އުސްފަސްގަނޑު ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާތީ އެސަރަހައްދު ނަގައިދިނުމަށް އެދި ހައުސިން މިނިސްޓްރީން ފުލުހުންނަށް ސިޓީއެއް ފޮނުވައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވެފައި ވަނީ ހައުސިން މިނިސްޓްރީގެ ސިޓީއެއް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
7 ދުވަހުގެ ތެރޭގައި އުސްފަސްގަނޑު ސަރަހައްދު ސަރުކާރާ ހަވާލުކުރުމަށް ސިޓީ ކައުންސިލަށް އަންގައި ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިމަހުގެ 20ވަނަ ދުވަހުގައެވެ.
ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އުސްފަސްގަނޑު ސަރަހައްދަކީ ސަރުކާރާއި ކައުންސިލާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހަވާލުކުރެވިފައިވާ ތަނެއްކަން އެނގޭ ކަމަށާ ސިޓީ ކައުންސިލުން އެތަން ބޭނުންކުރަމުންދަނީ ސަރުކާރުން ކަނޑައަޅާފައިވާ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ކަމަށް ވާއިރު އެތަން އެހެން އެއްވެސް ފަރާތަކަށް ދޫކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންނުވާ ކަމަށެވެ. އަދި ސަރުކާރުން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ތަންތަނުގެ ދަފްތަރުން އެ ބިން އުނިކޮށް އެ ބިން ސަރުކާރަށް ނެގުމަށް ހައުސިން މިނިސްޓްރީން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...