނެ ކަމަށާއި މުބާރާތުގެ އެއްވަނައަށް އަންނަ ފަރާތަކަށް ބައި ލައްކަ ރުފިޔާގެ އިނާމަކާއި އެންމެ އަލި ގަދަ ތަރީގެ ލަގަބް އެ މީހަކަށް އެރުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...