ދީނީ ލިޔުންދީން

މުސްލިމުން ﷲ ސިފަ ކުރަނީ ކިހިނެއްބާ ؟

ބައެއް ދީނާ ޙިލާފު ފިކުރުތައް ގެންގުޅޭ ކުދިން އަދި އެހެން ދީންތަކަށް ތައައްސުބު ވެފައިވާ ކުދިންގެ ވާހަކަ ތަކުން އަޅުގަނޑަށް  އަބަދުވެސް އެއްކަމެއް ފާހަގަ ކުރެވެއެވެ. އެއީ އަޅުގަނޑުމެން މުސްލިމުން ﷲ ސުބުހާނަހޫ ވަތަޢާލާ ސިފަ ކުރާގޮތް މިކުދީންނަށް ފުރިހަމައަށް ނޭގުމެވެ. އެހެންކަމުން އިލްމުވެރިއެއްގެ އަގުހުރި ބަސްކޮޅެއްގެ އެހީތެރިކަމާއެކުު، މުސްލިމެއްގެ ހައިޞިއްޔަތުން އަޅުގަނޑުމެން ހައްދަވާ ގެންގުޅުއްވާ ޚާލިގް ސިފަކޮށްދޭ ނަމެވެ.

ކޮންމެއަކަސް ޚާލިޤު ޚާލިޤަކަށް ވަނީ މަޚުލޫގުންނާއި އެތައް ގޮތަކުން ތަފާތު ވުމުން ދެއްތޯއެވެ؟ މި ހުރިހާ ތަފާތެއް ނުގެނެސް ދެވުނަސް، އާޔަތުލް ކުރުސީގެ އަލީގައި ކޮންމެވެސް ވަރަކަށް ބަޔާން ކޮށްދޭނަމެވެ. މިތާގައި އަޅުގަނޑު މިގެނެސްދެނީ އާޔަތުލް ކުރުސީގެ މާނައެއް ނުވަތަ ތަފްޞީރެއްވެސް ނޫނެވެ. އެހެން ނަމަވެސް އިލްމުވެރި އެއްގެ ދުލުން މި އާޔަތުގެ އެހީގައި ﷲ ތަޢާލާ ސިފަކުރައްވާފައިވާ ފުރިހަމަ ކަމުންނެވެ.

ﷲ އީ އެންމެހާ އިންސާނުންނާއި އެހެނިހެން އެންމެހާ މަޙުލޫގުންތައް އުފައްދަވާ، ދިރި ލަހައްޓަވާ އަދި އެބައިމީހުންގެ އަމަލުތައް ބައްލަވަމުން ގެންދަވާ ޙާލިޤެވެ. އެހެންކަމުން އެފަރާތާ އެއްވަރު ވެގެންވާ ނުވަތަ އެއްގޮތް ވެގެންވާ އެއްވެސް އިތުރު ފަރާތެއް ވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެފަރާތަކީ މަޙުލޫގުންނަށް ފުރާނަދެއްވާ ދިރުންދެއްވި ފަރާތެވެ. ނަމަވެސް އެފަރާތަކީ އެއްވެސް އިތުރު ފަރާތަކުން ވުޖޫދަށް އައި ފަރާތެއް ނޫނެވެ. މާނަ އަކީ އެކަލާންގެ އަށްވުރެ ބާރު ލިބިގެންވާ ނުވަތަ އިލްމު ލިބިގެންވާ އިތުރު ދެވަނަ ފަރާތެއް ނުވެއެވެ. ފެށުމެއް އަދި ނިމުމެއް އެކަލާންގެ ޒާތުފުޅަކަށް ލިބިގެން ނުވެއެވެ. އަޅުގަނޑުމެން ނިކަމެތި އިންސާނުން ވުޖޫދަށް މިއަންނަނީވެސް އަދި ކިޔެއް ނިމިގެން ދަނީވެސް އަޅުގަނޑުމެންގެ އެއްވެސް އިޙުތިޔާރެއް ނެތިއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ފެށުމަކާއި ނިމުމެއް އޮތީތީ އަޅުގަނޑުމެން ހެއްދެވި ފަރާތައްވެސް އެސިފަ ލިބިގެން ވާންޖެހޭކަމަށް ގަބޫލު ކުރެވުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ބުއްދީގެ ހަނިކަމެވެ.

