މިދިއަ މަހުގެ 14 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައި ވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މި 4 މީހުންނަކީ ހދ.ނޮޅިވަރަންފަރު ވައިޓްސްޓަރ، މޫސާ އަބޫބަކުރު (45އ) އާއި މ.އިރާކުމާގެ އާދަމް މޫސާ (72އ) އާއި ގދ. ވާދޫ ބޭމްޕްވިލާ، އަޙްމަދު ޒާހިރު (28އ) ގެ އިތުރުން ޏ.ފުވައްމުލައް ރިވިލް، އަޙްމަދު އިލްހާމް (33އ) ގެ މައްޗަށެވެ.
ފުލުހުން އިތުރަށް ހާމަކުރާ ގޮތުގައި މޫސާ އަބޫބަކުރުގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދިންކަމަށް ތުޙުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކަމަށާއި އާދަމް މޫސާގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަށް ބެރިކޭޑް ހުރަސްކޮށް ވަދެ ފުލުހުންނަށް އިންޒާރުދިން ކަމަށް ތުޙުމަތު ކުރެވޭ މައްސަލައާއި ގުޅިގެންކަމަށެވެ.
މީގެއިތުރުން އަޙްމަދު ޒާހިރުގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނަށް އިންޒާރު ދީފައިވާ ކަމަށް ތުޙުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކަމަށް ފުލުހުން ހާމަކުރާއިރު އަޙްމަދު އިލްހާމްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރވި ކަމަށް ތުޙުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...