ހީނަރުވެފައިވާ ގައުމީ އެއްބައިވަންތަކަން ދިރުވާ އާލާކުރުމަކީ، އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތެއްގެ މަސްއޫލިއްޔަތެއް ކަމަށް ރައިސް މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރައިސް ވަހީދު މިހެން ވިދާޅުވީ ސުނާމީ ކާރިސާއާ ގުޅުވައިގެން ފާހަގަ ކުރަމުން އަންނަ އެއްބައިވަންތަކަމުގެ ދުވަހު މުނާސަބަތުގައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަހީދު އިތުރަށް ވިދާޅުވީ އެ ކާރިސާ އަށް 8 އަހަރު ފުރުނު އިރު ފެންނަ މަންޒަރުތަކާއި އިވެމުންދާ އަޑުތަކުން، އަދި ދެކެވޭ ވާހަކަތަކާއި ލިޔެވޭ ލިޔުންތަކާއި ކުރެހޭ ކުރެހުންތަކުން ފެންނަނީ އުޚުވަތްތެރިކަމުގެ ފޭރާން ވީދި ހަލާކުވެފައިވާ މިންވަރު ކަމަށެވެ. އަދި ސިޔާސީ އަމިއްލަ މަންފާއަށްޓަކައި މުޅި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލަން ކުރެވޭ މަސައްކަތާއި އަމިއްލަ މަސްލަހަތުގެ ކުރިމަތީގައި ގައުމުގެ މަސްލަހަތުތައް ފަހަށް ޖައްސާލެވޭތަން ވެސް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ހަމަމިއާއެކު ފަރުދީ ޒިންމާ އަށް ފަސްނުޖެހި އެއްބައިވަންތަކަމަށްޓަކައި އަމިއްލަ މަސްލަހަތުގެ ކުރިއަށް، ގައުމީ މަސްލަހަތު އިސްކުރަން ޖެހިފައިވާ ކަމަށާއި ދިވެހިންގެ ތެރޭގައި ބައިބައިވުން އުފެދި، ފިތުނައިގެ އަލިފާންގަނޑު ބޮޑުވެ އަނދަމުންދާ ނަމަ އޭގެ ހޫނުގެ ނޭދެވޭ އަސަރު ގައުމަށް ނުކޮށް ނުދާނެ ކަމަށާ ގައުމުގެ އެއްބައިވަންތަކަން ހީނަރުވާ ކޮންމެ ވަގުތަކީ ބޭރުގެ ނުފޫޒުތަކަށް ފުރުސަތު ދެވޭ ވަގުތެއް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސުނާމީ ކާރިސާގައި ގިނަ ބަޔަކު ހާލުގައި ޖެހިގެން ދިޔައިރު އެކަކު އަނެކަކަށް އެހީތެރިވެދިނުމުގައި ވަނީ އިސްލާމީ އުސޫލުތަކާއި ދިވެހިންގެ ޒަމާންވީ އާދަކާދައިގެ ތެރެއިން ރީތި ނަމޫނާތަކެއް ދައްކާފައި ކަމަށާއި އެ ބޮޑު ނުރައްކަލާ ކުރިމަތިލާން ޖެހުނު ހިނދު އެ އެއްބައިވަންތަކަން އަޅުގަނޑުމެންގެ ކިބައިން ނުފެނުނު ނަމަ ލިބިގެންދިޔަ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ ގައުމު އާރާސްތުކުރަން އަޅުގަނޑުމެންނަށް މާ ގިނަ ދުވަސްތައް ހޭދަކުރަން ޖެހުނީސް ކަމަށް ރައީސް ވަހީދުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...