ކޮންމެ ރަށެއްގައި އަޅުގަނޑުމެން އުޅުނަސް، ކޮންމެ މަސައްކަތެއް ކުރިޔަސް އަދި ކޮންމެ ޕާޓީއެއްގައި އުޅުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަމާއި، އަޅުގަނޑުމެންނަކީ މުސްލިމުންކަން ދަންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޭކުރެންދޫގައި ޢިމާރާތް ކުރަން ހަމަޖެހިފައިވާ ހުކުރު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ހަމަޖެހުން ގެނެސް، ޞުލްޙަމަޞްލަޙަތު ޤާއިމް ކުރެއްވުމަށް، މިވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތައް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އަޔަނުދިނުމަށް ދިވެހިންގެ މަދުބަޔަކު ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރައްވައި، އެކަމުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވައިލެއްވިއެވެ.
ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ލިބެނީ، ފަތުރުވެރިކަމުން ކަމާއި، ޚަރަދުތަކުގެ ބޮޑުބައެއް ހަމަޖައްސަވަނީ، ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އެއްޗަކުންކަން ކަމަށާއި އެހެން ނަމަވެސް، ރާއްޖެއަށް އަންނަ ފަތުރުވެރިން އަޔަނުދިނުމަށާއި، އެމީހުން ބިރުގެންނެވުމަށާއި، ރާއްޖެއިން ފައްސާލުމަށްޓަކައި ކެނޑިނޭޅި ބަޔަކު މަސައްކަތް ކުރަމުން އެބަގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަން ހަލާކުކޮށްލުމަށް އެއްވެސް ބަޔަކު މަސައްކަތްކޮށްގެން ނުވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ރަނގަޅުކުރަންޖެހޭ ކަންކަމަކީ، ވަރަށް ގޯސް ކަންކަމަށް ހަދައިގެން، ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖެ ފަޟީޙަތް ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މަސައްކަތް ކުރުމަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރެއްވޭކަމުގައެވެ.
އަދި ޢާއިލާތަކުގެ މެދުގަޔާއި، ރަށްރަށުގައި ދެކޮޅުވެރިކަން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އަދި އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ފިތުނަ އުފެއްދުމަކީ، ޤައުމީ ނަޒަރަކުން ބަލައިފިނަމަ، ޤައުމު ބައިބައިވެ، ކުދިކުދިވެދާނެ ކަމެއް ކަމަށް ވިދާޅުވެ، މިބާވަތުގެ ކަންކަމަށް ހިތްވަރު ނުދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...