ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން ހުޅުމާލެ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާ ގުޅިގެން މާލެތެރޭގައި ބޮޑެތި ހަމަނުޖެހުން ތަކެއް އިއްޔެ ވަނީ ހިންގާފައެވެ. މިހަމަ ނުޖެހުން ތަކުގައި 79 މީހުން ހައްޔަރުކޮށްފައިވެއެވެ.
މާލޭ ސިޓީ ކައުންސިލް ކައިރީ އެމްޑީޕީއިން އިއްޔެ ކުރި މުޒާޙަރާގައި ފުރަތަމަ ހަމަލާ ފުލުހުންނަށް އައީ 13:50 ގައެވެ. ހަމަ އެވަގުތު އަލިކިލެގެފާނު ރެއިންބޯ ފިހާރަ ކައިރިން މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ 04 ފުލުހަކަށް އަނިޔާކޮށްފިވާކަމުގެ މަޢުލޫމާތު ފުލުހުންވަނީ މީޑިޔާގައި ވަނީ ހާމަކޮށްފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ކަވަރު ކުރުމުގައި ހަރަކާތްތެރިވި ސަންއޮންލައިންގެ ނޫސްވެރިޔަކަށް ގ. ކެނެރީގޭ ހުންނަ މަގުން ބަޔަކު ހަމަލަދީ މާރާމާރީ ހިންގައި އޭނާގެ ގަމީސް ވީދާލައި ފޯނު ފޭރިގެންފައިވާވާއިރު ހަމަ އެވަގުތު ވީޓީވީ ކެމެރާމަނަކަށް ހަމަލާދީ މާރާމާރީ ހިންގައި އޭނާގެ އަތުގައި އޮތް ކެމެރާއަށް ގެއްލުންދީ ކެމެރާގައި އޮތް ޓޭޕް ބަޔަކު މީހުން އަތުލާފައިވާކަމުގެ މަޢުލޫމާތުވެސް ފުލުހުން ޢާއްމުކޮށްފައިވެއެވެ.
އިއްޔެގެ 15:39 ހާއިރު މަޖީދީ މަގާއި އަލިކިލެނގެފާނު މަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތިން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅައި ފުލުހުންނާއި ދިމާލަށް ގަލާއި ފުޅިފަދަ ތަކެތި އުކާފައިވާކަމަށާއި އަދި ފުލުހަކަށް ހަމާލާދީ ޓޯކީއެއް ވަނީ ފޭރިގަނެފައެވެ. އަދި އިއްޔެގެ 15:55 ހާއިރު ގ. ކެނެރީގެ ކައިރިން ސައިކަލެއްގައި ދިޔަ ފުލުހަކު ހިފަހައްޓައި އޭނާއަށް ހަމަލާދީ މާރާމާރީ ހިންގައި އަދި އޭނާ ދުއްވި ސައިކަލް އެސަރަހައްދުގައި ތިބި މީހުން ވަނީ ރޯކޮށްލާފައެވެ. އަދި އޭގެ ކުޑަ އިރުކޮޅެއްފަހުން އެންސީ ޕާކް ކައިރިން ދިޔަ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައިފިވެއެވެ. އަދި އިއްޔެ ހަވީރު 16:13 ގައި ސިޓީ ކައުންސިލް ކައިރިން ކުލަހެދުމުގައި ސައިކަލެއްގައި ދިޔަ ފުލުހަކު ހިފަހައްޓައި އަނިޔާކޮށް އޭނާގެ ސައިކަލް ވަނީ އަތުލައިގަނެފައެވެ.
ފުލުހުންނަށް ޢަމަލީ ގޮތުން ހަމަލާ ދިނުމުގެ އިތުރުން، އިއްޔެގެ 14:30 ހާއިރު މާލެ ސިޓީ ކައުންސިލް ކައިރިން ދިޔަ އެމް.އެން.ޑީ.އެފް ކާރެއްގެ ބިއްލޫރި ގަނޑެއް ތަޅާލައި އަދި ހަވީރު 16:23 ހާއިރު ސިިޓީ ކައުންސިލް ކައިރިން ދިޔަ އެމް.އެން.ޑީ.އެފްގެ ވެހިކަލެއްގެ ބިއްލޫރި ގަނޑު ތަޅާލައިފައިވެއެވެ. އަދި ރޭ 23:24 ގައި އެމް.އެން.ޑީއެފްގެ ވެހިކަލެއްގެ ބިއްލޫރި ގަނޑެއް ތަޅާލައިފާވާކަމުގެ މަޢުލޫމާތުވެސް ފުލުހުންވަނީ ޢާއްމުކޮށްފައެވެ. މީގެ އިތުރުން މާލެތެރެ ބެލެހެއްޓުމަށްޓަކައި ހަރުކޮށްފައިވާ ކެމެރާތަކަށް ބަޔަކު މީހުން ގެއްލުންދީ ކެމެރާތަކަށް ސްޕްރޭކުރަމުންދާކަން ދާކަމަށް ފާހަގަކުރެވޭކަމަށް ފުލުހުން ބުނެފައިވެއެވެ.