މިފަދަ ވަރުގަދަ ފަރާތަކަށް ޔަގީނުންވެސް ވަރުބަލި ވުމާއި، ނިދުމާއި، ބަނޑުހައިވުމާއި، އަރާމު ކުރުން އެއީ އެކަށީގެންވާ ސިފަތަކެއް ނޫނެވެ. ސަބަބަކީ މިއިން ކޮންމެ ސިފައަކީ އަޅުގަނޑުމެންފަދަ މަޙުލޫގުންނަށް ޙާއްސަ ވެގެންވާ ސިފަތަކަށް ވަތީއެވެ. އިންސާނަކަސް ޖަނަވާރަކަސް އަދި އެހެން ވައްތަރެއްގެ މަހުލޫގަކަސް މިދެންނެވި ސިފަތަކަކީ އާންމު ހާލަތުގައި އެ މަޙުލޫގަކަށް ލިބިގެންވާ ސިފަތަކެވެ. ﷲ އީ އުޑާއި ބިމާއި ޖައްވާއި އަދި މުޅިކައުނުގެ ހުރިހާ މައުލޫމާތެއް އެންމެ ފުރިހަމަ އަށް ދެނެވޮޑިގެންވާ ފަރާތެވެ. އެ އެއްޗަކީ މަތިވެރި/ދަށުދަރަޖައިގެ ނުވަތަ ފާޅުވެގެންވާ/ޣައިބުގައިވާ ނުވަތަ މައިކްރޯސްކޯޕިކް ނުވަތަ ކާއިނާތުގެ އެތެރޭގަ އަދި ކިޔެއް ކާއިނާތުގެ ބޭރުގަވާ އެއްޗެއްކަމުގަ ވިޔަސް އެ އިލާހަށް މިލްކުވެ، އެއެއްޗެއްގެ މަށްޗަށް އާރާއި ބާރު ލިބިގެންވާ އެއްޗެކެވެ.

އެހެންވީމާ މިފަދަ މަތިވެރި ޢިލްމުވެރި އަދި ބާރު ވެރި ފަރާތެއްގެ ދަށުން ނެއްޓިގެންދާނެ ނުވަތަ ބެލުމުގެދަށުން ބަރީއަ ވެެގެންދާނެ މަޙުލޫގަކީ ކޮބައިތޯއެވެ؟ އެއީ އިންސާނެއް ކަމުގައިވިޔަސް، މަލާއިކަތެއްކަމުގައި ވިޔަސް، ޖަނަވާރެއް ކަމުގައި ވިޔަސް، އަދި ޖިންނިއެއްކަމުގައި ވިޔަސް ނުވަތަ ކާއިނާތުގެ އެހެން ތަނެއްގައި ވާ އެހެން މަޙުލޫގެއްކަމުގައި ވިޔަސްމެއެވެ.

އެހެންކަމުން ﷲއީ ހުރިހާ މަޙުލޫގުންގެ މުސްތަޤުބަލުގައި ހިނގަންހުރި ކަންކަމާއި، އެބަޔެއް ހަޔާތުގެ ވޭތުވެގޮސްފައިވާ ހުރިހާ ސިކުންތެއްގެ ހުރިހާ މައުލޫމާތެއް، އަދި ކަމެއްވަކިގޮތަކަށް ހިނގައިފި ނަމަ ދެން ވާނީ ކިހިނެއްކަމާއި، ހުރިހާ ސިއްރު މައުލޫމާތާއި ފާޅުވެގެންވާ ހުރިހާ އިލްމެއް ދެނެވޮޑިގެންވާ ފަރާތެވެ. އެހެންކަމުން މިއިން އެއްވެސް އިލްމެއްގެ ޛައްރެއްގެ މިންވަރު ވެސް އެކަލާންގެ ޙަޒާނާއިން ނިގުޅައިގަތުމަކީ ނުވަތަ ވަގަށްނެގުމަކީ، ނުވަތަ ހޯދުމަކީ މަޙުލޫގުންނަށް ކުޅަދާނެ ވެގެންވާ ކަމެއް ނޫނެވެ. ހަމައެކަނި އެ އިލާހު މިންވަރު ކޮށްދެއްވި މިންވަރެއް މެނުވީއެވެ.

މީގެ އިތުރުން އެކަނލާންގެ އަރުޝު ކޮޅުވަނީ މުޅި މިކާއިނާތުގެ މަށްޗަށް، އަޅުގަނޑުމެން މިކިޔާ ގޮތުން ނަމަ " ޓައިމް، ޑިސްޓެންސް އެންޑް ސްޕީޑް" (ވަގުތާއި، ދުރުމިނާއި،ދަތުރުކުރާ މިންވަރުން) މުޅީން ބޭރުގައެވެ. މާނަ އަކީ މިއިން އެއްވެސް ކަމެއްގެ ޤަވާއިދެއް އެކަލާންގެ މަށްޗަކަށް ނުހިނގައެވެ. އަދި އެކަލާންގެ އަށް މިލްކުވެގެންވާ ޚަޒާނާއިން މުޅިކާއިނާތް ފުރާލިޔަަސް އެކަލާންގެ އަކަށް ޛަށްރެއްގެ މިންވަރުވެސް އުނިވެގެން ނުދެއެވެ. އަދި މިކާއިނާތު ހިންގަވާ، ޕްލެނެޓްތަކާއި މަޑިކިލަނބުތަށް(ގެލެކްސީ) އެކަތި އަނެކައްޗާ ފުށުނާރާ ގޮތަށްބަލަހައްޓެވުމަކީ އެ އިލާހަށް އެއްވެސް އުނިކަމެއް އަދި އުނދަގޫކަމެއް ނޫނެވެ. ސަބަބަކީ އެ ހުރިހާކަމެއް ހިގަމުންދަނީ އެކަލާންގެ އިރާދައިގެ ދަށުން ކަމަށްވާތީއެވެ.

ކޮންމެ އަކަސް މިދެންނެވުނު ސިފަތަކަށް ވިސްނާލުމަށްފަހު އަމިއްލަ އަށް ނިކަން ސުވާލު ކޮށްލަށްވާށެވެ؟ ތިބޭފުޅާ ދަންނަ މީހެއް، ނުވަތަ އާއިލާމެންބަރެއް، ނުވަތަ މަޝްހޫރުމީހެއް، ނުވަތަ ރަސްކަލެއް، މި ދެންނެވި ސިފަތަށް ލިބިގެންވޭތޯ އެވެ؟ ޝައްކެއްނެތް ގޮތުގައި ނޫޅޭނެކަން އަޅުގަނޑަށް ކަށަވަރެވެ. ވީ އިރު މީ ހަމަ އެކަނި ކާއިނާތު އުފެއްދެވި ފަރާތުގެ ސިފަތަކެވެ. ހަމަ އެކަނި ނިސްބަތްވާންޖެހެނީ ވެސް އެފަރާތަށެވެ. މިއީ އަޅުގަނޑުމެން މުސްލިމުންގެ އަޤީދާ އެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ މުސްލިމުން ސިފަ ކުރަނީ މިފަދައިންނެވެ. ސުވާލު އުފެދިފައިވާ ހިތަކަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ދެވިއްޖެ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ. ވަﷲ އަޢުލަމް.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *