މާތް ﷲ އަށާއި އިސްލާމްދީނަށް ފުރައްސާރަވާ ގޮތަށް ﷲ އަށް ވެގެން މިނިވަން ނިއުސް ވެބްސައިޓަށް މީހަކު ކުރި ކޮމެންޓް އެ ނޫހުން ޝައިއުކޮށްފައިވާތީ އެނޫހުގެ އެޑިޓަރު ޤާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް މީޑިއާކައުންސިލުން އަންގައިފިއެވެ.
އެކައުންސިލުން މިގޮތަށް އަންގާފައިވަނީ މިނިވަން ނިއުސްގެ ވެބްސައިޓުގައި މާތްﷲ ގެ އިސްމުފުޅު ބޭނުންކޮށްގެން މީހަކު ކޮށްފައިވާ ކޮމެންޓެއް އެވެބްސައިޓުގައި ޝާއިއުކޮށްފައިވާތީވެ އެއީ މާތްﷲ އަށާއި އިސްލާމްދީނަށް ކުރި ފުރައްސާރައެއް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއިން ހުށަހަޅާފައިވާ މައްސަލަ ތަހުޤީޤު ކުރުމަށް ފަހުގައެވެ.
މީޑިއާ ކައުންސިލުގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމައްސަލަ ތަޙުޤީޤު ކުރުމުގެ ތެރޭގައި އެކައުންސިލުން އެވެބްސައިޓުގެ ހިންގާ ފަރާތާއި ސުވާލުކުރުމުން އެކޮމެންޓު ނަގާފައިވާކަމަށް ބުނެ މައުލޫމާތު ދީފައިވާކަމަށެވެ.
އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް އެކައުންސިލުގައި އެފަރާތުން ބުނެފައި ވުމުން އެކަން އެކައުންސިލުން ބަލައިގަނެފައި ވާކަމަށާއި އެގޮތަށް ބަލައިގަނެފައި ވީނަމަވެސް މިނިވަން ނިއުސްގެ އެޑިޓަރުގެ މައްސަލަ ޤާނޫނީ އިމުގެ ތެރެއަށް ފައްތަން ޖެހޭކަމަށް އެކައުންސިލަށް ގަބޫލުކުރެވޭތީ އެކަން އެސައިޓުގެ މަސްެއޫލުވެރި ފަރާތަށް އަންގާފައިވާކަމަށްވެސް އެކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މިނިވަން ނިއުސްގެ މި ޢަމަލާގުޅިގެން ޖަމިއްޔަތުއްސަލަފާއި އަދާލަތު ޕާޓީންވެސް ވަނީ މިކަން ކުށްވެރިކޮށް ނޫސްބަޔާން ނެރެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...