އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ޙުކުމް ތަކާއިމެދު ފާޑުކިއުމުގެ ޙައްގެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށާއި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ޝަރުޢީ ކޯޓަކުން ކުރެވޭ ދީނުގެ ޙުކުމްތަކަށް ފާޑުކިޔައި ޚިޔާލު ފާޅުކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޢަދާލަތު ޕާރޓީއިން ބުނެފިއެވެ.
ށ. ފޭދޫގައި ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެންކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ، އުމުރުން 15 އަހަރުގައި އަމިއްލަ ރުހުމުގައި ޒިނޭކުރިކަމަށް ޝަރީއަތުގެ މަޖިލީހުގައި އެކުއްޖާ އިއުތިރާފުވުމާ ގުޅިގެން އެކުށަށް އިސްލާމްދީނުގައި ކަނޑައެޅިފައިވާ އަދަބު ކަމުގައިވާ ހައްދު ޖެހުމަށް ކޯޓުން ކުރި ޙުކުމާ މެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދައްކަމުން ދާތީ އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ޝަރުޢީ ކޯޓަކުން ކުރެވޭ ދީނުގެ މިފަދަ ޙުކުމްތަކަށް ފާޑުކިޔައި ޚިޔާލު ފާޅުކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ އިސްލާމްދީނުގެ ޢަދުއްވުންނަށް ހިތްވަރުލިބި، ޢާންމު ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅި، ދީނުގައި ކަނޑައެޅިފައިވާ މިފަދަ ޙުކުމްތައް އުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ފުރުޞަތެއް ކަމަށެވެ. އަދި މިފަދަ ޙުކުމްތަކާއިމެދު ނުރުހުންފާޅުކުރުމަކީ އީމާންކަމާއި ފުށުއަރާ ކަމެއްކަމުގައި ﷲ ސުބުޙާނަހޫ ޥަތަޢާލާ ވަނީ އަންގަވާއި ކަމަށާއި އަދި މިފަދަ ޙުކުމްތައް ތަންފީޒުކުރުމުގައި އެއްވެސް އޯގާތެރިކަމެއް ނުބޭއްވުމަށްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައި އެ ކުއްޖާގެ މައްޗަށް ހައްދުޖަހަން ޙުކުމް ކޮށްފައިވަނީ އޭނާގެ ދޮންބައްޕަ ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގުމުން ކަމުގައި ބުނެ މަސްއަލައިގެ ޙަގީގަތް އޮޅުވާލަމުން އެބަދާކަމުގައެވެ. ނަމަވެސް ކޯޓުން ޙުކުމްކޮށްފައިވަނީ ކުރިން އިޝާރަތްކުރެވިފައިވާ މައްސަލައިގެ އިތުރުން އަމިއްލަ އިޚުތިޔާރުގައި ކޮށްފައިވާ ޒިނޭއެއްގެ މައްޗަށް ކަމަށް އެބަޔާނުގައިވެ އެވެ.
ޤުރުޢާންގެ ޢަލީގައި ހެކިދައްކާފައި އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި އިސްލާމް ދީނުގައި އައިސްފައިވާ މިފަދަ ޙުކުމްތަކުގެ ބޭނުމަކީ ފާޙިޝް ކަންތައްތަކާއި ނުބައި ކަންތަކުން މުޖުތަމަޢު ޙިމާޔަތްކޮށް އެމުޖުތަމަޢުގައި އަމަން އަމާންކަން ގާއިމް ކުރުން ކަމުގައެވެ. އަދި އެއީ ފަހަރެއްގައިވެސް އަނިޔާވެރިވުމެއް ނޫން ކަމަށާއި ބައިނަލްއަޤުވާމީ ބައެއް ފަރާތްތަކުން ހައްދުޖެހުމަކީ އިންސާނީ ކަރާމަތާއި ޚިލާފްކަމެއް ކަމަށާއި އެކަން ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކަށް އަޅުގަނޑުމެން ބީރުކަންފަތެއް ދޭން ޖެހޭ ކަމަށެވެ.
މިހާރަކަށްއައިސް ރާއްޖޭގެ މުޖުތަމަޢުގައި ބަދުއަޚުލާޤީ ޢަމަލުތައް އިތުރުވަމުން މިދަނީ ކަންބޮޑުވާންޖެހޭ މިންވަރަށް ކަމަށާއި ބެލެނިވެރިކަމުގައި ތިބި މީހުން އެމީހުންގެ ދަރީންނާއި ބަދުއަޚުލާޤީ ޢަމަލުހިންގުންވެސް މިވަނީ އާންމުވެފައިކަމަށް ވެސް މި ބަޔާނުގައިވެއެވެ. އަދި މި މައްސަލާގައި ޝާމިލްވާ ކުއްޖާއަށް އޭނާގެ ބެލެނިވެރިންގެ ފަރާތުން ލިބިފައިވާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާއި މެދު ހިތާމަކުރާކަމަށާއި އަދި މި އަނިޔާތައް ދިން ފަރާތްތަކަށް ދީނުގައިވާ ޙައްޤު އަދަބު ދިނުމަށް ކަމާބެހޭފަރާތްތަކަށް ޢަދާލަތު ޕާރޓީއިން ވަނީ ގޮވާލާފައެވެ.
މިފަދައިން ޢަދާލަތު ޕާރޓީއިން ބަޔާން ނެރެފައިވާއިރު، ށ.ފޭދޫގެ ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެންކުއްޖާގެ ގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވުމާ ގުޅިގެން ހައްދު ޖެހުމަށް ކުރި ހުކުމާ މެދު ހިތާމަކުރައްވާ ކަމަށާއި އަދި އެމައްސަލަ މުރާޖައާކުރަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް މުހައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...