ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލިކަމުގެ ކުށުގައި މެރުމަށް ހުކުމް ކޮށްފައިވާ ށ. ގޮއިދޫ ރިހާބު، ފާތިމަތު ހަނާ އެ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށައަޅައިފިއެވެ.
ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ ހަނާއެވެ. އަދި އެ މައްސަލަ ބަލައިގަތުމާ މެދު އެކޯޓުން ވަކިގޮތެއް އަދި ނިންމާފައެއް ނުވެއެވެ.
ހަނާގެ މައްޗަށް ދައުލަތުން ކުރި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ޝަރީއަތުގެ މަޖިލީހުގައި އޭނާ ދައުވާއަށް އިއުތިރާފުމުންނެވެ.
ނަޖީބު މަރާލާފައިވަނީ 30 ޖޫން 2012 ވަނަ ދުވަހުގެރޭ މުއްރަތާއި ހަނާގެ ދަޢުވަތަކަށް އެގެއަށް ނަޖީބު ދިއުމުން އެމީހުން ދިރިއުޅޭ ބަޔަށް ގެންގޮސް އޭނާގެ އަތާއި ދެ ފައި ގޮނޑިއަކާ އެކު ޓޭޕުން ބަނދެ، މޫނާއި އަނގަމަތީގައި ވެސް ވަށައި ޖެހޭ ގޮތަށް ޓޭޕް އެޅުމަށް ފަހު ޖެހިގެން އައި ދުވަހު ނަޖީބު އަޑުގަދަކުރައްވަން ފެއްޓެވުމުން މުއްރަތު އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗީގެ ވަޅިއެއް ނަޖީބުގެ ކަރަށް ހަރައި ޓީޝާޓާއި އިސްޓާކީނެއް ކަރުގައި އޮޅައިލައިގެން ކަމަށް މުއްރަތު ބުނެފައިވެއެވެ.
ހަނާ ބުނެފައިވަނީ ނަޖީބު ބަނުމުގައި އޭނާ އެހީތެރިވެދީފައިވާނެ ކަމަށާއި އަދި ނަޖީބު މަރާލާފައިވަނީ އޭނާ ރާ ބޮއިގެން ނިދާފައި އޮއްވާ ކަމަށެވެ.
ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގައި މުއްރަތު އާއި ހަނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވާއިރު ހަނާގެ ލޯބިވެރިޔާ، މުއްރަތު އެ ހުކުމް އަދި އިސްތިއުނާފުކޮށްފައެއްނުވެ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...