ރާއްޖޭގެ ޚަބަރު

”އިސްލާމިކް ފެއާރ 2013“ ހުޅުވައިފި

އިސްލާމިކް މިނިސްޓްރީ އިން ބާއްވާ “އިސްލާމިކް ފެއާރ” - ދިއިސްލާމް ފޮޓޯ: އަސްވާގް

އިސްލާމިކް މިނިސްޓްރީއިން އިންތިޒާމްކޮށްގެން އެކިފަރާތްތަކުގެ އެހީތެރިކަމާއެކު ބާއްވާ ”އިސްލާމިކް ފެއާރ 2013“ މިރޭ ހުޅުވައިފި އެވެ.

އިސްލާމީ މަރުކަޒުގެ ގްރައުންޑް ފްލޯގައި، ހަފްލާ ފެށުމުގެ ގޮތުން ޝަރަފްވެރި މެހެމާން އިސްލާމިކް މިނިސްޓރްީގެ ނައިބު ޝެއިޚް މުހައްމަދު ގުބައިދު އަބޫބަކުރު ވިދާޅުވީ މުސްލިމުންނަށް މާތްﷲ އެންގެވި އަމުރުފުޅަކީ ކިޔަވައި އިލްމު އުނގެނުމުގެ އަމުރުފުޅު ކަމަށާއި އަދި އެހެންކަމުން އެ މޮޓޯއަށް އަމަލު ކުރުމުގެ ގޮތުން ފޮތް ކިޔައި އިލްމު އުނގެނުމުގެ މައުރަޒެއް އިންތިޒާމް ކުރީ ކަމަށެވެ.

ޝެއިޚް ގުބައިދު އިތުރަށް ވިދާޅުވީ ކީރިތި ރަސޫލާ އަށް އެންމެ ފުރަތަމަ އުޑާއި ބިމުގެ ގުޅުން އެތައް ޒަމާނަކަށް ކެނޑިގެން ދިއުމަށްފަހުގައި ދެން އެންމެ ފުރަތަ ގުޅިގެން ދިޔަ އަޑުފުޅަކީ "އިގްރައު" ނުވަތަ ފޮތް ކިޔަވާ ވިދާޅުވުމަށް ކަމަށެވެ.

މިއަދުން ފެށިގެން މިމަހު 05 އަށް ކުރިޔަށް ދާ މިފެއަަރގައި އެކި ބުކްޝޮޕްތަކުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެފައިވެއެވެ. އަދި މިފެއާރ ގައި ކުޑަ ކުދިންގެ ސްޓޯލަކާއި، އެހެނިހެން ޙަރަކާތްތައް ކުރިއަށްދާ ސްޓޯލްތައް ބަހައްޓާފައިވެއެވެ. އެގޮތުން ކުޑަކުދިންނާ ގުޅުންހުރި ދީނީ ޙަރަކާތްތަކުގެ ތެރޭގައި ނަމާދުކުރުމާއި، މަދަޙަކިޔުމުގެ އިތުރަށް، ޕަޒަލް ހެނދުމާއި ސުވާލާއި ޖަވާބު ދިނުން ފަދަ ކަންކަންވެސް މި ފެއަރގައި ހިމެނިފައިވެއެވެ.

އަދި ކައުންސިލިންގ ޕްރޮގްރާމްތެރޭގައި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ދެމަފިރިންގެ މެދުގައި އުފެދޭ މައްސަލަތަކާއި، ޢާއިލީ މައްސަލަތަކާއި، އެހެނިހެން މައްސަލަތަކަށް ޖަވާބު ދެއްވުމަށް ދީނީ ޢިލްމް ހާސިލް ކުރައްވައިގެން ތިއްބެވި އަންހެން އުސްތާޒާއިން ވެސް ތިއްބަވާނެ ކަމަށް އެ މިނިސްޓްރީ އިން ހާމަކުރައްވައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ހާމަކުރާ ގޮތުގައި މިއީ އިސްލާމްދީނުގެ މަޢުލޫމާތު ޢާއްމުންނަށް ފަސޭހަކަމާއެކު ލިބުމާއި، އަދި އެއްތަނަކުން ދީނީ ގިނަ ފޮތްތަކެއް ލިބޭނެ ފުރުޞަތެއް ޤާއިމްކުރުމާއި، ދީނީ މަޢުލޫމާތު ހޯދަންބޭނުންވާ މީހުންނަށް ފަސޭހައިން މަޢުލޫމާތު ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ އިތުރަށް އިސްލާމިކް މިނިސްޓްރީގެ ޙަރަކާތްތައް ޢާއްމުންނަށް ހާމަކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ފެއަރއެކެވެ.

4 އަދި 5 މިދެދުވަހު އިސްލާމިކް ފެއަރ ހުޅުވިފައި ހުންނާނީ ހެނދުނު 10:00-12:00 އަދި ހަވީރު 4:00-6:00 އަދި ރޭގަޑު 8:30-11:30 އަށް ކަމަށް ވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ހާމަކުރައްވައެވެ. އަދި މިފެއަރއަށް ވީހާވެސް ގިނަބަޔަކު ވަޑައިގެން ދެއްވުމަކީ އިސްލާމިކް މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

ދިއިސްލާމް ފޮޓޯ: އިސްލާމިކް މިނިސްޓްރީ އިން ބާއްވާ “އިސްލާމިކް ފެއާރ”

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *