މިދިޔަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ވަގުތެއްގައި ދާރުލްއާސާރުގައި ބަހައްޓާފައި ހުރި ބައެއް ބުދުތަކަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ، ދާރުލްއާސާރުގައި ހުރި ތަކެއްޗަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ މ. ހާދޫ، މުހައްމަދު ނިޝާން އަދި ގ. އަޑިމަގު ޔޫސުފް ރިޟްވާން އާއި އިތުރު ބަޔަކާ އެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 10:50 އެހައިކަންހާއިރު ދާރުލް އާސާރު ތެރެއަށް ވަދެ އެތަނުގައި ހުރި ރާއްޖެ އިސްލާމްވުމުގެ ކުރީގެ އާސާރީ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ސަން އޮންލައިންއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، އެދެމީހުންގެ މައްޗަށް ވެސް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން އެ ދެ މީހުންގެ މައްޗަށް ކޮށްފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ 150ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް އެ މާއްދާގައި ބުނެފައި ވެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ދާރުލްއާސާރުގައި ބަހައްޓާފައި ހުރި ބުދުތައް ތަޅާލާ މަންޒަރު ދައްކައިދޭ އެތަނުގެ ސީސީޓީވީ ފޫޓޭޖް ވަނީ އާންމުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...