މަޖީދީމަގާއި ޗާންދަނީމަގު ގުޅުނު ހަތަރު އަނގޮޅީގައި ސަރުކާރުގެ ވުޒާރާއެއްގައި ބޭނުންކުރާ ޕިކަޕަކާއި މަޖީދީމަގުގައި އަމިއްލަ ފަރާތެއްގެ ފިހާރައެއްގައި ބޭނުންކުރާ ވޭނެއް ވަނީ މުޒާހަރާގެ ބައިވެރިން ފޮރަޅާލާފައެވެ. މިތަނުން މުދާ ބަރުކޮށްފައިވާ ޕިކަޕްގައި ހުރި މުދާތައް މުޒާހަރާގެ ބައިވެރިން "ފޭރީ" ގަންފައިވެއެވެ. އަދި ޕިކަޕަށާއި ވޭނަށް އެސަރަހައްދުގައި ތިބި މީހުން ގެއްލުންދީފައިވާއިރު ވޭނުގައި ހުރި މުދާތަކަށްވެސް ގެއްލުންދީ އޭގައި ހުރި ކުކިންއޮއިލް ފުޅިތައް މަގުމައްޗަށް ވަނީ އަޅާލާފައިކަމަށް ފުލުހުން އެވަގުތު ހާމަކުރިއެވެ. ފުރޮޅާލާފައިވާ ޕިކަޕާއި ވޭން ފުލުހުންގެ އެހީތެރިކަމާއެކު ނަގައި އެސަރަހައްދުން ގެންދިޔުމުގެ މަސައްކަތް ކުރެވުނީ 17:59 ހާއިރުއެވެ.
މަޖީދީމަގު ސިޓީ ކައުންސިލް ކައިރި ބަންދުކޮށް، އެސަރަހައްދުގައި ތިބި މީހުން އެސަރަހައްދުން ދަރުތުކުރަމުންދާ ސަލާމަތީ ބާރުތުަކުގެ ވެހިކަލްތަކަށް ގެއްލުންދީ އާއްމު ދަތުރުފަތުރުތަކަށް ހުރަސް އަޅަމުންދާތީ އެސަރައްދުން މީހުން ފޮނުވާލުމުން ހަވީރުގެ މުޒާހަރާ ނިމުނެވެ.
ރޭގައި ހިނގި ބައެއް ހަމަނުޖެހުމުގެ ތެރޭގައި ރޭ 22:08 ހާއިރު ބަނދަރުމަތީ ހިނގުމުގައި ޕާކްކޮށްފައިހުރި ދެ ސައިކަލެއްގައި އަލިފާން ރޯކޮށްލައިފާވެއެވެ. އަދި ރޭ 01:48 ހާއިރު ގަލޮޅު ވިލީ ކައިރީގައި ޕާކްކޮށްފައިހުރި ފުލުހުންގެ ސައިކަލެއްގެ ޕެޓްރޯލް ހޮޅި ނައްޓާލުމަށްފަހު ސައިކަލް ރޯކޮށްލަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ރޭގެ އެންމެ ނުރައްކާތެރި ހަމަލާއެއްގެ ގޮތުން 01:43 ހާއިރު، ޓްރެކް ސަރަހައްދު ހަކަތަ ފިއުލް ޝެޑް ތެރޭގައި އޮތް ބައުޖަރެއް (ތެޔޮއުފުލާ ވެހިކަލެއް) ގައި އަލިފާން ރޯކޮށްލިއެވެ. އަލިފާން ރޯކޮށްލުމުގެ ސަބަބުން ކައިރީގައި ހުރި ފިއުލް ޝެޑްގައި މަސައްކަތްކުރާ މުވައްޒަފުން ނިދުމަށްޓަކައި ބޭނުންކުރާ އިމާރާތެއްގައިވެސް އަލިފާން ރޯވެފައިވާކަމަށް މަޢުލުމާތު ލިބިފައިވެއެވެ. އަދި ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ. 01:50 ގައި ފުލުހުންވަނީ އެ ޝެޑް ތެރޭގައި އަލިފާން ރޯވެފައިވާ ވެހިކަލް އެތަނުން ނެރެ އަލިފާން ނިއްވާލާފައެވެ. އަލިފާން ރޯވެފައިވާ ވެހިކަލް އެތަނުން ނެރުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިޔަ ވަގުތު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހަކާއިމެދު މާރާމާރީ ހިންގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
މިއަދު ހަވީރު ހުޅުމާލޭ ކޯޓްގައި ބާއްވާ ޝަރީއަތަށް ބަންދުގައި ބަހައްޓައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރު ތަންފީޒު ކުރަން އިއްޔެ ރައީސް ނަޝީދު ހައްޔަރު ކުރުމުން އެމަނިކުފާނަށް ތާއީދު ކުރާ ބަޔަކު މާލޭގެ މަގުތަކަށް ނުކުމެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހޯމް މިނިސްޓަރު ރޭ ވިދާޅުވީ އެ އަމަލުތައް ހިންގި މީހުން ހޯދައި އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށާއި ރާއްޖޭގައި އަމާންއަމާންކަން ގާއިމު ކުރައްވާނެ ކަމަށެވެ. އަދި މާލެ އާއި ރާއްޖޭގެ ކަންކޮޅުތަކުގައި ހަމަނުޖެހުންތައް ހިންގިޔަ ނުދެއްވާނެ ކަމަށާއި އެފަދަ އަމަލުތަކަށް ތަހައްމަލު ނުކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

















ރައީސް ނަޝީދު ދެކެ ތިވާ ލޯތްބާއި ކުރައްވަވާ ތާއީދު އިސްލާމް ދީނާއި ދިވެހި ޤަޥްމަށް ބަހައްޓަވާނަމަ ކިހާރަނގަޅު..މީހުން މީހުންނަށް ކުރާ ތާއީދުމީ އަޖާއިބެއްފަދަ އެއްޗެއް…
އެހާވަރަށްތާއިދުއެކުރަނީ ލާދީނީ މީހަކަށްވާތީބާ؟ މުސްލިމުންނޭވެ! މީނަގެ ކިބައިން ބަރީއަވާށެވެ. މިކަލޭގެ މީ މިގައުމުހަލާކުކޮށްލަން ފޫގަޅައިގެން އުޅުއްވާ ބޭފުޅެއްކެެވެ.