އިސްލާމްދީނުގެ ނަމުގައި ވަގުތީ ސިޔާސީ ބޭނުމެއް ފުއްދުމަށް ޝޭއިޚުންގެ ލަގަބު ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކުރީސަފުގައި ތިއްބަވައިގެން ކަނޑައެޅިގެން މާނަ އޮޅޭގޮތަށް ރައްޔިތުންނަށް ދޮގު މައުލޫމާތު ދޭތީ އެމްޑީޕީއިން ވަރަށް ހިތާމަ ކުރާ ކަމަށް އެޕާރޓީއިން ބުނެފިއެވެ.
ސިޔާސީ ހަތިޔާރަކަށް އިސްލާމްދީން ބޭނުންކޮށްގެން ފިތުނަ ފަސާދަ އުފައްދަމުންދާތީ އެކަންކަން އެންމެ މަތީ ދަރަޖައިގާ އެމްޑީޕީން ކުށްވެރިކުރާ ކަމަށް ބުނެ އެމްޑީޕީން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް މުސްލިމް ބަޔަކާ ނިސްބަތްކޮށް އެއީ ލާދީނީ ބައެއްކަމުގައި ބުނުމަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާކަމެއް ކަމަށެވެ. އަދި އެ ޕާރޓީއިން ބުނީ މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތަކުގެ ސަބަބުން ޢިލްމުވެރިންނަށް ރައްޔިތުންކުރާ އިޙްތިރާމްއާއި ގަދަރު ކުޑަވަމުންދާކަމީ މިޕާޓީންކަންބޮޑުވާކަމަށެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޕްރިލް 16 ވަނަ ދުވަހު ޑެންމާކުގެ ޤާނޫނު ހަދާ މަޖިލިހުގެ ދަޢުވަތަކަށް ކުރެއްވި ތަގުރީރެއްގައި، އެމަޖިލިހުގައި ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުންނާއި ބައެއް މީޑިޔާތަކުގައި އެކަމުގެ ހަގީގަތް އޮޅޭގޮތަށް ޒިންމާދާރުކަމެއްނެތި ފަތުރަމުންދާ ވާހަކަތައް އެމްޑީޕީން އެންމެ މަތީދަރަޖައިގާ ކުށްވެރި ކުރާކަމަށް މި ނޫސްބަޔާނުގައިވެއެވެ. އަދި މިކަންކަން ކުރަނީ ދީނީ ޝެއިޚުންގެ ތޮފި އަޅައިގެން ތިބެ ދީން ހަތިޔާރަކަށް ބޭނުން ކުރާބަޔަކު، ރައްޔިތުންގެ ތާޢީދު ނެތި ދީނީގޮތުން ހައްދު ފަހަނައަޅާފައި ތިބެގެން އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ބަޣާވަތްކުރި ބައެއްކަމުގަރާ ކަމަަށްވެސް އެ ނޫސްބަޔާނުގައި ވެއެވެ. އަދި އެޕާޓީން ގަބޫލުކުރާގޮތުގައި މިކަން ކުރަނީ އަމާން ދިވެހި މިބިމުގައި ފިތުނަ ފަސާދަ އުފައްދަން ކަމުގައެވެ.
"ރައީސް މުހަންމަދު ނަޝީދު ޑެންމާކުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށި ވިސްނުން ދިވެހިރާއްޖޭގައްޔާއި ދުނިޔޭގައި ފެތުރެމުންދާތީ އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމުގައި. އަދި ހައްދު ފަހަނައެޅުން އެއީ އިސްލާމްދީނުގައިވާ ގޮތް ވެސް ނޫންކަމުގައި. އަދި މިފަދަ ބޯދާ ވިސްނުމަށް ރައްދުދެވެންޖެހޭނެ ކަމަށާއި އެކަމާގުޅޭގޮތުން ވާހަކަދެކެވި މަޝްވަރާކުރެވެން ޖެހޭނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި" އެމްޑީޕީގެ ނޫސް ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ ޑެންމާކުގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފިތުނަވެރި ވިސްނުމާއި ފަސާދައާއި ދެކޮޅަށް މުސްލިމުން ތެދުވާން ވެއްޖެކަމުގައިކަމަށާއި އަދި މިފަދަ ފިތުނަވެރި ވިސްނުމާއި ފަސާދައިގެ ސަބަބުން މުޅި ދުނިޔެއަށް ބިރުވެރިކަން ކުރިމަތިވެފައިވާއިރު ދިވެހިރާއްޖޭގައި ޑިމޮކްރަސީ ޤާއިމްވެ ސިޔާސީ ހަމަޖެހުމުގެ ތެރެއިން މިގޮންޖެހުންތަކާ ދެކޮޅަށް މުހިއްމު މަސައްކަތްތަކެއް ދިވެހި ރާއްޖެއަށް ކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވި ކަމުގައެވެ.
