އަޅުގަނޑުމެންގެ ވާހަކަދެއްކުމާއި ވިސްނުން ބައެއް ޝެއިހުންގެ ވިސްނުމާ ތަފާތު ވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ "ދޭތިން ފަހެތި" ކެންޕޭންގެ ދަށުން މިރޭ ދ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، "އަޅުގަނޑުމެންގެ ވާހަކަދެއްކުމާއި ވިސްނުން ބައެއް ޝެއިހުންގެ ގޮތުގައި މިއުޅޭ މީހުންގެ ވިސްނުމާ ތަފާތު ވެދާނެ" ކަމަށާއި އެހެން ނަމަވެސް އެއްވެސް ހާލެއްގައި އިސްލާމް ދީނުގެ މަތިވެރިކަމާއި ރިވެތިކަމާއި، ފުރިހަމަކަމާއި، މިދުނިޔޭގައި އަޅުގަނޑުމެންނަށް ސަލާމަތްކަން ހޯދަން އޮތް ހަމައެކަނި ގޮތަކީ އެ ދީނުގެ އުސޫލުތަކާއިއެކު ކުރިޔަށް ދިޔާމާކަން ހިތުގެ އަޑިން ޤަބޫލުކުރާކަމަށެވެ. އަދި އެ ޤަބޫލުކުރުމުގެ މަތީގާ އަބަދުވެސް އިރާދަކުރެއްވިއްޔާ ތިބޭނެކަމަށް ވެސް ކުރީ ރައީސް ނަޝީދު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ "ސޯލިހު ދީންވެރި މީހުން" އަޅުގަނޑު މެންނާ ދިމާލަށް އެހެން (ލާދީނީއޭ) ބުނާތީ، ވަރަށް ކަންބޮޑު ވާކަމަށެވެ.
ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމަކީ މާތް ރަސްކަލާންގެ ހަޒްރަތުން އިރާދަކުރައްވާކަމެއް ކަމަށާއި އެކަން ހަރާންކަން މަތީ ނުކުރެވޭނެ ކަމަށާއި އަދި ބަޣާވާތަކީ އިސްލާމްދީނުގައި އެންމެބޮޑު ހަރާން އެއްކަންތަން ކަމަށާއި މިރާއްޖޭގެ ވެރިކަން ބަދަލުކޮށްފައިމިވަނީ ބަޣާވާތުން ކަމަށެވެ. އަދި މިރާއްޖޭގައި މިއޮތީ ހަރާންވެރިކަމެއް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ސަތޭކައިން ސަތޭކަ މުސްލިމް އިސްލާމީ ޤައުމެއްގެ ރައްޔިތުންނަށްވެ ތިބެ، އަދި މި ހަރާންކަންތައް، ދަމަހައްޓައިގެން ނުވާނެ ކަމަށާއި އަދި އަވަހަށް އިންތިހާބަކަށް އެބަ ދާންޖެހޭ ކަމަށެވެ. އަދި ތަރައްޤީއަށްޓަކައިވެސް އަދި އާޚިރަތައްޓަކައި ވެސް އަދި ދެ ދުނިޔެއަށްޓަކައި އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރަން އެބަޖެހޭ ކަމަށެވެ.
"ހަނދުމަފުޅުބަހައްޓަވާތި، މިއާލަމުގައި، މިދުނިޔޭގައި ކުރާ ވެރިކަމަކީ މާތް ރަސްކަލާނގެ ހަޒްރަތައް ކުރާ ވެރިމެއްކަން. އަޅުގަނޑުމެންނަށް އޮތް ފުރުސަތެއް ނުން، ބަހުސް ކުރެވޭނެ ޖާގައޮތް ކަމެއް ނޫން، ބަޣާވާތެއް ނުކުރެވޭނެ. މުސްލިމް ވެރިއެއް ވައްޓައެއް ނުލެވޭނެ. ޤާނޫނީ ހަމަތަކުގެ މަތިން ނޫނިއްޔަކާ އެއްވެސް ބަޔަކަށް އެކަންކުރުމުގެ ޙައްޤެއް ނޯންނާނެ" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދު މި މޭރުމުން މިރޭ ވާހަކަ ދައްކަވާފާވާއިރު އެމްޑީޕީގެ "ދޭތިން ފަހެތި" ކެންޕޭންގެ ދަށުން ރޭ ފ. ބިލެތްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނީ ގޮތުން އުފެދިފައިވާ އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ސިޔާސީ ޕާޓީތަކާ އެކު ދީނީ ތާކިހާ އަޅައިގެން ތިބި ބަޔަކު "ބަޣާވާތް" ކުރީ އިސްލާމް ދީން ވިއްކައިލައިގެން ކަމަށެވެ. އަދި އިސްލާމްދީނުގެ ނަމުގައި ވަކިން ހާއްސަކޮށް ދަންނަ ބޭކަލުންނޭ ކިޔައިގެން ދީނުގެ ވާހަކަތައް ދައްކަން ފެށީމައި އަބަދުވެސް އަޅުގަނޑުމެންގެ ހިތްތަކާ ކުޅެލެވޭނެ ކަމަށާއި ނަމަވެސް ދީނީ ދަންނަ ބޭކަލުންނަކީ ސިޔާސީ ދުނިޔެވީ ކަންކަމާ ހެދި އުޅެންޖެހޭ ބައެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...