ރާއްޖޭގެ ޚަބަރު ތައުލީމީ މުގައްރިރް ދާނީ އަރަބި އިސްލާމީ ތައުލީމަށް އިހްތިރާމްކުރަމުން: ޔާމިން

ތައުލީމީ މުގައްރިރް ދާނީ އަރަބި އިސްލާމީ ތައުލީމަށް އިހްތިރާމްކުރަމުން: ޔާމިން

ތައުލީމީ މުގައްރިރް ދާނީ އަރަބި އިސްލާމީ ތައުލީމަށް އިހްތިރާމްކުރަމުން: ޔާމިން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

ޔާމީންގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

ތައުލީމީ މުގައްރިރް ދާނީ އަރަބި އިސްލާމީ ތައުލީމަށް އިހްތިރާމްކުރަމުން ކަމަށާއި ޒުވާނުންނަކީ އިސްލާމީ ތަރުބިއްޔަތު ހުރި ބަޔަކަށް ވެގެންދިއުމަކީ މިއަދު މިއޮތް އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް ހައްލު އައުމުގައި އެހީތެރިވާނެ ކަމެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ރިޔާސީ ޓިކެޓަށް ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަތީ ތައުލީމުގައި ދިވެހި އިސްލާމް ކިޔަވާ ކުދިނަށް ހާއްސަ އިނާޔަތްތައް ދިނުމަށް ނިންމާނެ ކަމަށާއި ޒުވާނުންނަށް އިސްލާމީ ތަރުބިއްޔަތު ދިނުމުން މިއަދު މިއޮތް އިޖުތިމާއީ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު އައުމުގައި އެހީތެރިވާނެކަމަށެވެ. އެހެން ކަމުން މިކަމަށް ވެސް އިނާޔަތް ދިނުމަށް ނިންމީ ކަމަށެވެ.

“ޝައްކެއް ވެސް ނެތް ގޮތުގައި ތައުލީމީ މުގައްރިރް ދާނީ އަރަބި އިސްލާމީ ތައުލީމަށް އިހްތިރާމްކުރަމުން، އަދި ހަމައެއާއިއެކީ ހާއްސަ އިނާޔަތްތަކެއް ނުވަތަ ނޫނީ ހާއްސަ ފައިސާގެ އިނާޔަތްތަކެއް ދިނުމަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން މަސައްކަތްކުރާނަން،” ޕީޕީއެމް ރިޔާސީ ޓިކެޓަށް ވާދަކުރައްވަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަމުން ޔާމިން ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ހުނަރުވެރި ކުދީން އުފެއްދުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި ޕީޕީއެމް ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި ދިވެހި އިސްލާމް ކިޔަވައިގެން ޝަރީއްޔާއިން ލޯ ހަދައިގެން ކުދިން ނިކުންނަން ޖެހޭ ކަމަށެވެ.

ޔާމީން ވިދާޅުވީ ކޮންމެ ކުއްޖަކީ މަތީ ތައުލީމް ހާސިލްކުރެވޭނެ ކުއްޖަކަށް ނުވާތީ ޕީޕީއެމް ސަރުކާރެއްގައި އެކަމުން ފެއިލްވާ ކުދިންނަށް އަލުން އަނބުރާ މަތީ ތައުލީމުގެ ފުރުސަތެއް އޮތްތޯ ނުވަތަ އެކުދިން ހުނަރުވެރި މަސައްކަތުންނާއި ބުރަ މަސައްކަތްތައް ދައްކައިދެވޭތޯ ސަރުކާރުން އެހީތެރިވެދޭނެ ކަމަށެވެ. އަދި ޒުވާނުންގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ހުނަރުވެރިކަން ހުރި ކުދިން ތިބިކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ ޒުވާނުންގެ ތެރޭގައި ވަރަށް ފުންނާބު އުސް ފަންނާނުވެރިން އެބަތިބި ކަމަށާއި މިކުދިންނަށް ދިވެހި ރާއްޖޭގައި ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

“މީގެތެރޭގައި މިއުޒިކް ބޭންޑްތަކުގެ ގޮތުގައި އުޅޭ ބޮޑުބެރު ގްރޫޕްތައް އެބައުޅޭ، އަދި މިއުޒިކް ކޮމްޕޯޒްކޮށް މިއުޒިކް ލިޔާ ކުދިން އެބައުޅޭ، މީގެތެރެއިން ކުއްޖަކާއި ދާދި ފަހުން އަޅުގަނޑާއި ބައްދަލުކުރި، މިއީ ޔޫރަޕްގައި ޝޯދޭ ކުއްޖެއް، މިކުއްޖާގެ އަލްބަމްތައް ޔޫރަޕްގައި އެބަވިކޭ، އަޅުގަނޑަށް ފާހަގަކުރެވޭ ދިވެހި ޒުވާނުންގެ ތެރޭގައި ވަރަށް ފުންނާބު އުސް ފަންނާނުވެރިން އެބަތިބިކަން، މިކުދިންނަށް ދިވެހިރާއްޖޭގައި ފުރުސަތު އޮންނަންވާނެ.” ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ އޭނާގެ ވެރިކަމެއްގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި މަސްވެރިކަމާއި ޓޫރިޒަމާއި ޒުވާނުންގެ ކުރިމަގާއި ގައުމުގެ އިގްތިސާދު ބައްޓަންކުރާނެ ގޮތުގެ ތަސައްވަރު ޕާޓީގެ މެމްބަރުންނާ ހިއްސާކުރައްވައިފަ އެވެ.

ޔާމީންގެ ކެމްޕޭން ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ބައެއް މެންބަރުންނާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.