އިސްލާމް ދީނަކީ މެދުމިނުގެ އުޞޫލުތަކުގެ ދީނެއްކަމަށާއި ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކަށް ހައްލު ގެނެވޭނީ އެމާތް ދީނުގައިވާ ރިވެތި އާދަތަކުގެ މައްޗަށް ބިނާކޮށް ޑިމޮކްރަސީ އަދި މަޝްވަރާގެ އުސޫލުގެ ތެރެއިން ކަމަށް މިޕާޓީން ޤަބޫލު ކުރާކަމަށް އެނޫސްބަޔާނުގައި ވެއެެވެ. އަދި "ހުޅުވިފައިވާ ދުނިޔެއެއްގައި އެއްބަޔަކާ އަނެއްބަޔަކު އެކުވެރިކަމާއި އެއްބާރުލުމާއެކު މަސައްކަތް ކުރުން އެއީ މިއުއްމަތުގެ މާތް ނަބިއްޔާ ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމްގެ މަތިވެރި ސުންނަތުން އަޅުގަނޑުމެންނަށް ލިބޭ މަތިވެރި ދަރުސާއި އިރުޝާދު" ކަމަށްވެސް މި ނޫސްބަޔާނުގައި ވެއެވެ.
"މާތްވެގެންވާ އިސްލާމްދީނާއި ގުޅުން ހުންނަ ވާހަކަތައް ގެނެސްދެއްވުމުގައި ސިޔާސީ ޕާޓީތަކުންނާއި މީޑިޔާތަކުގައި ޒިންމާދާރު ކަމާއިއެކީ މަސައްކަތްކުރެއްވުމަށް މިޕާޓީން ގޮވާލަން" އަދި "އިސްލާމްދީނަކީ ސުލްހަވެރިކަމާ އެކުވެރިކަމުގެ މައްޗަށް ބިނާވެގެންވާ މެދުމިނުގެ އުޞޫލުތަކުގެ ދީނެއްކަމުގައިވާތީ އެފަދަ ރިވެތި އުސޫލުތަކާ މަޝްވަރާއާ އަދި ދީނީ ޢިލްމުވެރިންގެ މެދުގައި ހުޅުވިފައިވާ މާހައުލެއްގައި ކުރައްވާ ބަހުސް ފަދަ މަޝްވަރާތަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ ކަންކަން ކަމުގައި ހެއްދެވުމަށް މިޕާޓީން އިލްތިމާސް ކުރަން" އެމްޑީޕީގެ ނޫސް ބަޔާނުގައިވެ އެވެ.
މިފަދައިން އެމްޑީޕީއިން ނޫސްބަޔާން ނެރެފައިމިވަނީ، ކުރީގެ ރައިސް މުހައްމަދު ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ޕާލަމެންޓްގައި ދެއްކެވި ވާހަކައިގައި، ކީރިތި ރަސޫލާއަށާއި، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކަވާފައިވާތީ އަދާލަތު ޕާރޓީއިން އާއި ޕީޕީއެމް އިން އަދި ސަރުކާރުންވެސް އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށް، ނަޝީދުގެ އެވާހަކަތައް ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރަމުންމުދަނިކޮށެވެ.
ރައީސް ނަޝީދު ކޯޕަންހޭގަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވައި އިސްލާމްދީނާ ބެހޭ ގޮތުން ނަޝީދު ދެއްކެވި، އިސްލާމްދީނާއި "ޕްރޮގްރެސިވް" އިސްލާމްދީނާ ދެމެދު ހިނގަމުންދާ އަރާރުންވުމުގެ ތެރެއިން ސަގާފީ އިސްލާމް ފެތުރެމުންދާތީވެ އެކަމުގެ ހަގީގަތް ހުޅަނގުގެ އާއްމުންނާ ހިއްސާކޮށްދެއްވުމަށް ދެއްކެވި ވާހަކަތަކުގައި އެމަނިކުފާނު ވިދާޅުވީ ހަރުކަށި ފިކުރު ފެތުރެން ފަސޭހަވެފައި ވަނީ އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ނުވަތަ "އޮލްޓަނޭޓިވް ނެރޭޓިވް" ކިޔައި ނުދެވުމުގެ ސަބަބުން ކަމަށެވެ.
"ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތް. ދަންވަރު ގުޅާފައި "ޝޭހުއޭ. މިއުޅެނީ ނުނިދިގެންނޭ" ބުނެފި ނަމަ، ޝޭހު ދޭނެ ރަސޫލާގެ ހަދީސްއެއް ނުވަތަ ވަހީ ބަސްފުޅެއް ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭ ގޮތުން. އަޅުގަނޑުމެންގެ ނެތް މިކަހަލަ ހެލްޕްލައިނެއް. އަޅުގަނޑުމެންގެ އަތުގައެއް ނެތް "އެހެން ގޮތެއް". އެހެން ގޮތެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ނަޝީދު ވީޑިއޯގައި ވިދާޅުވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...