
ޝެއިހް އަޒީޒް: ދީނަށް މަލާމާތް ކުރުމަކީ ދީނުން ބޭރުވާ ކަމެއްކަމެއް ކަމަށް ރޭގެ ޖަލްސާގައި ޝެއިޚް ވިދާޅުވި | ފޮޓޯ: އެމްއެންޑީއެފް
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، ތަރުބިއްޔަތު ކުރެއްވި ޖީލުގެ މައްޗަށް މިއަދު ބައެއް މީހުން މަލާމާތް ކުރާ ކަމަށްކަމަށް އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިން ވިދާޅުވެއްޖެއެވެ.
އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިން މިހެން ވިދާޅުވެފައިވަނީ ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ގައުމީ ރޫޙް އާލާކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ޝެއިހް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، ތަރުބިއްޔަތު ކުރެއްވި ޖީލުގެ މައްޗަށް މިއަދު ބައެއް މީހުން މަލާމާތް ކުރާ ކަމަށާއި ދީނަށް މަލާމާތް ކުރުމަކީ އިންސާނާ ދީނުން ބޭރުވާ ކަމެއްކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވާކަމަށެވެ. އަދި ދީނުން ބޭރުވާ ދިހަކަމެއް ވާކަމަށާއި އެކަންތައްތަކުގެ ތެރޭގައި ދީނަށް މަލާމާތް ކުރުން ހިމެނޭ ކަމަށެވެ. ހަމައެހެންމެ ދީނަށް މަލާމާތް ކުރުމަކީ މުސްލިމުންނަށް މަލާމާތް ކުރުމާއި ފުރައްސާރަކުރުން ކަމަށާއި މިއީ ކާފަރުންގެ ސިފަތައްކަން އެމަނިކުފާނު ބަޔާން ކުރެެއްވިއެވެ.
ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ޝެއިހް އަޒީޒް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކާ ޣީބަ ބުނުމާއި ދެބައޮޑުވުމާއި މީހުންގެ އިއްޒަތާއި އަބުރަށް ހުތުރު އަރާކަހަލަ ވާހަކައާއި ފާހިޝްވާހަކަތައް ދެއްކުން ނަހީކޮށް އެކަކު އަނެކަކަށް އިޙްތިރާމް ކުރަން އިސްލާމްދީން އަންގަވާފައިވާކަމަށާއި މިގޮތުން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެ ޒަމާނުގައި ހިގާފައިވާ ބައެއް ހާދިސާތަކުން މިސާލު ނަންގަވާ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވި ހުރިހާ ކަމެއްގައި ހިފެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.
ޤުރުއާނުން ދަލީލު ދައްކަވަމުން ޝެއިހް އަޒީޒް ވިދާޅުވީ ފާސިޤަކު ޚަބަރެއް ހިފައިގެން އަތުވެއްޖެނަމަ އޭގެ ދޮގު ތެދު ނުބަލައިފިނަމަ ޣާފިލުކަންމަތީގައި ވީނުވީއެއް ނޭގި އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ހިސާބަށް ކަންތައްތައް ހިގައިދާނެ ކަމަށެވެ. އަދި މިމީހުން މެރުމުގެ ވާހަކަފުޅަށް އަލިއަޅުވާލައްވަމުން ޝެއިހް ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ބުނިބުންޏޭ ކިޔާފައި ދައްކާ ވާހަކަތަކުގެ ނަތީޖާއަކީ "ދޮގު"އަށް ވެގެން ދާކަމަށެވެ.
ސިފައިންގެ މަތީފެންވަރުގެ ބޭފުޅުންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއިއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާއިލާތަކުން ބައިވެރިވެލެއްވި މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިސްލާހަށް މަސައްކަތްކުރާ ބޭފުޅުންގެ ތެރެއިން އެއްބަޔަކީ ދިވެހި ސިފައިން ކަމަށާއި އެހެންކަމުން ސިފައިންނަކީ މީހުންގެ ޤަދަރު ލިބި މީހުން ބަލައިގަންނަ ނަމޫނާ ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި އިސްލާމްދީން ގޮވާލަނީ ބައިބައިނުވެ އެކުވެރިވުމަށާއި މަޢާފު ކުރުމަށާއި ﷲގެ ފޮތުގައި ހިފަހައްޓައިގެން ތިބުމަށް ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.
ނަރަކައިން ސަލާމަތްވެވޭތޯ މަސައްކަތްކުރުމަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، އިރުޝާދު ދެއްވާފައިވާއިރު އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި ދަރިން ނަރަކައިގެ ވޭންދެނިވި ޢަޒާބުން ސަލާމަތް ކުރެއްވުމަށް މަސައްކަތްކުރަންޖެހޭކަމަށާއި މިއެކުވެރިކަން ދެމެހެއްޓޭނެ ގޮތްތަކެއް މާތްވެގެންވާ އިސްލާމްދީނުގައި ބަޔާންކުރައްވާފައިވާކަމަށްވެސް ޝެއިހް އަޒީޒް ވިދާޅުވިއެވެ.
ދިވެހި ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ޤައުމީ ރޫޙް އާލާކުރުމުގެ ގޮތުން ސިލްސިލާ ޖަލްސާ ތަކެއް ސިފައިން އަންނަނީ ބާއްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...