2013 ވަނަ އަހަރު ގައުމީ ޔުނިވާސިޓީ އިން ހިންގާ ކޯސްތަކުގެ ފީ ބޮޑުކޮށްފައި ވުމުން ފީ ކުޑަކޮށް ދިނުމަށް ނުވަތަ ފީތަކުން ބޮޑުވި ބައި ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް އެދި ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ޕެޓިޝަނެއްގައި ސޮއިކުރަމުން އެބަދެއެވެ.
މިކަމާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މީޑިއާ ކޯޑިނޭޓަރ އަހްމަދު ސުހާން ވިދާޅުވީ، ކުރިން ވަކި އަގެއް ކަނޑައެޅިގެން ކޯސްހަދަމުން ދާ ދަރިވަރުންނަށްވެސް ކުރިން އެންގުމަކާ ނުލައި ފީ ބޮޑުކޮށްފައި ވާއިރު ބައެއް ކޯސްތަކުގެ ފީ ދެގުނަ ތިންގުނައަށް ބަދަލުކޮށްފައި ވާކަމަށާއި ކުރިން ހިލޭ ކިޔަވައި ދިން ކޯސްތަކުން މިހާރު ފީނަގާ ގޮތަށް ހަމަޖައްސާފައި ވާކަމަށެވެ.
މީގެ އިތުރުން ދަރިވަރުން ކިޔަވަމުން ދަނީ ވަކި އަދަދެއްގެ ބަޖެޓެއް ހަމަޖައްސައިގެން ކަމަށާއި ކުއްލިއަކަށް ފީ ބޮޑުކުރުމުން ފީދެއްކުމަށް ދަރިވަރުންނަށް ވަރަށް ބޮޑެތި ތަކުލީފްތަކާ ކުރިމަތި ވެފައި ވާކަމަށްވެސް ސުހާން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޔުނިވާސިޓީ ކައުންސިލްގައި ދަރިވަރުންގެ ފަރާތުން ހޮވާފައިވާ މެންބަރު މުޙައްމަދު ސުޖާޢު ވިދާޅުވީ މިކަން މައްސަލައަކަށް ވެގެން މިއުޅެނީ ކޯސްފީތައް ބޮޑުކޮށްގެން ނޫންކަމަށާއި މައްސަލައަކަށް ވެގެން މިއުޅެނީ 2013 ވަނަ އަހަރު ކޯސްތަކުގެ ފީ ބޮޑުކުރިއިރު ކިޔަވަމުން ދިޔަ ދަރިވަރުންގެ ފީތައް ވެސް ބޮޑުކޮށްފައި ވާތީކަމަށެވެ.
ސުޖާޢު އިތުރަށް ވިދާޅުވީ މިކަން ޔުނިވާސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައި ވާނެކަމަށާއި މިހާރު ދަރިވަރުން ސޮއި ކުރަމުންދާ ޕެޓިޝަންތަކަކީ މިކަމަށް އަލިމަގެއް ނުލިބިއްޖެނަމަ ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށް ސޮއި ކުރަމުންދާ ޕެޓިޝަން ތަކެއް ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...