ފަގީރުންނާއި މިސްކީނުން އަދި ޔަތީމު ކުދިންނަށް އެހީ ވުމުގެ ގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ ތެރެއިން ހަލާކުނުވެ ހުންނަތަކެތި އުކާލުމުގެ ބަދަލުގައި އެތަކެތި ހަދިޔާ ކުރުމުގެ ހަރަކާތެއް އެހީ ޖަމިއްޔާއިން ފަށައިފިއެވެ.
މިކަމާ ގުޅިގެން އެހީ ޖަމިއްޔާއިން ހާމަކުރަށްވާ ގޮތުގައި މި ހަރަކާތަކީ ވަކި މުއްދަތެއް ނެތި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި އެހީވުމަކީ ހަމައެކަނި މާލީ ތަނަވަސްކަން ހުރި ފަރާތްތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނޫން ކަމަށާއި ކޮންމެ މީހަކުވެސް އެމީހަކު ބޭނުންކޮށްފައިވާ ހެދުމާއި ފޮތް ފަންސޫރު ފަދަ ތަކެއްޗާއި ބަދިގޭ ސާމާނާއި އަދި ބޭނުން ހިފޭނެ މިނޫން ވެސް އެހެނިހެން ތަކެތި އުކާލުމުގެ ބަދަލުގައި އެތަކެތީގެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް މިހަރަކާތުގެ ދަށުން ޞަދަޤާތުގެ ގޮތުގައި ހަދިޔާކުރެވިދާނެ ކަމަށެވެ.
މީގެ އިތުރުން ހަވާލުކުރާ ތަކެތި އެޖަމިއްޔާގެ އޮފީސް ހ. ގޯލްވިލެޖް އަށް ހަވާލުކުރުމުން ނުވަތަ އެ ޖަމިއްޔާގެ ހޮޓްލައިން 7803433 ގުޅާލުމުން އެތަކެތި ބަލާ އެގެއަކަށް ދާނެ ކަމަށްވެސް އެހީ ޖަމިއްޔާއިން ހާމަކުރެއެވެ.
12 ޖުލައި 2012ގައި އުފެދުނު މިޖަމިޔާއިން މީގެ ކުރިންވެސްވަނީ މިފަދަ އެހީތެރިކަމުގެ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން ފިތުރު ޒަކާތް ނަގައި އޭގެ ހައްގުވެރިންނަށް ފޯރުކޮށް ދިނުމާއި ފާއިތުވި ރަމަޟާންމަހު ރޯދަހިފުމަށް ކުޅަދާނަ ނުވުމުގެ ސަބަބުން މުއްދު ބަހަންޖެހޭ ގިނަބައެއްގެ މުއްދު ފަގީރުންނަށް ބެހުމުގެ ހަރަކާތެއްގެ އިތުރުން އަލަށް އިސްލާމްވި ބިދޭސީއެއްގެ ހިތާނަކުރުމުގެ ހަރަދުތައްވެސް ވަނީ ކޮށްދީފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...