ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް މިނިސްޓްރީއިން ކުންފުނިތަކާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް އަމަލުކުރާ ކުންފުނިތަކަށް ކުރިއަށް އޮތް ތަނުގައި ޙައްޖަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ޑރ ޝަހީމް އިތުރަށް ވިދާޅުވީ ޙައްޖަށް ގެންދިއުމަށް އާއްމުން ފައިސާ ދައްކަމުން އަންނައިރު ބައެއް ކުންފުނިތަކުން ޑޮލަރުން ފައިސާ ބަލައިގަންނަ ކަމުގެ ވަރަށް ގިނަ ޝަކުވާ ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ޙައްޖު ފައިސާ މި އަހަރު ޑޮލަރުން ދައްކަން ޖެހުމުގެ އުޒުރެއްގެ ގޮތުގައި ކުންފުނިތަކުން ދައްކަނީ ޙައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މި އަހަރު ލިބިފައިވާ ވަގުތު ކުޑަވުން ކަމަށް ވާއިރު ޑރ ޝަހީމް ވިދާޅުވީ ޙައްޖުގެ އިންތިޒާމްތައް ހަމަޖައްސަން ވަގުތު އަދި ކުޑަ ނޫން ކަމަށާއި އެ ވާހަކަ ދައްކަނީ އަމިއްލަ ފައިދާތަކެއް ހޯދުމަށް ކަމަށް ބެލެވޭ ކަމަށެވެ.
ޙައްޖު ދަތުރުގެ އަގުގެ ގޮތުގައި މި އަހަރު ބޮލަކަށް ކަނޑައަޅާފައިވާ 67،000ރ. ދައްކަން ޖެހެނީ ދިވެހި ރުފިޔާ އިން ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީ އިން މީގެ ކުރިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.
ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ 8 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީއިން ދޫކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ މިނާ ހައްޖު އުމްރާ އާއި ޔޫއެސް އިންވެސްޓްމަންޓާއި ސިސިލްފަރު ހައްޖު އެންޑް އުމުރާ އާއި ކުރީގެ އެކްރޯ ކުންފުންޏާއި އަލްބަޓްރޮސް އިންޓަނޭޝަނަލް އާއި އަތަމާ ހައްޖު ކުންފުންޏާއި ޒައީމާ ކުންފުނީގެ އިތުރުން ހަމަލަތުލް އިހްލާސުލް ލިލް ހައްޖު ވަލްއުމުރާ ކުންފުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...