މީގެ ދެހަފްތާ ކުރިން ގދ. ފަރެސްމާތޮޑާއިން ޑިންގީއެއްގައި ފުރި ފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ މުޙައްމަދު ފަލާޙު އިއްޔެ ބޯޓަކަށް ފެނިގެން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނެފައިވަނީ މުޙައްމަދު ފަލާޙު ކަނޑުމަތިން ފެނިގެން ނަގާފައިވަނީ ޖަރުމަނުގައި ރަޖިސްޓްރީ ކޮށްފައިވާ "ހައްމޯނިއާ ޓިއުޓޮނިކާ" ނަމަކަށް ކިޔާ ބޯޓަކަށް ކަމަށާއި މި ބޯޓަށް އޭނާ ފެނިފައިވާކަމަށް ލަފާކުރެވެނީ ރާއްޖެއާ ގާތްގަނޑަކަށް 900 މޭލް ބޭރުން ކަމަށެވެ. އަދި މިބޯޓް މެލޭޝިޔާއަށް ފޯރާނެ ކަމަށް ލަފާކުރެވެނީ މިމަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފް އިން ހާމަކުރެއެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނެފައިވަނީ ފަލާހު ފެނިއްޖެކަން އާއިލާ އިން އަންގާފައިވާ ކަމަށާއި މިހާރު އިތުރު މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.
ފަލާހް ގެއްލިފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު އައުޓް ބޯޑް އިންޖީނެއް އަޅާފައިވާ 14 ފޫޓްގެ ގުރާފެހި ކުލައިގެ ދަވާދު ލާފައިވާ ޑިންގީއެއްގައި އުޅެނިކޮށް ފަރެސްމާތޮޑާ ކައިރީގައި އޮންނަ "ފާތިހުއްޓާ" ކިޔާ ފަޅުރަށެއްގެ ކައިރިންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...