މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ދިރާސާ ކުރުމުގެ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަމަށް ވާދަކުރައްވާ ޢުމަރު ނަޞީރުއާ ޖަމްޢިއްޔަތުއްސަލަފުން ރޭ ބައްދަލު ކޮށްފިއެވެ.
މިކަމާ ގުޅިގެން ޖަމްޢިއްޔަތުއްސަލަފުން ހާމަކުރާ ގޮތުގައި މި ބައްދަލުވުމުގައި ޢުމަރު ނަޞީރުގެ ސިޔާސީ އިޖްތިމާޢީ އިޤްޠިޞާދީ ތަޢުލީމީ ފިކުރުތައް ބިނާކޮށްފައިވާ އުޞޫލުތަކަކީ ކޮބައި ކަމާމެދު ވާހަކަދެކެވިފައިވާ ކަމަށާއި ބައިނަލް އަޤްވާމީ ދުނިޔޭގައި އިސްލާމް ދީނަށް ކުރުމަތިވަމުންދާ ފިއްތުންތަކާ އެބޭފުޅާ ކުރިމަތިލާންޖެހޭއިރު ޢަމަލު ކުރައްވާނޭ ގޮތްތަކާއި، ތަޢުލީމީ ސިޔާސަތު އިޞްލާޙު ކުރުމުގެ ވިސްނުން އަމާޒުކޮށްފައިވާ ގޮތްތަކުގެ މައްޗަށްވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ.
އަދި ހަމަ މިއާއެކު 2013 އިންތިޚާބުގައި ދިވެހިރާއްޖޭގެ ސިޔާސީ މަޞްރަޙަށް އައުން އެކަށީގެންވާ ބަދަލުތަކަކީ ކޮބައިކަމުގެ މައްޗަށްވެސް މިބައްދަލުވުމުގައިވަނީ ވާހަކަ ދެކެވިފައި ވާކަމަށާއި އެގޮތުން ސިޔާސީ މަސްރަޙަށް ކޮންމެ ފަދަ ބަދަލެއް އަދި އިންޤިލާބެއްވެސް އަތުވެދާނެކަމާއި އެފަދަ ޙާލަތްތަކުގައި ޢުމަރު ނަޞީރު ގެ ސިޔާސަތާއި ވިސްނުން އަދި ޕީޕީއެމްގެ ސިޔާސަތު ބައްޓަންވެގެންދާނެގޮތަކާމެދު އަންދާޒާ ކުރެއްވޭ ގޮތަކީ ކޮބައިކަމާމެދު ވާހަކަ ދެކެވިފައިވާ ކަމަށްވެސް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.
މީގެ އިތުރުން އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ޙައްދުތައް ވެރިކަން ލިބިވަޑައިގެންފިނަމަ، ޤާއިމު ކުރައްވާނޭކަމުގައި އަދި އިސްލާމީ ސިޔާސަތު ދެމެހެއްޓުމަށާއި، ދީނާ ސިޔާސަތަކީ ވަކި ނުކުރެވޭނޭ ދެ އެއްޗެއްކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި، އެކި ފަހަރުމަތިން ތަފާތު ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާފައިވާ ޢުމަރު ނަޞީރު މި ބައްދަލުވުމުގައިވެސް އެ މޭރުމުން ވާހަކަފުޅު ދައްކަވާފައި ވާކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...