ރ. އިގުރައިދޫގައި ފުލުހުންގެ ޚިދުމަތަށް ބޭނުންކުރުމަށް ތައްޔާރުކުރަމުންދާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އިނގުރައިދޫ ރަށުގެ ރައްޔިތުން ބަލަހައްޓަމުން ގެންދާ މި އިމާރާތުގައި އަލިފާނުގެ ހާދިސާ ހިންގައިގެން ފުލުހުންނަށް ރިޕޯރޓްކޮށްފައިވަނީ މި ޑިސެމްބަރ މަހު 21 ވަނަ ދުވަހުގެ ރޭ ދަންވަރު 02:10 ހާއިރު ކަމަށާއި އަލިފާން ނިއްވާލުމަށް ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އެގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނީ އެރޭ 03:30 ހާއިރު ކަމަށެވެ.
މީގެ އިތުރުން އަލިފާން ނިއްވާލެވުނު އިރު އެގޭގައި ހުރި ހުރިހާ ފަރުނީޗާރތަކެއްގެ އިތުރުން ގޭގައި ބޭނުންކުރާ އެހެނިހެން ސާމާނުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
އަދި ހަމަ މިއާއެކު މި އިމާރަތަކީ އިނގުރައިދޫގައި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި އިނގުރައިދޫ ކައުންސިލުން ފުލުހުންނަށް ދިނުމަށް ހަމަޖައްސައި އެކަމަށް ތައްޔާރުކުރަމުންދާ އިމާރާތަކަށް ވާއިރު މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...