ރާއްޖޭގެ ޚަބަރު ރައީސް ވަޙީދު ތައުބާވުމަށް ގޮވާލަން: އަބްދުﷲ މުހައްމަދު

ރައީސް ވަޙީދު ތައުބާވުމަށް ގޮވާލަން: އަބްދުﷲ މުހައްމަދު

ރައީސް ވަޙީދު ތައުބާވުމަށް ގޮވާލަން: އަބްދުﷲ މުހައްމަދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
އަބްދުﷲ މުޙައްމަދަށް ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

އަބްދުﷲ މުޙައްމަދަށް ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް އަމިއްލަ އިއުތިރާފުން ޒިނޭގެ ކުށް ސާބިތުވެ، ހައްދު ޖެހުމަށް ހުކުމް ކުރުމުން ހިތާމަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވުމަކީ އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް ވާހަކަދެއްކުން ކަމަށާއި އެ ގޮތަށް އެ ވާހަކަ ދައްކަވާފައިވާ ނަމަ އެމަނިކުފާނު ތައުބާ ވެވަޑައިގަތުމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ގޮވާލައިފި އެވެ.

ޒިނޭގެ އަދަބެއްގެ ގޮތުން 100 އެތިފަހަރުން ހައްދު ޖަހައި، އަށް މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް މުރާޖާ ކުރަން ބާރުއަޅުއްވާނެ ކަމަށް ވިދާޅުވެ، ރައީސް ވަހީދު ކުރެއްވި ޓުވީޓަކަށް އިޝާރާތް ކުރައްވައި ސަން އޮންލައިން އަށް ދެއްވި އިންޓަރވިއު އެއްގައި، އަބްދުﷲ ވިދާޅުވީ ދީނުގެ ހައްދަކާ ދެކޮޅަށް ގައުމުގެ ރައީސް ވާހަކަފުޅު ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެ މައްސަލާގައި ރައީސްއާ ބައްދަލު ކުރައްވައި އެކަމަށް މައާފަށް އެދިވަޑައިގަތުމަށް ދަންނަވާނެ ކަމަށެވެ.

އަބްދުﷲ މުހައްމަދު އިތުރަށް ވިދާޅުވީ މިފަދަ ކަންތައްތައް ވަމުން އަންނާތީ އެބޭފުޅާ ސަރުކާރުގައި ހުންނަވަނީ ކީއްވެތޯ ބައެއް މީހުން ސުވާލުކުރާ ކަމަށާއި އިސްތިޢުފާ ނުދެނީ ކީއްވެތޯ ސުވާލު ކުރާކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގައި ހުރެގެން ސަރުކާރަށް ފާޑުކިޔޭނެ ކަމަށާއި އިސްލާހު ނުވެއްޖެނަމަ ދެން މަގުތަކަށް ނުކުންނަން ޖެހެންޏާ އެކަން ވެސް ކުރައްވާނަން ކަމަށް ވެސް ވިދާޅުވިއެވެ.

ދޮންބައްޕަ އާއި އެނޫން ވެސް މީހެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ކުއްޖާގެ މައްޗަށް ކުރި ހުކުމަށް އިޝާރާތްކޮށް އަބްދުﷲ ވިދާޅުވީ "ހަމަބުއްދީގައި ހުރެ، ރުހުމުގައި ފާފައެއް ކުރެވުނު ކަން އަމިއްލަ އިއުތިރާފުވެ" އެއްބަސްވުމުން އެ ކުއްޖާގެ މައްޗަށް ކުށުގެ އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައި ހުރި ކުއްޖާ އަމިއްލަ ރުހުމުގައި ޒިނޭކޮށްފިނަމަ ހައްދު ގާއިމް ކުރަން ޖެހޭނެ ކަމަށާއި އެކަމާމެދު "ޖަދަލު" ކޮށްގެން ނުވާނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުޙައްމަދަކީ ނިމިދިޔަ ރައީސް ނަޝީދުގެ ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއްވުންތަކުގައި އިސް ރޯލެއް އަދާ ކުރެއްވި ބޭފުޅެކެވެ.

މިފަދައިން އަބްދުﷲ މުޙައްމަދު ބުނެފައިވާއިރު، ރައީސް ވަހީދުގެ ޓްވީޓާ ދެކޮޅަށް ޢަދާލަތު ޕާރޓީއިން ވެސް ވަނީ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ޙުކުމް ތަކާއިމެދު ފާޑުކިއުމުގެ ޙައްގެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ބުނެ ނޫސް ބަޔާނެއް ނެރެފައެވެ.

ށ.ފޭދޫގެ ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެންކުއްޖާގެ ގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވުމާ ގުޅިގެން ހައްދު ޖެހުމަށް ކުރި ހުކުމާ މެދު ހިތާމަކުރައްވާ ކަމަށާއި އަދި އެމައްސަލަ މުރާޖައާކުރަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް މުހައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.