މަޖިލީހުން ދިރާސާކޮށް ޢާއްމުންގެ ޚިޔާލު ހުށައެޅުމަށް ޢާއްމުކޮށްފައިވާ، ޤާނޫނުލް އުޤޫބާތުގެ ބިލުގެ ދެލިކޮޕީއާމެދު ޚިޔާލު ހުށަހެޅުއްވުމުގެ މުއްދަތު 7 މާޗް 2013 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް އަވަސް ކުރުމުން ޖަމްޢިއްޔަތުއްސަލަފްއިން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖަމްޢިއްޔަތުއްސަލަފްއިން މިއަދު ނެރުނު ކުއްލި ނޫސްބަޔާންގައި ބުނެފައިވަނީ 2006 ވަނަ އަހަރުން ފެށިގެން އިޞްލާޙްކުރަމުން އެކަށައަޅަމުން މަޖިލީހުގައި އައިސްފައިވާ ޤާނޫނުލް ޢުޤޫބާތުގެ (އިސްލާމީ ޝަރީޢަތުގެ ޙައްދުތަކާއި ޤިޞާޞްއާއި، ގުޅޭ) ބިލު 13 ފެބްރުއަރީ 2013 ގައި އާންމުންގެ ޚިޔާލަށް ހުޅުވައިލުމަށްފަހު، އެފުރުޞަތު 31 މާރޗް ގެ ނިޔަލަށް އޮންނާނެކަމަށް ބުނެ، ދާދި ކުޑަ މުއްދަތެއް މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިމެ، އަނެއްކާ، އެ ފުރުޞަތުވެސް މާރޗް މަހުގެ ފުރަތަމަ ހަފްތާ ނުނިމެނީސް ބަންދުކުރި ކުރުން، ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި އެކަމާ ޖަމްޢިއްޔަތުއްސަލަފުން ކަންބޮޑުވާކަން ރައްޔިތުންނަށް ހާމަކުރާކަމަށާއި އަދި މީގެ އަޑީގައި ފޮރުވިފައިވަނީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް ބެލުމެއްނެތި، ރާއްޖެއިން އިސްލާމީ ޝަރީޢަތުގެ ކަންކަން ފަނޑުކުރުމަށް ކުރެވެމުންދާ ޙީލަތްތެރި ރޭވުންކަމުގައި ނޫނީ ނުބެލެވޭކަމަށެވެ.
ޖަމިއްޔަތުއް ސަލަފުގެ ބަޔާނުގައި ވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހިރާއްޖޭގައި ހެދޭ ކޮންމެ ޤާނޫނަކީވެސް އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކުގެ ދަށުން ހެދޭ ޤާނޫނެއްކަން ކަށަވަރު ކުރުމަށްޓަކައި، އިސްލާމީ ޝަރީޢާ ކިޔަވައިގެން ތިއްބެވި ދީނީ ޢިލްމުވެރިންގެ ލަފާ މަޖުލީހަށް ހޯދަން ލާޒިމުވާ ގޮތަށް، ރާއްޖޭގެ ޤާނޫނު ހެދުމުގެ ނިޒާމު ބައްޓަން ކުރުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށެވެ.
"އަދި ހަމަ މިނޭވާގައި، މިކަމާ މެދު ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ހުޝިޔާރުވެ ތިއްބެވުމަށާއި، ކުރިޔަށްހުރި އިންތިޚާބުތަކުގައި މަޖްލީހަށް ކުރިމަތިލައްވާ މެމްބަރުންނަށް ވޯޓުދީ އިޚްތިޔާރު ކުރުމުގައި ތިމާމެންގެ ޒިއްމާ ޤިޔާމަތްދުވަހުން ބަރީއަވާނޭ މަގެއް ޚިޔާރުކުރުމަށް ނަޞީޙަތްތެރިވެ ވަޞިއްޔަތް ކުރަން" ޖަމްޢިއްޔަތުއްސަލަފްއިން މިއަދު ނެރުނު ކުއްލި ނޫސްބަޔާންގައި ވެއެވެ.
ރައްޔިތުން މަޖިލިހުން ބުނީ، ޤާނޫނުލް އުޤޫބާތުގެ ބިލުގެ ދެލިކޮޕީއާމެދު ޚިޔާލު ހުށަހެޅުއްވުމުގެ މުއްދަތު އަވަސްކޮށްފައި މިވަނީ މި ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެކިފަރާތްތަކުން އެދެމުން ދާތީކަމަށެވެ.
މީގެ 7 އަހަރު ކުރިން ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޤާނޫނުލް އުޤާބާތުގެ ބިލް ދިރާސާ ކުރުމަށް ފަހު މަޖިލީހުން އާންމުކޮށްފައިވާއިރު، އެ ބިލުގައި މަރުގެ އަދަބު ލުއިކުރާނެ އުސޫލުތަކާއި އެންމެ ދިގު މުއްދަތަށް ޖަލުގައި ހުކުމް ތަންފީޒު ކުރެވޭނީ 11 އަހަރު ކަމަށް ބަޔާންކޮށްފައި ވެއެވެ. މިގޮތުން އެ ބިލުގައި މަރުގެ އަދަބާ ބެހޭ ގޮތުން ބުނެފައި ވަނީ އެނގި ހުރެ، މީހަކު މަރައިފި މީހާ އެ ކުރަނީ ކުށެއް ކަމަށާ އަދި ފަރުވާލެއް ނެތި ކުރާ އަމަލަކުން މީހަކު މަރުވުމަކީ ޖިނާއަތުގެ ސުން (0) ދަރަޖައިގެ ކުށެއް ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...