މިއަހަރުގެ ފުރަތަމަ ޓާމުގައި އެކަނި ވެސް ގައުމީ ޔުނިވާސިޓީގައި 7،000 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން ތަޢުލީމް ހާސިލްކުރާނެ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފިއެވެ.
ޔުނިވަސިޓީން ބުނީ މި އަދަދަށް ދަރިވަރުން ކިޔަވާނެ ކަމަށް ލަފާކުރެވޭއިރު، އެ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ފެންވަރުން ފެށިގެން ޕީއެޗްޑީ ލެވެލްގެ ކޯސްތަކާ ހަމައަށް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ޔުނިވަސިޓީން ހިންގާ ކުރު މުއްދަތުގެ ކޯސް ތަކުގައި ކޮންމެ އަހަރަކު ވެސް 2000 ގާތް ކުރާ އަދަދަށް ދަރިވަރުން ތަޢުލީމު ހާސިލް ކުރަމުންދެއެވެ.
އަލަށް ހޮވުނު 3،085 ދަރިވަރުންނާ އެކު ޤައުމީ ޔުނިވަސިޓީގެ ފުރަތަމަ ޓާމުގެ ރަޖިސްޓްރޭޝަން މިހާރު ފަށާފައިވާއިރު، ޔުނިވަސިޓީން ބުނީ އެއް ޓާމެއްގައި އެންމެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލް ކުރަން ފެށީ މިއަހަރު ކަމަށެވެ.
ޔުނިވާސިޓީން ބުނީ އިޢުލާނުކުރި ބައެއް ކޯސްތަކަށް މިހާރުވެސް ދަރިވަރުން ހޮވަމުން ގެންދާތީ އެ އަދަދު އިތުރުވާނެ ކަމަށެވެ. ޖާގަ ހުރި ކޯސްތަކުން ވެސް ފަހުން ހުށަހަޅާ ދަރިވަރުންނަށް މިމަހުގެ 31 ގެ ނިޔަލަށް ޖާގަ ދޫކުރަމުންދާނެ ކަމަށް ޔުނިވަސިޓީން ބުނެ އެވެ.
އަލަށް ހޮވުނު ދަރިވަރުންގެ ފުރަތަމަ ޓާމްގެ ރެޖިސްޓްރޭޝަން މިއަދު ފެށިއިރު، މިދިޔަ އާދިއްތަ ދުވަހު ވަނީ އަލަށް ހޮވުނު ހުރިހާ ދަރިވަރުންނަށް ދެ ދަންފަޅިއަކަށް ބަހާލައިގެން އޮރިއެންޓޭޝަން ބާއްވާފަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...