
އައްޝައިޚް އިމްރާން ޢަބްދުﷲ "އަހަރަމެން ވަނީ ޣައްޒާ އާއެކު" ދަރުސްގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ
ދަރިވަރުންނަށް ދެވޭ ތައުލީމަކީ ދެދުނިޔޭގައިވެސް ފައިދާކުރާނެ ތައުލީމަށް ހެދުމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.
ޝައިޚް އިމްރާން މިކަމަށް އިލްތިމާސްކުރެއްވީ ދިރާސީ އައުއަހަރު ފެށުމާގުޅިގެން ދެއްވި ޚިޠާބެއްގައެވެ. ޝެއިޚް ވިދާޅުވީ ދަރިވަރުންނަކީ ޤައުމުގެ ޝަރަފާއި، ފަޚުރު އަދި ކަރާމާތް ދަމަހައްޓާނެ، ދީނާއި ޤައުމު ދެކެ ލޯބިވާ ދަރިންކަމުގައި ވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި ތަހުޒީބުގެ ނަމުގައި ހަލަބޮލި ކަމާއެކު ފެތުރެމުންދާ ލާދީނީ އޮއިވަރުގައި ބެހިގެން ނުދާފަދަ ހިތްވަރާ އަޒުމު ދިވެހި ދަރިވަރުންގެ ކިބައިގައި އުފައްދައި ދުނިޔޭގެ ކުރިމަތީގައިވެސް އިސްއުފުލާލެވޭ ފަދަ ޝަޚުޞިއްޔަތަކަށްވެ، ތާރީޚުގައި ރަންއަކުރުން ނަން ލިޔެވިދާފަދަ ފަޚުރުވެރި ދަރިންނަށްވުމަށް ކޮންމެ ދަރިވަރަކު މިއަދު ޢަޒުމު ކަނޑައެޅުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
”ޤައުމުގެ ކުރިމަގު ބިނާކުރާނެ ދަރިންނަކީ އަދުގެ ލޮބުވެތި ކިޔަވާ ކުދިން ކަމުގައިވީހިނދު، އެދަރިވަރުންނަށް ދެވޭ ތަޢުލީމަކީ އުޚުރަވީ ގޮތުންނާއި ދުނިޔަވީ ގޮތުން މަންފާކުރަނިވި އެއްޗަކަށް ހެއްދެވުމުގައި އިޚްލާޞްތެރި ކަމާއެކު މަސައްކަތް ކޮށްދެއްވުމަށް ތަޢުލީމީ ދާއިރާގެ އެންމެހާ ވެރިންނާ، ކަމާބެހޭ އެންމެހާ ބޭފުޅުންނާއި ޚާއްޞަކޮށް މުދައްރިސުންނާއި ބެލެނިވެރިންނަށް އަޅުގަޑު އިލްތިމާސްކުރަން“ ޝެއިޚް ވިދާޅުވިއެވެ.
ޝައިޚް އިމްރާން ވިދާޅުވެފައިވަނީ ތަޢުލީމީ އައު އަހަރު ފެށިގެން ދާއިރު ޢަރަބި އިސްލާމީ ތަޢުލީމުދޭ ހަމައެކަނި މަދުރަސާ، އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް އެފުރުޞަތު ތަނަވަސްވެފައި ނެތްކަމީ އެ މަދުރަސާގެ ލޮބުވެތި ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނަށް ބަރުދާސްތު ނުކުރެވޭފަދަ ބޮޑު ހިތްދަތިކަމަކާއި ހިތާމައެއް ކަމަށެވެ. އަދި ޢަރަބިއްޔާ ސްކޫލަކީވެސް އެހެން ސްކޫލްތައްފަދައިން ދަރިވަރުންނަށް ތަޢުލީމު ޙާޞިލު ކުރުން އެކަށީގެންވާ މާޙައުލަކަށް މިހާރުން މިހާރަށް ހައްދަވާދެއްވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނާއި އެހެނިހެން ފަރާތްތަކައްވެސް އިލްތިމާސްކޮށް ދެންނެވިއެވެ.
ރާއްޖޭގެ ދަރިންނަކީ ޤައުމުގެ މުސްތަޤުބަލު އުޖާލާ ކުރާނޭ ” އަލިގަދަ ދަންމަރު ” ތަކެއް ކަމުގައި ލައްވަވާ، މި ދިވެހި ޢާއިލާގެ އަޚްވަންތަކަން ބަދަހި ކުރައްވަވައި، އުފާ ފާގަތި ދުވަސްތަކެއް ދެއްކެވުމަށް ޝައިޚް އިމްރާން ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...