ށ.ފޭދޫގެ ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެންކުއްޖާގެ ގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވުމާ ގުޅިގެން ހައްދު ޖެހުމަށް ކުރި ހުކުމާ މެދު ހިތާމަކުރައްވާ ކަމަށް ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ރަސްމީ ޓުވިޓާ އެކައުންޓުން އެމަނިކުފާނު ރޭ ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކުޑަ ކުއްޖެއްގައި ގައިގާ ހައްދުޖެހުމަށް ކުރި ހުކުމާ ގުޅިގެން އެމަނިކުފާނު ހިތާމަކުރައްވާ ކަމަށާއި އަދި އެމައްސަލަ މުރާޖައާކުރަން އެމަނިކުފާނު މަސައްކަތްކުރައްވާނެ ކަމަށެވެ.
"ކުޑަ ކުއްޖެއްގެ ގައިގާ ހައްދުޖަހަން ކުރި ހުކުމާ ގުޅިގެން ހިތާމަކުރަން. އެހުކުމް މުރާޖައާ ކުރުމަށް ސަރުކާރުން ބާރުއަޅާނަން" ޑރ. ވަހީދުގެ ޓުވީޓުގައިވެ އެވެ.
ށ. ފޭދޫގައި ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެންކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ އެކުއްޖާގެ ގައިގައި 100 އެތިފަހަރުން ހައްދު ޖެހުމާ އެކު އަށް މަސް ދުވަހަށް ގޭބަންދު ކުރުމަށް ޖުވެނައިލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.
ޖުވެނައިލް ކޯޓުއިން ހާމަކުރިގޮތުގައި އެކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވީ އުމުރުން 15 އަހަރުގައި އަމިއްލަ ރުހުމުގައި ޒިނޭކުރިކަމަށް ޝަރީއަތުގެ މަޖިލީހުގައި އެކުއްޖާ އިއުތިރާފުވުމުން ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...